ފަލަސްތީނުގެ ޣައްޒާގައި ހުންނަ އަލް ގުދުސް ހޮސްޕިޓަލަށް ބޮން އަޅާނެ ކަމުގެ އިންޒާރު އިސްރާއީލްގެ ނިރުބަވެރި ސިފައިން މިއަދު ދީފިއެވެ.

ފަލަސްތީނުގެ ރެޑް ކްރެސެންޓު (ޕީއާރުސީއެސް) އިން އިން ބުނީ އަލް ގުދުސް ހޮސްޕިޓަލް މިހާރުން މިހާރަށް ހުސް ކުރުމަށް ސީރިއަސް އިންޒާރެއް އިސްރާއީލްގެ އަސްކަރިއްޔާގެ ފަރާތުން ލިބިފައިވާ ކަމަށެވެ. އަދި އެ ތަނަށް ބޮން އަޅާނެ ކަމުގެ އިންޒާރު ވެސް ދީފައިވާ ކަމަށް ޕީއާރުސީއެސް އިން ބުންޏެވެ.

އިސްރާއީލުން މިއަދު ހެނދުނުން ފެށިގެން ހޮސްޕިޓަލްގެ 50 މީޓަރު ކައިރިއަށް ބޮން އަޅަމުންދާ ކަމަށް ވެސް ޕީއާރުސީއެސްގެ ބަޔާނުގައިވެއެވެ.

މި ހޮސްޕިޓަލް ހުންނަނީ ޣައްޒާ ސިޓީގެ ތެލް އަލް-ހަވާ ސަރަހައްދުގައެވެ.

މި ހޮސްޕިޓަލް ހުސް ކުރަން އިސްރާއީލުން މީގެކުރިން ވެސް އިންޒާރު ދީފައިވެއެވެ. އަދި އަލް ގުދުސް ކައިރީގައި ހުރި އިމާރާތަކަށް ދާދި ފަހުން ވަނީ ބޮން ވެސް އަޅައިފައެވެ. އެ ހޮސްޕިޓަލުގައި މި ވަގުތު 400 އަށް ވުރެ ގިނަ ބަލި މީހުންނާއި، ހިޔާވަހިކަން ހޯދަމުންދާ 12000 ފަލަސްތީނުގެ ރައްޔިތުން އެބަ ތިބި ކަަމަށްވެސް އެ ޖަމިއްޔާއިން ކުރިން ވަނީ ބުނެފައެވެ.

ފަލަސްތީނުގެ ރެޑްކްރެސެންޓުން ބުނި ގޮތުގައި ހޮސްޕިޓަލްގައި ތިބި ބަލި މީހުންގެ ތެރެއިން ގާތްގަނޑަކަށް 500 ބަލި މީހުން ތިބީ އިންޓެންސިވް ކެއާ ޔުނިޓް (އައިސީޔޫ) ގައެވެ. އައިސީޔޫގައި ގިނަ އިން ތިބީ ކުޑަކުދިން ކަމަށް ވެސް ރެޑް ކްރެސެންޓުން ބުނެފައިވެއެވެ.

"ގިނަ މީހުން ތިބީ ވަރަށް ސީރިއަސް ހާލަތުގައި. އެމީހުންނަށް ލައިފް ސަޕޯޓް މެޝިންތަކުގެ އެހީތެރިކަން ފޯރުކޮށްދެނީ. އެމީހުން ރައްކާތެރިކަމާ އެކު، މި ތަނުން ނެރެވޭނެ ގޮތެއް ނެތް،" ތަރުޖަމާނު ކިޔައި ދިނެވެ.

އިސްރާއީލުން 2009 ވަނަ އަހަރު ވަނީ އަލް ގުދުސް ހޮސްޕިޓަލަށް ހަމަލާދީ، އެތަން ސުންނާފަތިކޮށްލައިފައެވެ. އެކަމަކު، ފަލަސްތީނު ރައްޔިތުންގެ މިންނެތް މަސައްކަތުން އެ ތަން އަލުން މަރާމާތުކޮށް، އެ ގައުމުގެ ރައްޔިތުންނަށް ހިދުމަތް ދެވޭ ފެންވަރަށް އެ ތަން ތަރައްގީ ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކަށިކެޔޮ އާދަނު

    ބޮންއަޅައިފިއްޔާ އެވާނީ އަނެއްޓީމުންކުރާނެކަމަކަށް.. (މުސްކުޅިބެ)

  2. ސަރޭ

    ދެން ބޮން އަޅާ ގިނަބަޔަކު މަރުވީމަ ހަމަސް ގެ ރޮކެޓަކުންނޭ ބުނީމަ ރަގަޅު ވާނެ ދޯ.

  3. ބޮކުރީ

    މާތްﷲގެރަޙްމަތުން އެޔަހޫދީންތައްވަރުގަދަ ހިއްޕެވުމަކުން ހިއްޕަވާފާނދޭވެ.