ޣައްޒާއިން އިސްރާއީލުގެ އެއާޕޯޓަކަށް ރޮކެޓް ހަމަލާތަކެއް ދޭން ފަށައިފިއެވެ.

ހަމާސް އިން ބުނެފައިވާ ގޮތުގައި ބޮޑު އޮޕަރޭޝަނެއްގެ ގޮތުގައި އެޖަމާއަތުން ރޮކެޓް ހަމަލާތަކެއް ފޮނުވާލާފައިވަނީ އިސްރާއީލުގެ އެއާޕޯޓެއް ކަމަށްވާ ބެން ގުރިއަން އިންޓަނޭޝަނަލް އެއާޕޯޓަށެވެ. މި ރޮކެޓް ހަމަލާގައި 100 ރޮކެޓް ފޮނުވާލެވިފައިވާ ކަމަށް ހަމާސް އިން ވަނީ ބުނެފައެވެ.

އަޝްކެލޮންގައި އޮންނަ މި އެއާޕޯޓަކީ ޣައްޒާގެ ބޯޑަރާއި ވެސް ކައިރީގައި އޮންނަ އެއާޕޯޓެކެވެ. ހަމާސް އިން ބުނެފައިވާ ގޮތުގައި މި ހަމަލާ އަމާޒު ކޮށްފައިވަނީ އެސަރަހައްދުގައި ގިނަ އަދަދެއްގެ އިސްރާއީލް ސިފައިން ތިބޭނެތީއެވެ.

ހަމާސްއިން ގިނަ އަދަދެއްގެ ރޮކެޓް ހަމަލާތަކެއް ފޮނުވި ނަމަވެސް، އޭގެ ފަހުގެ ތަފްސީލެއް އަދި ހާމަ ކޮށްފައެއް ނުވެއެވެ. ހަމަ އެކަނި ހަމާސްއިން ބުނެފައިވަނީ އަޝްކެލޮންގެ ބައެއް އިމާރާތްތަކަށް ރޮކެޓް ހަމަލާތައް އަމާޒުވި ވާހަކައެވެ.

ހަމާސްއިން އިސްރާއީލަށް ކުއްލި ހަމަލާތަކެއް ދޭން ފަށާފައިވަނީ މިމަހުގެ 7 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. މި ހަމަލާތައް ދޭން ފަށާފައިވަނީ އިސްރާއީލުން ފަލަސްތީނުގެ ކުށެއް ނެތް އެތަކެއް ބަޔަކު ޝަހީދު ކުރަމުން އަންނާތީ އެކަމުގެ ބަދަލު ހިފުމުގެ ގޮތުންނެވެ.