ނިރުބަވެރި އިސްރާއީލުން ދެމުން އަންނަ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ވެސް ނިރުބަވެރިން ހަމަލާތަކެއް ދީފިއެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ނިރުބަވެރިން ހަމަލާތަކެއް ދީފައިވަނީ އެމީހުން ހަމަލާތަކެއް ދެމުން ދިޔަ ޣައްޒާގެ އުތުރުގެ ސަރަހައްދު ދޫކޮށް އެމީހުން ދެކުނުގެ ހިސާބަކަށް ދިޔަ ވަގުތުއެވެ.

އަލްޖަޒީރާ ނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މިހާދިސާގައި ގިނަ ބަޔަކަށް ވަނީ ސީރިއަސް ޒަހަމްތަކެއް ވެފައެވެ. ނަމަވެސް މިހާދިސާގައި އެއްވެސް މީހަކު މަރު ނުވަތަ ޝަހީދުވި ކަމެއް އަދި ރިޕޯޓް ކޮށްފައެއް ނުވެއެވެ.

މީސްމީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެނިގެން ދަނީ އެސަރަހައްދު ދޫކޮށް ދިޔަ މީހުން ތިބި ތަނަށް ނިރުބަވެރިން ހުދު ފޮސްފަރަސް ބޮން އަޅާ މަންޒަރެވެ. އަދި އާންމުވެފައިވާ އިތުރު ވީޑިއޯތަކުން ފެނިގެން ދަނީ ޒަހަމްވެފައިވާ ގިނަ އަދަދެއްގެ ބަޔަކު ހޮސްޕިޓަލުގެ ބިންމަތީގައި ބާއްވާފައި ތިބޭ މަންޒަރެވެ.

 

ނިރުބަވެރިން ދެމުން އަންނަ ހަމަލާތަކަށް ހުއްޓުމެއް އައިސްފައި ނުވާއިރު، މިހާރު ނިރުބަވެރިންގެ އެންމެ ގިނަ ހަމަލާތައް އަމާޒުވަނީ އާންމުން ގިނައިން އެއްވެ އުޅޭ ސަރަހައްދުތަކަށް ކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން ސްކޫލްތަކާއި ހޮސްޕިޓަލްތަކާއި ރެފިއުޖީ ކޭމްޕްތަކަށް ދެމުން އަންނަ ހަމަލާ އިތުރުވެފައިވާކަން ފާހަގަ ކޮށްލެވެއެވެ.

ނިރުބަވެރިން ޣައްޒާގެ ހޮސްޕިޓަލްތަކަށް ދެމުން އަންނަ ހަމަލާތަކުގެ ސަބަބުން މިހާތަނަށް 21 ހޮސްޕިޓަލެއް ވެސް ވަނީ ބަންދު ކުރެވިފައެވެ.