ފަލަސްތީނަށް މިނިވަން ކަން ހޯދައި ދިނުމަށް އެ ގައުމުގެ ރައްޔިތުންގެ ހައްގުގައި ހަނގުރާމަ ކުރަމުން އަންނަ ހަމާސް ޖަމާއަތުން އިސްރާއީލާ ދެކޮޅަށް ކުއްލިއަކަށް ފެށި އޮޕަރޭޝަންގައި މަރާލި އިސްރާއީލް މީހުންގެ އަދަދު 300 އަށް އަރައިފިއެވެ.

ހަމާސް ޖަމާއަތުން އިސްރާއީލަށް އިއްޔެ ހެނދުނުން ފެށިގެން ދެމުން އަންނަ ހަމަލާތަކާއި ގުޅިގެން އިސްރާއީލުން ވެސް އަންނަނީ ހަމަލާ ބަދަލު ކުރުންތައް ދެމުންނެވެ. ދެގައުމުން ދެމުން އަންނަ މި ހަމަލާތަކުގައި ދެގައުމުން ވެސް ގިނަ ބަޔަކު ވަނީ މަރުވެ، ޝަހީދު ވެފައެވެ.

ގުދުން ނެޓްވޯކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މި ހަމަލާތަކުގައި މިހާތަނަށް އިސްރާއީލުގެ 300 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރެއިން އެގައުމުގެ ސިފައިންނާއި އާންމުން ހިމެނެއެވެ. އެގައުމުގެ 300 މީހުން މަރުވެފައިވާއިރު، 1500 އަށްވުރެ ގިނަ ބަޔަކަށް އެކި ވަރުގެ ޒަހަމްތަކެއް ވެސް ވަނީ ވެފައެވެ.

ހަމާސް އިން ބުނާ ގޮތުގައި އިސްރާއީލަށް އަމާޒުކޮށް މި ހަމަލާތައް ދޭން ފެށީ މުސްލިމުންގެ މުގައްދަސް ބިން ކަމުގައިވާ އަލް އަގްސާ މިސްކިތުގެ ހުރުމަތް ކަނޑާލުމާއި އެ ތަނަށްދާ މުސްލިމުންނަށް އަނިޔާކޮށް، ހައްޔަރުކުރަމުންދާތީއެވެ. އަދި މި ހަމަލާތަކަކީ އިސްރާއީލްގެ ސިފައިން ފަލަސްތީނުގެ ހުޅަނގު އައްސޭރި އާއި އެހެން ތަންތަނުގައި ފަލަސްތީން ރައްޔިތުންނަށް އަމާޒުކޮށް ދޭ އަނިޔާވެރި ހަމަލާތަކަށް ދޭ ރައްދެއް ކަމަށް ވެސް ހަމާސް އިން ބުނެއެވެ.