ފަލަސްތީނުގެ ޣައްޒާގައި ހުންނަ އެންމެ ބޮޑު ހޮސްޕިޓަލް ޝިފާ ހޮސްޕިޓަލް ތެރޭގައި ހަތިޔާރު ރައްކާ ކުރާ ވާހަކަ ހަމާސް އިން ދޮގުކޮށްފިއެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނީ ޝިފާ ހޮސްޕިޓަލްގެ ތެރޭގައި ހަމާސްގެ ހަރަކާތްތައް ހިންގާ ކަން ސާފުވާ ކަމަށެވެ. އެގޮތުން އެ ތަނުން އާރުކޭ47 ބަޑި އާއި ބޮމާއި ހަމާސް އިން ބޭނުން ކުރާ ޔުނިފޯމާއި ވަޒަނާއި އެ ނޫން ވެސް ޒާތުގެ އެއްޗެހި ފެނިފައިވާ ކަމަށް ބުނެފައިވެއެވެ.

އަދި އަލަށް ހޯދުނު ހޯދުންތަކުގެ އަލީގައި ޝިފާ ހޮސްޕިޓަލްގެ އަޑީގައި ބިންގަރާސް ނެޓްވޯކެއް ހަދާފައިވާ ކަމަށް ވެސް އިސްރާއީލުން ބުނެއެވެ. ޝިފާ ހޮސްޕިޓަލުން ފެނުނު ލެޕްޓޮޕާއި އެހެނިހެން ޑިވައިސްތައް ތަހުގީގު ކުރަމުންދާ ކަމަށް ވެސް އަސްކަރިއްޔާ އިން ބުނެފައިވެއެވެ. އިސްރާއީލްގެ އަސްކަރިއްޔާގެ ތަރުޖަމާނަކު ބީބީސީ އަށް މީގެކުރިން ބުނީ އެއް ލެޕްޓޮޕްގައި ރަހީނު ކުރި މީހުންގެ ފޮޓޯ އާއި ވީޑިއޯތައް ހިމެނޭ ކަމަށެވެ.

އަސްކަރިއްޔާ އިން ބުނި ގޮތުގައި އެއް ލެޕްޓޮޕްގައި ހަމާސް އިން ރަހީން ކުރި އަންހެން ސިފައިންގެ މީހާގެ ފޮޓޯ ވެސް ފެނިފައިވެއެވެ. އިސްރާއީލަށް ފެނުނު އާ ހޯދުންތަކުގެ އަލީގައި ހަމާސްގެ ތަންތަން ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އަސްކަރިއްޔާ އިން ބުނެއެވެ.

ހަމާސްގެ ލީޑަރު އޮސާމާ ހަމްދާން ވިދާޅުވީ ހޮސްޕިޓަލްގެ އެމްއާރުއައި މެޝިން ކައިރީގައި ހަތިޔާރު ރައްކާކޮށްފައި ހުރި ކަމަށް އިސްރާއީލުން ބުނި ކަމުގައި ވިޔަސް، އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ޝިފާ ހޮސްޕިޓަލަށް ހަތިޔާރު ވެއްދީ އިސްރާއީލުން ފޮށިތަކުގައި ބަންދުކޮށްގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި މިއީ ހަމާސްގެ ބޮލުގައި ދޮގު ތުހުމަތެއް އެޅުވުމުގެ ބޭނުމުގައި އިސްރާއީލުން ދައްކާ ވާހަކަތަކެކެވެ. އަދި މިއީ އިސްރާއީލުން އަލް ޝިފާ ހޮސްޕިޓަލްގައި ތިބި ރައްޔިތުން ޝަހީދުކޮށް، ހަނގުރާމައިގެ ކުށްތައް ފޮރުވަން ވެގެން ދައްކާ ވާހަކަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އިސްރާއީލްގެ އަމާޒަކީ ހޮސްޕިޓަލްތަކަށް ހަމަލާދީ، ބޭކަރީތަކަށް ބޮން އަޅައި ރައްޔިތުންނާ ގުޅުން ހުރި ހުރިހާ ފެސިލިޓީތަކެއް ސުންނާފަތިކޮށްލަމުން. ބޭނުމަކީ ރައްޔިތުން އެމީހުންގެ ބިމުން ވިއްސިވިހާލިކޮށްލުން،" ހަމްދާން ވިދާޅުވިއެވެ.

އިސްރާއީލުން މީގެކުރިން ތުހުމަތުކޮށްފައިވާ ގޮތުގައި ހަމާސްގެ މައިގަނޑު އޮޕަރޭޝަންތައް ހިންގަނީ ޝިފާ ހޮސްޕިޓަލްގެ އަޑީގައެވެ. އެކަމަކު، ހަމާސް އިން އެ ފަހަރު ވެސް އެކަން ދޮގު ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަލިފުޅު

    އެތަނައް އެވެއްދިތަންފެނުނު ބޭސްފަރުވާކުރަން އެހޮސްޕިޓަލައް އެހީދޭނަމުގަ ބޮޑެތި ފޮޝިތަކެއް އިޒްރާއީލް ޓެރަރިސްޓުން އެއްދުވަސްކުރިން ލައިވްޓީވީގަ