އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހަނގުރާމައިގެ ކުށްތަކެއް ހިންގަމުންދާ ކަމަށް އުރުދުންގެ ފޮރިން މިނިސްޓަރު އައިމަން ސަފާދީ ވިދާޅުވެއްޖެއެވެ.

އުރުދުންގެ ފޮރިން މިނިސްޓަރު ވަނީ އަރަބި ބައެއް ލީޑަރުންނާއި އެމެރިކާގެ އިސް އޮފިޝަލުންނާ ބައްދަލު ކުރައްވައިފައެވެ. އެގޮތުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން އާއި އުރުދުންގެ ފޮރިން މިނިސްޓަރު ވަނީ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވައިފައެވެ.

އެ ބައްދަލުވުންތަކަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އުރުދުންގެ ފޮރިން މިނިސްޓަރު ވިދާޅުވީ އިސްރާއީލުން ހަނގުރާމައިގައި ޖަރީމާތަކެއް ހިންގަމުންދާ ކަމަށާއި އިސްރާއީލުން ބައިނަލްއަގުވާމީ ގާނޫނުތަކަށް ވުރެ މަތީގައި ނުތިބެވޭނެ ކަމަށެވެ. ހަމާސް އިން ވެސް ދިން ހަމަލާތައް ކުށްވެރި ކުރައްވަމުން އުރުދުންގެ ފޮރިން މިނިސްޓަރު ވަނީ ޣައްޒާގައި ހަނގުރާމަ ކުރިއަށް ދާން ބޭނުން ނުވާ ކަމަށް ވިދާޅުވެފައެވެ.

"އަމިއްލަ ދިފާއުގެ ނަމުގައި މިކުރާ ކަމެއް ގަބޫލެއް ނުކުރަން." އިސްރާއީލުން އަމިއްލަ ދިފާއުގައި ކަމަށް ބުނެ ޣައްޒާގައި ކުރަމުންދާ ހަނގުރާމަ އަށް އިޝާރާތް ކުރައްވައި ފޮރިން މިނިސްޓަރު ވިދާޅުވިއެވެ.

ފޮރިން މިނިސްޓަރު ވަނީ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަކަށް އައުމަށް ގޮވާލައްވައިފައެވެ. އަދި މިކަމުގެ ސަބަބުން ސަރަހައްދުގެ އަމާންކަން ވެސް ގާއިމުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޔަހޫދީ އިސްރާއީލްގެ އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާ އަށް ވަރުގަދަ އަށް ބޮން އަޅައި، އެއްގަމު މަގުން އަރައިގަތީ ހަމާސް އިން ދިން ކުއްލި ހަމަލައާ ގުޅިގެންނެވެ. އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކަށް ހަމާސްގެ މުޖާހިދުން އަރައި 1،400 މީހުން މަރާލިއެވެ. އޭގެ ތެރޭގައި 300 އަށް ވުރެ ގިނަ އިސްރާއީލް ސިފައިން ހިމެނެއެވެ.

ހަމާސް އިން ބުނާ ގޮތުގައި އިސްރާއީލަށް ހަމަލާ ދޭން ޖެހުނީ ފަލަސްތީނުގެ ރައްޔިތުންނަށް ހުއްޓުމެއް ނެތި ދެމުން އަންނަ އަނިޔާތަކުގެ ސަބަބުންނެވެ. އަދި މަސްޖިދުލް އަޣްސާގެ ހުރުމަތް ކަނޑާލުމާއި ފަލަސްތީނުގެ ރައްޔިތުން ކުށެއް ނެތި ހައްޔަރު ކުރުމަކީ ހަމާސް އަށް ގަބޫލު ކުރެވުނު ކަމެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިބްރާހީމް ޝަރީދު

    ކީއްކުރަންބާ އެމެރިކާ އެހީ އޯދަނީކީ؟ އެމެރިކާ އެއީ އެކަމަށް ހިތްވަރުދީ އެކަން ކުރުވައި އެތައް މިލިއަން މުސްލިމުންނެއް މަރާ މުސްލިމުންނާއި ދެކޮޅަށް އެތައް ޓެރަރިސްޓް އަމަލުތަކެއް ހިންގާފައިވާ ބެއެކެވެ.

  2. ޕޭމަންޓް

    މޮޔަ އަރަބިން ތަކެއްތަ މީ.ނޫނީ ހަމަ ގަސްދުގަ ކުޅޭ ޑުރާމާތަކެއްތަ.ކިހާ ބޮޑު ބަލާއެއް.