ފަލަސްތީނުގެ ޣައްޒާ އަށް ވަދެ، ހަނގުރާމަ ކުރަމުން އަންނަ އިސްރާއީލް އަސްކަރިއްޔާގެ އިތުރު ހަތަރު ނިރުބަވެރިން މަރާލައިފިއެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން މިހާރު ވަނީ ޣައްޒާ ކުރިއަށްދާ ހަނގުރާމައާ ގުޅިގެން މުޖާހިދުން މަރާލި ހަތަރު ސިފައިންގެ ނަންތައް އާންމުކޮށްފައެވެ. އިސްރާއީލް ސިފައިން ބުނި ގޮތުގައި ހުކުރު ދުވަހު ހިނގި ކުރިމަތިލުންތަކުގައި މަރާލާފައި ވަނީ އުމުރުން 21 އަހަރުގެ ދެ ފިރިހެނުންނާއި 23 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނެކެވެ.

މިއާ އެކު، ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގައި މަރާލި އިސްރާއީލް ސިފައިންގެ އަދަދު 29 އަށް ވަނީ އަރައިފައެވެ.

އިސްރާއީލާއި ހަމާސްއާ ދެމެދުގައި މިއަދު ވެސް ޣައްޒާގެ އެކި ހިސާބުތަކުގައި ދަނީ ކުރިމަތިލުންތައް ހިނގަމުންނެވެ. ހަމާސް އިން މިރޭ ބުނި ގޮތުގައި ޣައްޒާގެ ހުޅަނގު އުތުރުގެ އިމާރާތެއްގެ ތެރޭގައި ތިބި އިސްރާއީލް ސިފައިންނަށް ހަމަލާދީފައިވާ ކަމަށެވެ. މެޝިން ބަޑި އާއި ބޮމުން ދިން ހަމަލާތަކުގައި ފަސް ސިފައިންގެ މީހަކު މަރާލައި އިތުރު ސިފައިން ޒަހަމްކޮށްލާފައިވާ ކަމަށް ހަމާސް އިން ބުންޏެވެ.

މިކަމާ ގުޅިގެން އިސްރާއީލްގެ އަސްކަރިއްޔާ އިން އަދި ވަކި އެއްޗެއް ނުބުނެއެވެ.

ޔަހޫދީ އިސްރާއީލްގެ އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާ އަށް ވަރުގަދަ އަށް ބޮން އަޅައި، އެއްގަމު މަގުން އަރައިގަތީ ހަމާސް އިން މި މަހުގެ 7 ވަނަ ދުވަހު ދިން ކުއްލި ހަމަލައާ ގުޅިގެންނެވެ. އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކަށް ހަމާސްގެ މުޖާހިދުން އަރައި 1،400 މީހުން މަރާލިއެވެ. އޭގެ ތެރޭގައި 300 އަށް ވުރެ ގިނަ އިސްރާއީލް ސިފައިން ހިމެނެއެވެ.

ހަމާސް އިން ބުނާ ގޮތުގައި އިސްރާއީލަށް ހަމަލާ ދޭން ޖެހުނީ ފަލަސްތީނުގެ ރައްޔިތުންނަށް ހުއްޓުމެއް ނެތި ދެމުން އަންނަ އަނިޔާތަކުގެ ސަބަބުންނެވެ. އަދި މަސްޖިދުލް އަޣްސާގެ ހުރުމަތް ކަނޑާލުމާއި ފަލަސްތީނުގެ ރައްޔިތުން ކުށެއް ނެތި ހައްޔަރު ކުރުމަކީ ހަމާސް އަށް ގަބޫލު ކުރެވުނު ކަމެއް ނޫނެވެ.

އިސްރާއީލުން މިހާރު ވަނީ ފަލަސްތީނުގެ ޣައްޒާ އަށް އެއްގަމު މަގުން ހަނގުރާމަ ކުރަމުންދާ އިރު، އެއްގަމު މަގުން އަރައިގެން އިސްރާއީލްގެ އަސްކަރިއްޔާ އަށް ލިބޭ ގެއްލުން ވަރަށް ބޮޑެެވެ.