ބައެއް ގައުމުތަކުގައި ދިރިއުޅެމުން އަންނަ އިސްރާއީލް ރައްޔިތުންނަށް ހަމަލާ ދޭން ރާވަމުންދާ ކަމަށް ބައެއް މިޑީއާތަކުން ރިޕޯޓު ކުރަން ފަށައިފިއެވެ.

އިސްރާއީލް އާއި ހަމާސް އާ ދެމެދު މިދިޔަ މަހުގެ 7 ވަނަ ދުވަހު ހަނގުރާމަ ފެށުނު ފަހުން، އިސްރާއީލް ރައްޔިތުން ބައެއް ގައުމުތަކަށް ނުދިއުމަށާއި އެ ގައުމުތަކުގައި ތިބި އިސްރާއީލް ރައްޔިތުން ފޭބުމަށް އިސްރާއީލް ސަރުކާރުން އެންގިއެވެ. އޭގެ ތެރޭގައި އުރުދުން އާއި ތުރުކިޔޭ އާއި އުރުދުން ފަދަ ގައުމުތައް ހިމެނެއެވެ. އަދި ބައެއް ގައުމުތަކަށް ދަތުރު ކުރުމުގައި އިސްރާއީލް ރައްޔިތުން ސަމާލުވުމަށް ވެސް އިސްރާއީލް ސަރުކާރުން ރައްޔިތުންނަށް އަންގާފައިވެއެވެ.

ޔަހޫދީ އިސްރާއީލްގެ އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާ އަށް ވަރުގަދަ އަށް ބޮން އަޅައި، އެއްގަމު މަގުން އަރައިގަތީ ހަމާސް އިން ދިން ކުއްލި ހަމަލައާ ގުޅިގެންނެވެ. އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކަށް ހަމާސްގެ މުޖާހިދުން އަރައި 1،400 މީހުން މަރާލިއެވެ.

އޭގެ ތެރޭގައި 300 އަށް ވުރެ ގިނަ އިސްރާއީލް ސިފައިން ހިމެނެއެވެ. ހަމާސް އިން ބުނާ ގޮތުގައި އިސްރާއީލަށް ހަމަލާ ދޭން ޖެހުނީ ފަލަސްތީނުގެ ރައްޔިތުންނަށް ހުއްޓުމެއް ނެތި ދެމުން އަންނަ އަނިޔާތަކުގެ ސަބަބުންނެވެ. އަދި މަސްޖިދުލް އަޣްސާގެ ހުރުމަތް ކަނޑާލުމާއި ފަލަސްތީނުގެ ރައްޔިތުން ކުށެއް ނެތި ހައްޔަރު ކުރުމަކީ ހަމާސް އަށް ގަބޫލު ކުރެވުނު ކަމެއް ނޫނެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ހާއްސަކޮށް އަރަބި ގައުމުތަކުގައި އިސްރާއީލް ރައްޔިތުންނާ މެދުގައި އޮތް ނަފްރަތު ކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެހެންވެ ބައެއް ގައުމުތަކުގައި ތިބި އިސްރާއީލްގެ ރައްޔިތުން ހޯދައި އެމީހުންނަށް ހަމަލާ ދިނުމަށް ދަނީ ރާވަމުންނެވެ.

އެކަމުގައި އެންމެ އިސްކޮށް ރާވައި ހިންގާ އެއް ބަޔަކީ ޖިހާދީ ގްރޫޕްތައް ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

އެ ރިޕޯޓުތައް އެގޮތަށް އައިއިރު، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ތިބި ކަން ހާމަކޮށް އަދި އިސްރާއީލުން ޣައްޒާގައި ހިންގަމުން އަންނަ އުދުވާނާ ދެކޮޅު ހެދުމުގެ ގޮތުން ވަރަށް ގިނަ ގައުމުތަކެއްގައި ދަނީ މުޒާހަރާތައް ކުރަމުންނެވެ. އެ މުޒާހަރާތަކުގައި އެތައް ހާސް ބަޔަކު ދަނީ ބައިވެރިވަމުންނެވެ.