އަނިޔާވެރިކަމުގައި ހައްދުފަހަނައަޅައި ގޮސްފައިވާ ނިރުބަވެރި އިސްރާއީލުން ބޯލަނބާ، އިހްތިރާމް ކުރާ އަދި ގަބޫލު ކުރާ އެއްވެސް އިންސާނީ ހައްގެއް ނެތެވެ. ހުޅަނގުގެ ގައުމުތަކުން އެމީހުން އަމިއްލައަށް ހަދައި، އެމީހުން އަމިއްލައަށް އެއީ ހެޔޮ ގޮތް ކަމަށް ގަބޫލު ކުރާ މުއާހަދާތަކުގައި ހަނގުރާމައިގެ ހާލަތުގައި ވެސް ސިއްހީ ހިދުމަތް ދިނުމަށް ހުރަސް ނޭޅޭނެ ކަމަށް ބަޔާން ކޮށްފައި ވެއެވެ. ނަމަވެސް ޣައްޒާގެ ސިއްހީ ނިޒާމު ފުނޑާލާ، ސިއްހީ ހިދުމަތް ހޯދުމުން ޣައްޒާ ރައްޔިތުން މަހްރޫމް ކުރުމަށް ނިރުބަވެރި އިސްރާއީލުން ގެންދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.

ނިރުބަވެރި އިސްރާއީލްގެ މިއަނިޔާވެރި އަމަލުތަކުގެ ސަބަބުން ޣައްޒާގެ ހޮސްޕިޓަލްތަކުގެ ހާލަތު ގޯހުން ގޯހަށް ދިޔައީ އެކަންޏެއް ނޫނެވެ. ހޮސްޕިޓަލްތަކާއި ހަމައަށް ދިއުމަށް ވެސް ބަލި މީހުންނަށް ވަނީ ދަތިތައް ކުރިމަތިވެފައެވެ. މަގުތައް ވަނީ ހަލާކުވެފައެވެ. ވެހިކަލްތަކަށް އަޅާނެ ތެޔޮ ނުލިބޭތީ ވެހިކަލްތައް ދުއްވޭނެ ގޮތެއް ނެތެވެ. މިހާލަތު އެންމެ ބޮޑަށް އެނގިވަޑައިގަންނަވާ އެއްބޭފުޅަކީ ޣައްޒާގެ ޑޮކްޓަރެއް ކަމަށްވާ ހަސަން ޒައިން އަލް ދީން އެވެ.

ޑޮކްޓަރަށް ދެއްކުމަށް ހޮސްޕިޓަލާއި ހަމައަށް ދެވޭނެ ގޮތް ނެތިފައި ތިބި މީހުންގެ އަރިހަށް ޑޮކްޓަރ ހަސަން ގެންދަވަނީ ޒިޔާރަތް ކުރައްވަމުންނެވެ. އޭނާ ބަލި މީހުންގެ ކައިރިއަށް ޒިޔާރަތް ކުރައްވަމުން ގެންދަވަނީ ބައިސްކަލެއްގައެވެ. ޑޮކްޓަރ ހަސަން މިވަގުތު ހުންނެވި ވަގުތީ ހިޔަލުން އޭނާ މަސައްކަތް ކުރައްވާ ހޮސްޕިޓަލަށް ދިއުމަށް ވެސް ބައިސްކަލްގައި 15 ކިލޯމީޓަރު ކަޑައްތުކުރައްވަން ޖެހިވަޑައިގަންނަވައެވެ. ހޮސްޕިޓަލްގައި ކުރައްވާ މަސައްކަތުގެ އިތުރަށް އދ.އިން ޣައްޒާގައި އަޅާފައި ހުންނަވާ ސްކޫލްތަކަށް ޒިޔާރަތްކުރައްވާ އެ ސްކޫލްތަކުގައި ތިބި ބަލި މީހުންގެ ހާލު ބައްލަވާ ފަރުވާ ކުރައްވައެވެ. އަދި އެކި މީހުންނާއި، އިދާރާތަކަށް ފޯނު ކުރައްވައިގެން ބަލި މީހުން ތިބި ތަންތަނަށް ވަޑައިގެން އެމީހުންނަށް ފަރުވާ ދެއްވައެވެ.

"ބޮން އެޅުމުގެ ސަބަބުން އިމާރާތްތައް ވެއްޓި މަގުތައް ވަނީ ބަންދުވެފައި. އެހެންވެ ބައެއް ފަހަރު އަޅުގަނޑުގެ ކޮނޑުގައި ބައިސްކަލް އުފުލައިގެން ވެސް މަގުތައް ހުރަސް ކުރަން ޖެހޭ." ޑޮކްޓަރ ހަސަން ވިދާޅުވިއެވެ.

ޑޮކްޓަރ ހަސަން ވިދާޅުވީ މިހާރު ޣައްޒާގެ ހާލަތު އޮތް ގޮތައް ހާލަތު އޮންނަން އެއްވެސް މީހަކު ވެސް އަދި އެއްވެސް ޑޮކްޓަރަކު ވެސް ބޭނުމެއް ނުވެއެވެ. ނަމަވެސް މިހާރު ކުރިމަތިވެފައި މިއޮތް ހާލަތު މިގޮތައް އޮތުން އެއީ ޑޮކްޓަރެއްގެ ޒިންމާ އަދާކުރަން ދައްކަން އޮތް އުޒުރެއް ކަމަށް ޑޮކްޓަރ ހަސަން ދެކެވަޑައެއް ނުގަންނަވައެވެ.