ފަލަސްތީނުގައި ހަރަކާތްތެރިވާ މުޖާހިދުން ވޭތުވެދިޔަ މަސް ދުވަސްތެރޭގައި އިސްރާއީލަށް އަމާޒުކޮށް 9،500 ރޮކެޓް ފޮނުވާލި ކަމަށް އިސްރާއީލުން ބުނެފިއެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނީ މި މަހުގެ 7 ވަނަ ދުވަހު ހަމާސް އާއި އިސްރާއީލްގެ އަސްކަރިއްޔާއާ ދެމެދު ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް އައިއިރު ރޮކެޓާއި މޯޓަރު ހަމަލާތަކާއި ގިނަ އަދަދެއްގެ ޑްރޯން ހަމަލާތައް ވެސް އިސްރާއީލަށް އަމާޒުކޮށް ފޮނުވާލާފައިވާ ކަމަށެވެ. އަދި ބައެއް ރޮކެޓްތައް ފޮނުވާލާފައި ވަނީ އާންމުން ދިރިއުޅޭ ސައިޓްތަކާއި މިސްކިތްތަކާއި ސްކޫލްތަކާއި ހޮސްޕިޓަލްތަކާއި ކަލްޗަރަލް ސެންޓަރުތަކުގެ ބޭނުން ހިފައިގެން ކަމަށް އިސްރާއީލުން ބުނެފައިވެއެވެ.

ޔަހޫދީން އެގޮތަށް ބުނި ނަމަވެސް އެކަމަށް ބާރުދޭ އެއްވެސް ހެއްކެއް މިހާތަނަށް ދެއްކިފައެއް ނުވެއެވެ. އަދި ހަމާސް އިން އަންނަނީ އެ ތަންތަނުގައި ތިބެގެން ރޮކެޓް ހަމަލާތައް ދޭ ކަމަށް ބުނެ އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ ނިރުބަވެރިން ދައްކަމުން އަންނަ ވާހަކަތައް ދޮގުކޮށްފައެވެ.

އިސްރާއީލުން ބުނާ ގޮތުގައި ޣައްޒާ އިން ފޮނުވާލި ރޮކެޓްގެ %12 ވެއްޓިފައި ވަނީ ޣައްޒާ ތެރެއަށެވެ. އަދި 2،000 ވަރަކަށް ޕްރޮޖެކްޓައިލްސް އިސްރާއީލްގެ އެއާ ޑިފެންސް ސިސްޓަމްތައް ބޭނުންކޮށްގެން ނައްތާލެވިފައިވާ ކަމަށް ވެސް އިސްރާއީލުން ބުނެފައިވެއެވެ.

ޔަހޫދީން ބުނާ ގޮތުގައި ގިނަ ރޮކެޓްތަކެއް އަމާޒުވެފައި ވަނީ ހުސް ބިންތަކަކަށެވެ. އަދި ބައެއް ރޮކެޓްތައް އާންމުން ދިރިއުޅޭ ތަންތަނަށް އަމާޒުވެ، ބައެއް މީހުންނަށް އަނިޔާ ލިބިފައިވާ ކަމަށް ވެސް އިސްރާއީލުން އެއްބަސްވެފައެވެ. އިސްރާއީލުން ބުނާ ގޮތުގައި އިސްރާއީލަށް އަމާޒުކޮށް ފޮނުވާލި ރޮކެޓްތަކުގެ ތެރެއިން %95 ރޮކެޓްތައް ވަނީ ވައިގެ ތެރޭގައި ވަނިކޮށް ނައްތާލެވިފައެވެ.

އިސްރާއީލުން ބުނާ ގޮތުގައި އޮކްޓޯބަރު ހަތް ވަނަ ދުވަހު ހަމާސް އިން އިސްރާއީލްގެ ހިސާބުތަކަށް އަރައިގަތް ހަތަރު ގަޑިއިރުގެ ތެރޭގައި 3،000 އަށް ވުރެ ގިނަ ރޮކެޓް އިސްރާއީލަށް އަމާޒުކޮށް ފޮނުވާލާފައިވެއެވެ.

ޔަހޫދީ އަސްކަރިއްޔާ އިން ބުނާ ގޮތުގައި ސިފައިން އެއްގަމު މަގުން ޣައްޒާ އަށް އެރި އެއް ސަބަބަކީ ހަމާސް އިން އިސްރާއީލަށް ފޮނުވާލާ ރޮކެޓްތައް މަދު ކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބަބޫ

    އެވަރަށް ފޮނުވާއިރު ސަކްސެސްފުލް ރޭޓް ހުރީ 1% ގަ. އެހެންވީމަ ތިހެން ކުދި ކޮށްޓުން ކޮށްޓައިގެން ވާނެ ފައިދާއެއް ނޯނަނާނެ. ފުނޑަންޏާ ބޮޑު އެއްޗެހި ފޮނުވާ. މިހާރު ތިހެން ކަންތައްކުރީމަ މިވާގިތަކީ ޔަހޫދީން މުޅި ގައްޒާ ފުނޑާލަން ފުރުސަތު ތިދެވުނީ. އަތުގައި އެކަށިގެންވާވަރު ހަތިޔާރުނެތީސް އިސްސާނިއްޔަތުކަމެއް ނެތް ޔަހޫދީންނަށް ހަމާލާ ދިނުމުން ކަންތަށް މިދިޔައީ ގޯހުން ގޯހަށް. ހަމަލާ ދޭންވެސް ޖެހޭނެ ޔަހޫދީން އެ ބިމުން ފޮހެލަންވެސް ޖެހޭނެ. އެކަމަކު މިހާރު ތިޔަ ކޮށްގެން އުޅޭ ކަމަކުން މުސްލިމުން މަރުވެ ހުސްވުން ނޫން ކަމެއް ނުވާނެ. ސައުދީއާއި އިސްލާމީ ގައުމުތަށް އޮތީ ޑޮލަރުން އެނދުހަދައިގެން ނިދަން. ކުއްވެރި ކުރުމުގަ އެ ނިމިދަނީ. އަމަލީ ފިޔަވަޅެއް ނޭޅި.