ނިރުބަވެރި އިސްރާއީލުން ހިންގަމުން އަންނަ ގަތުލު އާންމުގަައި ޝަހީދު ނުވަތަ މަރުވި މީހުންގެ އަދަދު 11،000 އަށްވުރެ މައްޗަށް އަރައިފިއެވެ.

ފަލަސްތީނުގެ ހެލްތް މިނިސްޓްރީން އާންމު ކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިދިޔަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިއަދާއި ހަމައަށް ޣައްޒާއިން ޝަހީދު ނުވަތަ މަރުވި މީހުންގެ އަދަދު މިހާރު ވަނީ 11،000 އަށްވުރެ މައްޗަށް އަރާފައެވެ. މިނިސްޓްރީގެ ސީދާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޝަހީދު ނުވަތަ މަރުވި މީހުންގެ އަދަދު މިހާރު ވަނީ 11،078 އަށް އަރާފައެވެ.

ހެލްތް މިނިސްޓްރީން ބުނީ އޭގެ ތެރޭގައި 4،506 ކުޑަކުދިން ހިމެނޭ ކަމަށެވެ.

މީގެ އިތުރުން މިހަނގުރާމައިގެ ތެރޭގައި އެކިވަރުގެ އަނިޔާވެފައިވާ މީހުންގެ އަދަދު 25،000 އަށްވުރެ މައްޗަށް ވެސް އަރާފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ޣައްޒާއިން ޝަހީދު ނުވަތަ މަރުވި މީހުންގެ އަދަދު 11،000 އަށްވުރެ މައްޗަށް އަރާފައިވާއިރު، ޣައްޒާއިން 10،000 މީހުން ޝަހީދު ނުވަތަ މަރުވެފައިވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ. އެހެން ކަމުން ނިރުބަވެރިން މިވަނީ ހަތަރު ދުވަސް ތެރޭ ޣައްޒާގެ 1000 އަށްވުރެ ގިނަ މީހުން ޝަހީދު ނުވަތަ މަރާލާފައެވެ.

މިދިޔަ މަހުގެ 7 ވަނަ ދުވަހު މި ހަނގުރާމަ ފެށިފައިވަނީ ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުގެ މުޖާހިދުން ނިރުބަވެރިންނާއި ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދިނުމާއި ގުޅިގެންނެވެ. އެހަމަލާތަކާއި ގުޅިގެން ބަދަލު ހިފުމުގެ ގޮތުން ނިރުބަވެރިން ވެސް އަންނަނީ ހަމަލާތައް ދެމުންނެވެ. އެގޮތުން އާންމުން ދިރިއުޅޭ ސަރަހައްދުތަކުގެ އިތުރުން ހޮސްޕިޓަލް، މިސްކިތް، ސްކޫލްތަކަށް ވެސް މިހާރު އަންނަނީ ހަމަލާތައް ދެމުންނެވެ.