ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން އެމީހުންގެ އޮޕަރޭޝަންތަކަށް ޣައްޒާގައި ހުންނަ ހަމްދް ބިން ޚަލީފާ ހޮސްޕިޓަލް ނުވަތަ ޤަތަރީ ހޮސްޕިޓަލް ބޭނުން ނުކުރާ ކަމަށް އަލްޖަޒީރާ ނޫހުން ހިންގި ތަހުގީގުން ބުނެފިއެވެ.

ނިރުބަވެރި އިސްރާއީލުން މީގެ ކުރިން ބުނެފައިވަނީ ޣައްޒާގައި ހުންނަ ބައެއް ހޮސްޕިޓަލްތަކުގައި މުޖާހިދުން އޮޕަރޭޝަންތައް ހިންގަމުން އަންނަ ކަމަށެވެ. އެގޮތުން ބައެއް ހޮސްޕިޓަލްތަކުގެ ވޯޑުތައް މުއާސަލާތީ ބޭނުންތަކަށް ބޭނުން ކުރާއިރު، ޤަތަރީ ހޮސްޕިޓަލުގެ އަޑީގައި މުޖާހިދުން ހަރަކާތްތެރިވާ ކަމަށް ވަނީ ބުނެފައެވެ. އަދި މިމަހުގެ 5 ވަނަ ދުވަހު ނިރުބަވެރިން ވަނީ ހޮސްޕިޓަލް ބޭރުގައި ބިމު އަޑިއަށް ދެވޭ ގޮތަށް ހަދާފައިވާ ތަނެއްގެ ވީޑިއޯ ވެސް އާންމު ކޮށްފައެވެ.

އެކަމާއި ގުޅިގެން އަލްޖަޒީރާ ނޫހުން ބުނެފައިވަނީ އެމީހުން އާންމު ކޮށްފައިވާ ވީޑިއޯއިން ފެންނަ ހޮހޮޅަ ކައިރީގައި ހުރި ތަންތަން ފުރަތަމަ ވެސް ދިރާސާ ހަދާފައިވާ ކަމަށެވެ. އަދި ސެޓެލައިޓް ފޮޓޯތަކެއް ވެސް ދިރާސާ ކުރި ކަމަށެވެ. މީގެ އިތުރުން މީގެ 8 އަހަރު ކުރިން އެތަން އިމާރާތް ކުރިއިރު ނަގާފައިވާ ވީޑިއޯތަކާއި އެތަން އިމާރާތް ކުރުމުގެ ހަރަކާތްތެރިވި މީހަކާއި ވެސް ވާހަކަ ދައްކާފައިވާ ކަމަށެވެ.

އެ ހުރިހާ ކަމެއް ދިރާސާ ކުރިއިރު، ބިމު އަޑީގައި ތަނެއް ހެދިކަން ހާމަވާ ކަމަށާއި ނަމަވެސް އެއީ އެއްވެސް ހޮހޮޅައަކާއި ނުވަތަ ވަކި ތަނަކަށް ދެވޭނެހެން ހަދާފައިވާ ތަނެއް ނޫން ކަމަށް ވެސް އަލްޖަޒީރާއިން ވަނީ ބުނެފައެވެ.

"އެއީ އެއްވެސް ތަނަކާއި ގުޅިފައިވާ ތަނެއް ނޫން. އިތުރަށް ބެލި ބެލުމުން ޓީމަށް އެނގިގެން ދިޔައީ އެއީ އެއީ ފެން ރައްކާކުރަން ހަދާފައިވާ ތަނެއްކަން. އެތަން އިމާރާތް ކުރި މީހާ ވެސް ބުނެފައިވަނީ އެއީ ފެން ޓޭންކެއް ކަމަށް." އަލްޖަޒީރާއިން ބުންޏެވެ.

އަލްޖަޒީރާއިން ބުނެފައިވަނީ އެތަން އިމާރާތް ކުރި މީހާ ކުރަހާފައި ދައްކާފައިވާ ފޮޓޯ އާއި އިސްރާއީލުން އާންމު ކޮށްފައިވާ ވީޑިއޯއަށް ބަލާއިރު، އެތަން ކައިރީގައި ތަނުގެ ތަނުގެ ޕްރެޝަރު ހަމަހަމަ ކުރަން ހަރުކޮށްފައިވާ ބައެއް ވެސް ހުރި ކަން އެނގިގެން ދިޔަ ކަމަށެވެ.

އެހެން ކަމުން އިސްރާއީލުން އާންމު ކޮށްފައިވާ ވީޑިއޯއިން ހަމައެކަނި ޔަގީން ވެގެން ދަނީ އެތަނުގައި ހުރީ ފެން ޓޭންކެއް ކަމަށް އަލްޖަޒީރާއިން ވަނީ ބުނެފައެވެ.