އިސްރާއީލުގެ ހައްދުފަހަނަ އަޅާފައިވާ ޔަހޫދީންނާއި ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުންގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން ފެށި ހަނގުރާމަ ވަރުގަދަ ވެފައިވާއިރު، އިސްރާއީލުން ވެސް ވަނީ ޣައްޒާއަށްދޭ ހަމަލާތައް ވަރުގަދަ ކޮށްފައެވެ.

މިހާތަނަށް މި ހަނގުރާމާގައި އިސްރާއީލުން ޣައްޒާގެ 1000 އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައިވާއިރު، އިސްރާއީލުން އަންނަނީ ނަބްލުސްގެ ދެކުނުން އޮންނަ އަވަށެއް ކަމަށްވާ ޤުސްރާގައި ގަތުލު އާންމެއް ހިންގަމުންނެވެ.

ޤުސްރާގެ ރައްޔިތެއް ކަމަށްވާ ފުއާދް ހަސަން އާއި ހަވާލާދީ އަލްޖަޒީރާ ނޫހުން ބުނި ގޮތުގައި އިސްރާއީލުގެ ހައްދުފަހަނަ އަޅާފައިވާ ސިފައިން ވަނީ އެމީހުންގެ ހަމަލާތައް ވަރުގަދަ ކޮށްފައެވެ. އެގޮތުން އިސްރާއީލުގެ ޔަހޫދީންނާއި ސިފައިން ފަލަސްތީނުގެ ރައްޔިތުންގެ ގަޔަށް ބަޑި ޖަހަމުން އަންނަ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އަނިޔާވެރި ގޮތަކަށް ފަލަސްތީނުގެ ރައްޔިތުން ޝަހީދު ކޮށްލުމަށްފަހު، އެމްބިއުލާންސްތަކަށް އެމީހުންނާއި ކައިރިއަށް ނުދެވޭނެ މަގު ވެސް އިސްރާއީލުގެ ސިފައިން ހަދާފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އޭނާ ބުނި ގޮތުގައި މިހާތަނަށް އިސްރާއީލުން ވަނީ އެ އަވަށުގައި ފަލަސްތީނުގެ ތިން މީހަކު ޝަހީދު ކޮށްލާ، ހަ މީހަކަށް އެކި ވަރުގެ ޒަހަމްތައް ކޮށްފައެވެ.

އޭނާ ސިފަކޮށްފައިވާ ގޮތުގައި އިސްރާއީލް ޔަހޫދީންގެ އަނިޔާއަކަށް އާދައިގެ އަނިޔާއެއް ނޫނެވެ. ބައެއް މީހުންގެ ބަނޑަށް ވަޒަން އަރުވާފައިވާއިރު، ކުޑަކުދިންގެ ކޮނޑަށް ވެސް ވަނީ ބަޑި ޖަހާފައެވެ.