ސުންނާފަތިވެފައިވާ އިމާރާތްތަކެވެ. ޝަހީދުވެފައިވާ ކުޑަކުދިންނާއި އަންހެނުންނެވެ. ވަރަށް ބޮޑަށް ޒަހަމްވެ، ލެއިން ތަތްތެޅިފައިވާ ކުޑަކުދިންނެވެ. އެމަންޒަރުތައް ފެންނަ އިންސާނިއްޔަތުކަމެއް ހުންނަ ކޮންމެ މީހެއްގެ ލޮލުން ކަރުނަ ފާއްދާލައެވެ. އެކުޑަކުދިންނާއި އަންހެނުންނާއި އަދި މުޅި ޣައްޒާއަށްޓަކައި ހެޔޮ ދުއާ ކުރެވެއެވެ.

ޣައްޒާގެ ހާލަތާއިމެދު ކަންބޮޑުވެ، އެހިތާމައިގައި ބައިވެރިވަމުން ދަނީ ހަމައެކަނި މުސްލިމުންނެއް ނޫނެވެ. އިސްރާއީލްގެ ނިރުބަވެރިން ޣައްޒާއަށް ބޮމުގެ ވާރޭ ވެއްސަން ފެށިއިރު ޣައްޒާގައި ހުރި އެކަކަކީ ޑޮކްޓާސް ވިތުއައުޓް ބޯޑާސްގެ އެމެރިކާ ނަރުހެއް ކަމަށްވާ އެމިލީ ކޮލާން އެވެ. އިސްރާއީލުން ޣައްޒާއަށް ހަމަލާތައް ދެމުން ގެންދާތާ 26 ދުވަސް ފަހުން ޣައްޒާ އިން ނިކުމެ މިހާރު އެމެރިކާއަށް ގޮސްފައިވާ އެމިލީ ވަނީ އޭނާގެ ތަޖުރިބާ ސީއެންއެން އާއި ހިއްސާކޮށްފައެވެ.

އެމިލީ ބުނި ގޮތުގައި އިސްރާއީލުން ހުއްޓުމެއް ނެތި ބޮން އަޅަމުންދާ ޣައްޒާ އިން ނިކުމެވުނު ނަމަވެސް އޭނާއަށް ކުރެވޭ ވަކި ހާއްސަ އިހްސާސެއް ނެތެވެ. ސަބަބަކީ ޣައްޒާގައި ތިބި މީހުންގެ ހާލަތު އޭނާގެ ލޮލަށް ފެނިފައި ވުމެވެ.

ޣައްޒާގެ ހާލަތު ސިފަކޮށްދެމުން އެމިލީ ބުނި ގޮތުގައި އޭނާ އެއްފަހަރު ވަގުތީ ހިޔާވަހިކަން ހޯދި ސެންޓަރުގެ ހާލަތައް އެކަނި ބެލި ނަމަވެސް ޣައްޒާގެ ހާލަތު ވަޒަން ކުރެވޭނެއެވެ. "26 ދުވަސް ތެރޭގައި ސަލާމަތީ ސަބަބުތަކަށްޓަކައި އަހަރެމެން ފަސް ތަނަކަށް ބަދަލުވިން. އެއިން އެއްތަނަކީ ކޮމިއުނިސްޓް ޓްރޭނިން ސެންޓަރ. އެތަނުގައި 35000 މީހުން ތިބި. އެއެންމެން ބޭނުންކުރަން ހުރީ ހަތަރު ފާހާނާ. ކާނެ އެއްޗެއް ބޯނެ އެއްޗެއް ނެތް." އެމިލީ ކިޔައި ދިނެވެ.

އެމިލީ ބުނި ގޮތުގައި އެއްވެސް އެއްޗެއް ނުލިބި ހާލުގައި ޖެހިފައި ތިބި ނަމަވެސް ޣައްޒާގެ ރައްޔިތުން ވަރަށް ހިތްހެވެ. "އެމީހުންނަށް ބޭރުން އެހީތެރިކަމެއް ނުލިބޭ. ކާނެ އެއްޗެއް ނެތް. ބޯނެ ފެނެއް ނެތް. ނިދަން ޖެހެނީ ސުންނާފަތިކޮށްލާފައިވާ އިމާރާތްތަކުގެ ކޮންކްރިޓްތައް މަތީ އެއްވެސް ހިޔާވަހިކަމެއް ނެތި. އެކަމަކު ޣައްޒާގެ ރައްޔިތުން މީހުންނާއި ވާހަކަދައްކަނީ ހިތްހެޔޮކަމާއި ލޯތްބާއިއެކު. އެއީ އާދަޔާއި ހިލާފު ކަމެއް.: އެމިލީ ބުންޏެވެ.

