އަފްގާނިސްތާނަށް އައި ބިންހެލުމުގައި ސުންނާފަތިވެފައިވާ އިމާރާތެއްގެ ދަށުން ދިރިހުއްޓާ ކުޑަކުއްޖަކު ސަލާމަތް ކޮށްފިއެވެ.

އަފްގާނިސްތާނަށް މިމަހުގެ 7 ވަނަ ދުވަހު ބިންހެލުމެއް އައިސްފައިވަނީ ރެކްޓަރ މިންގަނޑުން 6.3 ބާރުމިނުގައެވެ. މި ބިންހެލުމުގައި އެގައުމުގެ އެތަކެއް އިމާރާތެއް ވަނީ ބިމާހަމަވެފައެވެ. އަދި ބިންހެލުމުގައި 2000 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ބިންހެލުމާއި ގުޅިގެން ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް އެގައުމުގެ މީހުން ކުރަމުން އައިސްފައިވާއިރު، މިހާރު މީސްމީޑިއާގައި އެންމެ ހަލުވި ކަމާއި އެކީ ދެކެވެމުން އަންނަނީ އިމާރާތެއްގެ ދަށުން ދިރިހުއްޓާ ކުޑަކުއްޖަކު ސަލާމަތް ކުރި ވާހަކައެވެ. އެމަންޒަރު ފެންނަ ވީޑިއޯތަކެއް ވެސް މިހާރު މީސްމީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

ދައުރުވަމުން އަންނަ އެ ވީޑިއޯއިން ފެނިގެން ދަނީ މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވި މީހުން އެކުއްޖާ ސަލާމަތް ކުރާ މަންޒަރެވެ. އަދި ކުއްޖާ ސަލާމަތް ކުރުމަށްފަހު، ސިއްހީ އެހީތެރިންނާއި ކުއްޖާ ހަވާލު ކުރެއެވެ.

ވީޑިއޯގައި ތިބި މީހުން ކުއްޖާގެ މަންމަ ހޯދުމަށް ވެސް ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް ބައެއް ފަރާތްތަކުން ބުނެފައިވަނީ ކުއްޖާގެ މަންމަ މަރުވެފައިވާ ކަމަށެވެ.

ކާރިސާގެ ސަބަބުން ގެއްލުވެފައިވާ ސަރަހައްދުތަކުގައި ޓެންޓުތައް ގާއިމް ކުރުމަށާއި ސިއްހީ ފަރުވާ އަދި ކާބޯތަކެތި ބޭނުންވާ ކަމަށް ވެސް ތޯލިބާނުން ބުނެފައިވާ ކަމަށެވެ. އެކަމަށް އެހީތެރިވެދުމަށް ވިޔަފާރިވެރިންނާއި އެކި ޖަމިއްޔާތަކުގެ ކިބައިން ތޯލިބާނުން އެދޭ ކަމަށް ވެސް އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވެއެވެ.