އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް މިހާރަށް ވުރެ ބޮޑަށް މަސައްކަތް ކޮށްދެއްވުމަށާއި، އިސްރާއީލުގެ ހަމަލާތައް ހުއްޓުވުމަށް އެހީތެރިވެ ވަޑައިގަތުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ގެ އަރިހުން އިންޑޮނޭޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯ އެދިވަޑައިގެންފިއެވެ.

ވިޑޯޑޯ ބައިޑަންގެ ކިބައިން މިފަދައިން އެދިވަޑައިގެންފައި ވަނީ މިހާރު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ބައިޑަން އާއި ބައްދަލުކުރެއްވުމަށް ފަހުގައެވެ. ވިޑޯޑޯ ވަނީ މިދިޔަ ހަފްތާ ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟުގައި ބޭއްވި އަރަބި އަދި މުސްލިމު ގައުމުތަކުގެ ލީޑަރުންގެ ސަމިޓުގައި ބައިވެރިވެ ވަޑައިގަންނަވާ، އިސްރާއީލުގެ ލާއިންސާނީ އަމަލުތައް ކުށްވެރި ކުރައްވާ، ހަމަލާތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް ގޮވާލައްވާފައެވެ.

ދުނިޔޭގައި މުސްލިމުންގެ އާބާދީ އެންމެ ބޮޑު ގައުމުކަމަށްވާ އިންޑޮނޭޝިއާގައި ވަނީ، ފަލަސްތީނަށް ތާއީދުކޮށް ބޮޑެތި މުޒާހަރާތައް ކޮށް، އިސްރާއީލާއި އިސްރާއީލާއި ގުޅުންހުރި ވަރަށް ގިނަ އުފެއްދުންތަކާއި، ވިޔަފާރިތައްވެސް ބޮއިކޮޓް ކޮށްފައެވެ.

ވައިޓްހައުސްގައި ބައިޑަން އާއި ބައްދަލު ކުރައްވާ ވިޑޯޑޯ ވިދާޅުވެފައިވަނީ ޣައްޒާގައި ހިނގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް އެމެރިކާއިން މިހާރަށް ވުރެ ބޮޑަށް މަސައްކަތް ކުރުމަށް އިންޑޮނޭޝިއާއިން އެދޭ ކަމަށެވެ. އަދި އިންސާނިއްޔަތަށްޓަކައި ހަމަލާތައް ހުއްޓާލުން މަޖުބޫރު ކަމަށްވެސް ވިޑޯޑޯ ވަނީ ވިދާޅުވެފައެވެ.

ފަލަސްތީނުގައި އިސްރާއީލުން ކުރިއަށް ގެންދާ ލާއިންސާނީ ޖަރީމާތަކުގައި އެމެރިކާގެ ފުރިހަމަ ތާއީދާއި އެއްބާރުލުން އިސްރާއީލަށް ދެމުން ގެންދާއިރު، އެމެރިކާއިން މިފަހުން ދަނީ ޣައްޒާއަށް އެހީ ވެއްދުމަށް ހަމަލާތަކަށް މެދުކެނޑުންތައް ގެނައުމަށްވެސް ގޮވާލަމުންނެވެ.

އިންޑޮނޭޝިއާއާއި އެމެރިކާގެ ގުޅުންތައް މިހާރަށް ވުރެ ވަރުގަދަ ކުރައްވާނެ ކަމަށް ވިޑޯޑޯ އާއި ބައިޑަންގެ ބައްދަލުވުމުގައި ބައިޑަން ވަނީ ވިދާޅުވެފައެވެ. އަދި އޭގެ އިތުރުން ދިފާއީ ދާއިރާގަޔާއި، ޖައްވީ، އަދި ތިމާވެށީގެ ދާއިރާގައި އިތުރު ގުޅުންތައް އުފެއްދުމާއި ގުޅޭ ގޮތުންވެސް ދެ ގައުމުގެ ލީޑަރުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިޚްލާޞް

    ތިޔަ ކާފަރުން ކައިރީ އެއްވެސް ކަމަކު އެދޭނެ ކަމެއް ނެތް. ކަންކަމަށް އެހީތެރިކަމަށް އެދެންވީ ރަނގަޅު ގޮތުގައި މަސައްކަތް ކުރުމާއެކު އެންމެ ބާރުވެރި ޢިއްޒަތް ލިބިވޮޑިގެންވާ ﷲ ގެ ޙަޟްރަތުން.

    3
    1