އެމިލީ އިތުރަށް ބުނި ގޮތުގައި ޣައްޒާގެ ރައްޔިތުންނަކީ ހަމަނުޖެހުމާއި އަނިޔާވެރިކަމަށް ހިތްވަރުދޭ ބައެއް ނޫނެވެ. "ޣައްޒާ ރައްޔިތުންގެ ހިތުގައި ހަމަނުޖެހުމާއި، އަނިޔާވެރިކަމެއް ނެތް. އެހުރިހާ އެންމެންގެ ހިތުގައި ވެސް އަނެކާއާއި މެދު އޮންނަނީ ލޯތްބާއި އަޅާލުން. އެހެންވެ އަހަރެންގެ ހިތް އަދިވެސް ވަނީ ޣައްޒާގައި. އަހަރެންގެ ލޯބި ވަނީ ޣައްޒާ އާއިއެކު." އެމިލީ ބުންޏެވެ.

އެމިލީ ބުނި ގޮތުގައި އޭނާ އަދިވެސް ހުރީ އެނބުރި ޣައްޒާ އަށް ދާނެ ފުރުސަތެއް ލިބޭނެ ވަގުތެއްގެ އިންތިޒާރުގައެވެ.

ޣައްޒާގައި ތިބި ނަރުހުންނާއި ޑޮކްޓަރުންގެ ވާހަކަތައް ސީއެންއެން އާއި ހިއްސާ ކުރަމުން އެމިލީ ބުނީ "ޑޮކްޓަރުންނާއި ނަރުހުން ބުނަމުން ދަނީ އަހަރެމެން މަރާލުމުގެ ކުރިން ސަލާމަތް ކުރެވުނު އެންމެ ގިނައެއްކޮށް މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް. އަހަރެންނަށް މިހާތަނަށް ބައްދަލުވި އެންމެ އާދަޔާއި ހިލާފު، އެންމެ ހިތްވަރުގަދަ މީހުން ތިބީ ޣައްޒާގައި." އެމިލީ ބުންޏެވެ.

ޣައްޒާއަށް އިސްރާއީލުގެ ނިރުބަވެރިން ހުއްޓުމެއްނެތި ދެމުންދާ ހަމަލާތަކުން އިމާރާތްތައް ސުންނާފަތިވެ، އެތައް ހާސް ބަޔަކު ޝަހީދުވަމުން ދިޔަ ނަމަވެސް ދުރުގައި ތިބި މީހުންނަށް ކުރެވޭނެ ކަމަކަށް އޮތީ ހެޔޮ ދުއާ ކުރުމެވެ. ދުނިޔޭގެ އެތަންމިތަނުން އެތައް މިލިއަން ބަޔަކު ދަނީ ޣައްޒާއަށް ހެޔޮ ދުއާ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސޭނުބޭ

    އެކަމަކު ބޮޑު ޖުއްބާ ލީ ޢަރަބި ވެރިން ވަނީ އިޒްރޭލާއެކު!

    16
    0
  2. ގުދުގުދާބެއްޔާ

    ދުއާ ކުރަން ޖެހޭނީ އަސްބާބުތަކުގައި ހިފައިގެން ތިބެ! އެއްވެސް މަސައްކަތެއް ނުކޮއް ދެއަތް އުރައިލައިގެން ތިބެ ރިޒްގް ދެއްވާށޭ ކިޔާ ދުއާކުރުމުން ވާނެ ފައިދާއެއްނެތް! ހަމަ އެގޮތައް ހަގުރާމަ ތަކުގައިވެސް ދުއާ ކުރަން ޖެހޭނީ ހަތިޔާރާ ސާމާނުހޯދައިގެން ހަގުރާމަ ކުރަމުން!

    13
    1
    • Anonymous

      والله اعلم.