ހަމާސް ޖަމާއަތުން އިސްރާއީލަށް އިއްޔެ ހެނދުނު ދިން ކުއްލި ހަމަލާތަކާއި ގުޅިގެން ބަދަލު ހިފުމުގެ ގޮތުން ވަރުގަދަ ރޭވުމެއް ރާވަމުން އަންނަ ކަމަށް، އަސްކަރީ އެނަލިސްޓަކު ބުނެފިއެވެ.

ހަމާސްއިން އިސްރާއީލަށް ހަމަލާތަކެއް ދީފައިވަނީ ފާއިތުވި އަހަރު ތަކުގައި އިސްރާއީލުން ފަލަސްތީނުގެ ކުށެއް ނެތް އެތަކެއް ބަޔަކު ޝަހީދުކޮށްލައި، ފަލަސްތީނުގެ މީހުންނަށް އަނިޔާކޮށް، އަލް އަގްސާ މިސްކިތަށް ވެސް ހަމަލާތައް ދިނުމާއި ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ.

މި ހަމަލާއާއި ގުޅިގެން ހަމާސްއާއި އިސްރާއީލުން ވަނީ ވަރުގަދަ ހަމަލާތަކެއް ބަދަލު ކުރަން ފަށާފައެވެ.

މިކަމާއި ގުޅިގެން އަސްކަރީ އެނަލިސްޓެއް ކަމަށްވާ ޔޮނާހް ޖެރެމީ ބޮބް ބުނެފައިވަނީ ގައްޒާއަށް އެއްގަމު މަގުން ވަރުގަދަ ހަމަލާއެއް ދިނުމަށް ރާވަމުން އަންނަ ކަމަށް ބެލެވޭ ކަމަށެވެ. އަދި މި ހަމަލާ ވެގެން ދާނީ 2014 ވަނަ އަހަރުން ފެށިގެން މިހާތަނަށް ދޭ އެންމެ ވަރުގަދަ ހަމަލާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

2014 ވަނަ އަހަަރު އިސްރާއީލުން ޣައްޒާއަށް ހަމަލާދީފައިވާއިރު، އެ ހަމަލާ ދިނުމަށް ރިޒާވްގެ ގޮތުގައި 80،000 ސިފައިން އިސްރާއީލުން ވަނީ ބޭނުން ކޮށްފައެވެ.

އޭނާ ބުނާ ގޮތުގައި އިސްރާއީލުން ރާވަމުން އަންނަ ހަމަލާ ކުރިއަށް 24 ގަޑިއިރު ނުވަތަ އެއް ދުވަސް ފަހުން ދޭނެއެވެ. އަދި އެ ހަމަލާގައި ހަމާސް އަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް ވެސް އޭނާ ވަނީ އަންދާޒާ ކޮށްފައެވެ.

އިސްރާއީލުން ވަރުގަދަ ހަމަލާއެއް ދޭން ރާވަމުން އަންނަ ކަމަށް އެނަލިސްޓަކު ބުނެފައިވާއިރު، އެގައުމުގެ ބޮޑު ވަޒީރު، ބެންޖަމިން ނަތަންޏާހޫ ވެސް ވަނީ ޣައްޒާގައި ތިބި ފަލަސްތީނުގެ ރައްޔިތުން އެސަރަހައްދުތައް ދޫކޮށް ދިއުމަށް އިލްތިމާސް ކޮށްފައެވެ. އެގޮތަށް އިލްތިމާސް ކޮށްފައިވަނީ ހަމާސް ޖަމާއަތުގެ މީހުން ފިލައި ތިބި ތަންތަނުގައި ފަލަސްތީނުގެ ރައްޔިތުން ވެސް ތިބެދާނެތީ ރައްކާތެރިކަން ހޯދުމަށެވެ.