ސްޕޭސް އެކްސްގެ ސީއީއޯ އީލޮން މަސްކް ފަލަސްތީނުގެ ޣައްޒާއަށް ސްޓާ ލިންކް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް ނިންމާފައިވާތީ އެކަން ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް އިސްރާއިލްގެ ކޮމިއުނިކޭޝަން މިނިސްޓަރު ޝްލޯމޯ ކަހްރީ ބުނެފިއެވެ.

މިދިޔަ ހުކުރު ދުވަހު އިސްރާއީލުން ވަނީ ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއްދީފައެވެ. ޣައްޒާގެ މުއާސަލާތީ ޚިދުމަތްތައް މެދުކެނޑިފައިވަނިކޮށް ސްޓާލިންކުން އިންޓަނެޓް ޚިދުމަތް ފޯރުކޮށްދޭނެ ކަމަށް ބުނުމުން އިސްރާއީލުން މިވަނީ އެކަމާ ދެކޮޅަށް ބަސް ބުނެފައެވެ.

އިސްރާއީލުން ބުނަމުން ދަނީ ޣައްޒާއަށް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދީފިނަމަ ހަނގުރާމައަށް ބޭނުންވާ ހަތިޔާރާއި އެހެނިހެން ސާމާނުތައް ޣައްޒާއަށް އެތެރެކުރުމުގައި އެހީތެރިވެދެވެނީ ކަމަށެވެ.

މިކަމާއި ގުޅިގެން މަސްކު ވިދާޅުވީ އޭނާ ޣައްޒާއަށް އިންޓަނެޓް ފޯރުކޮށްދެނީ އިންސާހީ އެހީތެރިކަމަށްޓަކައި ކަމަށާއި އެހެން ބޭނުމަކު އިންޓަނެޓް ބޭނުން ކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.

ޣައްޒާގެ މުއާސަލާތީ ހިދުމަތް ކެނޑުމާ އެކީ ޣައްޒާއާއި މުޅި ދުނިޔެއާ ވަނީ ގުޅުން ކެނޑިފައެވެ. އަދި ބައެއް ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ވެސް ޣައްޒާގައި ހަރަކާތްތެރިވަމުން އަންނަ އެފަރާތްތަކުގެ މީހުންނާ ގުޅުން ކެނޑިފައިވާ ކަމަށް ވަނީ ބުނެފައެވެ.

އެކަމާއި ގުޅިގެން ގިނަ ބަޔަކު ވަނީ ޓުވިޓާގައި ޣައްޒާއަށް ސްޓާލިންކް އިންޓަނެޓް ހިދުމަތް ދިނުމަށް ގޮވާލާފައެވެ.

ސްޓާލިންކު އިންޓަނެޓް ޣައްޒާއަށް ދިނުމަށް ނިންމުމާއި ގުޅިގެން އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ އެކަން ނުކުރެވޭނެ ކަމަށް ބުނެފައެވެ. އަދި އެކަން ވިޔަ ނުދޭން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށް އިސްރާއީލުން ވަނީ ބުނެފައެވެ.

ފަލަސްތީނުގެ ޣައްޒާ އިން ކަރަންޓު ކެނޑުނުތާ ދެ ދުވަސް ފަހުން ޣައްޒާ އިން އަލުން އިންޓަނެޓުގެ ހިދުމަތް ވަނީ ލިބެން ފަށާފައެވެ.

ޣައްޒާގައި ތިބި ނޫސްވެރިންނާއި ސޯޝަލް މީޑިއާގެ އެކައުންޓުތައް ގެންގުޅޭ މީހުން އަންނަނީ ވައިފައި ބޭނުންކޮށްގެން އިންޓަނެޓު ބޭނުން ކުރެވޭ ކަން ހާމަކުރަމުންނެވެ.