ތެޔޮ ހުސްވުމުގެ ސަބަބުން ޖަނެރޭޓަރުތައް ނިވުމާ ގުޅިގެން ފަލަސްތީނުގެ ޣައްޒާގެ އިތުރު ހޮސްޕިޓަލެއްގެ ހިދުމަތްތައް ހުއްޓުމަކަށް އަތުވެއްޖެއެވެ.

ހިދުމަތްތައް ހުއްޓިފައިވަނީ ޣައްޒާގެ އުތުރުގައި އޮންނަ ކަމާލް އަދުވާން ހޮސްޕިޓަލުންނެވެ. ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނީ ތެޔޮ ހުސްވުމުގެ ސަބަބުން އެ ހޮސްޕިޓަލުން ދެމުން ދިޔަ ހުރިހާ ހިދުމަތެއް މިހާރު ހުއްޓިފައިވާ ކަމަށެވެ.

ހެލްތު މިނިސްޓްރީން ބުނީ އިސްރާއީލްގެ އަސްކަރިއްޔާ އިން މިހާތަނަށް އައިއިރު، 105 މެޑިކަލް ފެސިލިޓީއަކަށް ހަމަލާ ދީފައިވާ ކަމަށެވެ. އަދި އޮކްޓޯބަރު 8 ގައި އިސްރާއީލުން ޣައްޒާ އަށް ހަމަލާ ދިން ފެށި ފަހުން 150 ޕެރަމެޑިކުން ޝަހީދުކޮށްލާފައިވާ އިރު، 27 އެމްބިއުލާންސެއް އެއްކޮށް ހަލާކުކޮށްލާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އޭގެ ތެރޭގައި ރަފާހް ބޯޑަރު ހުރަސްކޮށް މިސްރަށް އިއްޔެ ދާން މަސައްކަތް ކުރި ދެ އެމްބިއުލާންސް ހިމެނެއެވެ.

މެޑިކަލް ފެސިލިޓީތަކުގެ ތެރެއިން މިހާތަނަށް އައިއިރު 16 މެޑިކަލް ފެސިލިޓީއެއް ވަނީ ހުއްޓުމަކަށް އައިސްފައެވެ. އަދި 32 ޕްރައިމަރީ މެޑިކަލް ފެސިލިޓީއެއްގެ ހިދުމަތް ވެސް ވަނީ އެއްކޮށްހެން ހުއްޓުމަކަށް އައިސްފައެވެ. މި ހުރިހާ ތަނެއް ހުއްޓުމަކަށް އައީ ތެޔޮ ހުސްވެ، އެ ތަންތަނުން ކަރަންޓުގެ ހިދުމަތް ކެނޑުމުންނެވެ.

އިސްރާއީލްގެ ހަމަލާތަކުގައި ފަލަސްތީނުގެ 9,227 މީހަކު ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި އޭގެ ތެރޭގައި 3,826 ކުޑަކުދިންނާއި 2,405 އަންހެނުން ހިމެނެއެވެ. އަދި 32,516 މީހަކަށް އަނިޔާވެފައިވާއިރު އޭގެ ތެރޭގައި ވެސް ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ.