ފަލަސްތީނުގެ ޣައްޒާ އަށް އިސްރާއީލުން ދެމުން އަންނަ ހަމަލާތަކުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތިބި މީހުންގެ އަދަދު ގާތްގަނޑަކަށް 2،200 އަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން މިއަދު ބުނެފިއެވެ.

އިސްރާއީލްގެ ހަމަލާތަކުގައި ފަލަސްތީނުގެ 9,227 މީހަކު ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި އޭގެ ތެރޭގައި 3,826 ކުޑަކުދިންނާއި 2,405 އަންހެނުން ހިމެނެއެވެ. އަދި 32,516 މީހަކަށް އަނިޔާވެފައިވާއިރު އޭގެ ތެރޭގައި ވެސް ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ.

ހެލްތު މިނިސްޓްރީގެ ތަރުޖަމާނު ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނީ އިސްރާއީލްގެ ހަމަލާތަކާ ގުޅިގެން އިމާރާތްތަކުގެ ދަށުގައި 1،250 ކުޑަކުދިން ތިބި ކަމަށެވެ.

ހެލްތު މިނިސްޓްރީން ބުނި ގޮތުގައި ހަމަލާތަކާ ގުޅިގެން ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބި މީހުންގެ ތެރޭގައި ދިރިހުރި މީހުން ވެސް ހިމެނެއެވެ. އެކަމަކު، އެމީހުން ސަލާމަތް ކުރަން ދަތިވަނީ އިސްރާއީލުން ދެމުން އަންނަ ހަމަލާތަކުގެ ސަބަބުން ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.

އިސްރާއީލްގެ އަނިޔާވެެރިކަން އެންމެ ބޮޑަށް ފެނިގެން ދިޔައީ ޣައްޒާގައި ހުންނަ އަލް އަހްލީ އަލް އަރަބި ހޮސްޕިޓަލްގެ ގޯތި ތެރެއަށް ރޭގައި ވައްޓާލި ބޮމުންނެވެ. އެ ހޮސްޕިޓަލްގެ ގޯތިތެރެއަށް ހަމަލާ ދިން އިރު، އެ ތަނުގައި ފަލަސްތީނުގެ އެތައް ރައްޔިތުންތަކެއް ވަގުތީ ގޮތުން ހިޔާވަހިކަން ހޯދައިގެން ތިބި ކަމަށްވެއެވެ. އަދި އިސްރާއީލްގެ ލާއިންސާނީ އަމަލުތަކުގައި ޒަހަމްވެފައި ތިބި މީހުން ވެސް އެ ސަރަހައްދުގައި ތިބި ކަމަށްވެއެވެ. އެ ހަމަލާގައި 471 މީހުން ޝަހީދުވެފައިވެއެވެ.

ޣައްޒާގެ ބައެއް ނޫސްވެރިން ބުނި ގޮތުގައި އެ ގޯތިތެރޭގައި ގިނަ އިން ތިބީ ކުޑަކުދިންނާއި ފިރިހެނުންނެވެ. އަންހެނުންނާއި ބައެއް ކުޑަކުދިން ތިބީ އެ ގަޑީގައި ހޮސްޕިޓަލްގެ އިމާރާތުގެ މަތީ ފްލޯތަކުގައި ނިދާފައި ކަމަށް ވެސް ނޫސްވެރިން ބުނެފައިވެއެވެ.