އިސްރާއީލުގެ ހައްދުފަހަނަ އަޅާފައިވާ ޔަހޫދީން ޣައްޒާގެ 25 އާއިލާއެއްގެ އެންމެން ޝަހިދު ކޮށްލާފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.

އިސްރާއީލާއި ޣައްޒާއާއި ދެމެދު ހަނގުރާމައެއް ފެށިފައިވަނީ ފަލަސްތީނު ރައްޔިތުންގެ ހައްގުގައި، އެ ރައްޔިތުންނަށް މިނިވަންކަން ހޯދައި ދިނުމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން، އިސްރާއީލާއި ދެކޮޅަށް މިދިޔަ ހޮނިހިރު ދުވަހު ދިން ކުއްލި ހަމަލާއާއި ގުޅިގެންނެވެ.

ހަމާސް އިން ބުނާ ގޮތުގައި އިސްރާއީލަށް އަމާޒުކޮށް މި ހަމަލާތައް ދޭން ފެށީ މުސްލިމުންގެ މުގައްދަސް ބިން ކަމުގައިވާ އަލް އަގްސާ މިސްކިތުގެ ހުރުމަތް ކަނޑާލުމާއި އެ ތަނަށްދާ މުސްލިމުންނަށް އަނިޔާކޮށް، ހައްޔަރުކުރަމުންދާތީއެވެ. އަދި މި ހަމަލާތަކަކީ އިސްރާއީލްގެ ސިފައިން ފަލަސްތީނުގެ ހުޅަނގު އައްސޭރި އާއި އެހެން ތަންތަނުގައި ފަލަސްތީން ރައްޔިތުންނަށް އަމާޒުކޮށް ދޭ އަނިޔާވެރި ހަމަލާތަކަށް ދޭ ރައްދެއް ކަމަށް ވެސް ހަމާސް އިން ބުނެއެވެ.

މިހަމަލާ ބަދަލު ކުރުންތައް އަދިވެސް ކުރިއަށްދާއިރު، އިސްރާއީލުން ވެސް ދާދި ފަހުން ރަސްމީކޮށް، ހަނގުރާމަ އިއުލާނުކޮށް ވަނީ ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އެގޮތުން އިންޒާރަކާއި ނުލައި އާންމު ރައްޔިތުން ދިރިއުޅޭ ގެތަކަށް ބޮން އެޅަން ވެސް ވަނީ ފަށާފައެވެ. މިއާއި އެކީ ޣައްޒާގެ އާންމު ރައްޔިތުން ޝަހީދުވާ އަދަދު ދިޔައީ މައްޗަށެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް އިސްރާއީލުން ވަނީ ޣައްޒާގެ 25 އާއިލާއެއް އެއްކޮށް ޝަހީދު ކޮށްލާފައެވެ. ނަމަވެސް މިއާއިލާތައް ޝަހީދު ކޮށްލާފައިވަނީ ޣައްޒާގެ ކޮން ސަރަަހައްދަކަށް ދިން ހަމަލާތަކެއްގައި ކަމެއް ސާފު ވެފައެއް ނުވެއެވެ.

ހަމާސް ޖަމާއަތުން އިސްރާއީލްގެ ޔަހޫދީން ވަޒަންވެރިވެގެން ތިބޭ އެކި ސަރަހައްދުތަކަށް ވަދެފައިވާއިރު، އިސްރާއީލުން ވެސް ވަނީ ހަމާސް ޖަމާއަތުގެ މީހުން ވަޒަންވެރިވެފައި ތިބޭތަން ކަމަށް ބުނެ ޣައްޒާގެ އާންމުން ދިރިއުޅޭ އެކި ސަރަހައްދުތަކުގައި ކޭމްޕު ޖަހާފައެވެ. އެހެން ކަމުން މިވަގުތު ވެސް ޣައްޒާގެ އެކި ސަރަހައްދުތަކުގައި ޔަހޫދީ ސިފައިން އަންނަނީ ހަމަލާ ބަދަލު ކުރަމުންނެވެ.

ޔަހޫދީން ޣައްޒާގެ އެތަކެއް ބަޔަކު ޝަހީދު ކުރަމުން އަންނައިރު، އެމީހަކީ އަންހެނެއްތޯ ފިރިހެނެއްތޯ ނުވަތަ ކުޑަކުއްޖެއްތޯ އުމުރުން ދުވަސްވީ މީހެއްތޯ ނުކުޅެދުންތެރިކަން ހުންނަ މީހެއްތޯ ނުބަލައެވެ. އެވަގުތެއްގައި ފެނުނު މީހަކަށް ބަޑިން ހަމަލާދެނީއެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި މިހަނގުރާމައިގެ ތެރޭގައި އިސްރާއީލްގެ 1100 އަށްވުރެ ގިނަ މީހަކު ވަނީ މަރުވެފައެވެ. އަދި ޣައްޒާގެ ވެސް 1000 ވަރަކަށް މީހުން ވަނީ ޝަހީދުވެފައެވެ.