ޣައްޒާގެ ރައްޔިތުންނާއި ދެކޮލަށް ނިރުބަވެރި އިސްރާއީލުން ހިންގަމުން އަންނަ ގަތުލު އާންމުގެ ތެރެއިން ޣައްޒާގެ ތެރެއަށް ވަދެ އުޅުނު ނިރުބަވެރި ސިފައިންގެ މީހަކު މަރާލައިފިއެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި މަރާލާފައިވަނީ އުމުރުން 20 އަހަރުގެ ސާޖެންޓް ނޮއަމް ޔޫސުފް އަބޫ ނަމަކަށް ކިޔާ ސިފައިންގެ މީހެކެވެ. އޭނާ މަރާލާފައިވަނީ ޣައްޒާގެ އިތުރުގައި މުޖާހިދުންނާއި ހިނގި ކުރިމަތިލުމެއްގައެވެ.

މިދިޔަ މަހުގެ 7 ވަނަ ދުވަހު ފެށުނު މިހަނގުރާމައިގެ ތެރެއިން ނިރުބަވެރިން ވަނީ ޣައްޒާއަށް އެއްގަމު މަގުން އަރާފައެވެ. އަދި ޣައްޒާގެ ގިނަަ ބަޔަކު އެއްވެ އުޅޭ ސަރަހައްދުތަކަށް ވަނީ ހަމަލާތައް ވެސް ދޭން ފަށާފައެވެ. ނަމަވެސް ޣައްޒާގެ އެތެރެއަށް ވަދެ ނުދީ މުޖާހިދުން ދިޔައީ ހަމަލާތައް ދެމުންނެވެ.

މިހަމަލާ ބަދަލުކުރުންތަކުގައި މިހާތަނަށް ނިރުބަވެރިންގެ 40 އަށްވުރެ ގިނަ ސިފައިން މަރުވެފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ނިރުބަވެރިން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް 10،500 އަށްވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ޝަހީދު ނުވަތަ މަރުވެފައިވާ ކަމަށް ފަލަސްތީނުގެ ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ޒަހަމްވި އަދަދު މިހާރު ވަނީ 25،000 އަށްވުރެ މައްޗަށް އަރާފައެވެ.