ނިރުބަވެރި އިސްރާއީލުން ހައްޔަރުގައި ގެންގުޅުމަށްފަހު ދޫކޮށްލި ފަލަސްތީނުގެ ޒުވާނަކު ދޫކުރިތާ 24 ގަޑިއިރު ފަހުން މަރުވެއްޖެއެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި ހުޅަނގު އައްސޭރީގެ ޖަލަޒޮން ކޭމްޕުގައި އުޅުނު އުމުރުން 28 އަހަރުގެ މަހުމޫދު އަހުމަދު ނަޚްލޭ އަކީ 2017 ވަނަ އަހަރު ނިރުބަވެރިން އަނިޔާކޮށް، ޖަލަށްލާފައިވާ ޒުވާނެކެވެ. އޭނާ ދޫކޮށްފައިވާ ސީދާ ދުވަހެއް ރިޕޯޓްތަކުން ހާމަ ކޮށްފައެއް ނުވެއެވެ.

ރިޕޯޓްތަކުން ބުނީ، އޭނާ މަރުވެފައިވަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް، ހިތް ހުއްޓިގެން ކަމަށެވެ. އަދި އޭނާ މަރުވެފައިވަނީ ދޫކުރިތާ 24 ގަޑިއިރު ފަހުން ކަމަށް ވެސް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

މަހުމޫދުގެ މަރާއި ގުޅިގެން ގިނަ ބަޔަކު އިސްރާއީލަށް ނުރުހުން ފާޅު ކުރަމުން އަންނައިރު، ގިނަ ރިޕޯޓްތަކުން ބުނީ، އޭނާ މަރުވެފައިވަނީ ނިރުބަވެރިންގެ އިހުމާލުގެ ސަބަބުން ކަމަށެވެ.

އެތަކެއް އަހަރު ކުރިން ނިރުބަވެރިން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުން އަންނަ ހަމަލާތައް ފެށިފައިވާއިރު، މިއަދާއި ހަމައަށް އައިރު، ނިރުބަވެރިންގެ އަނިޔާގެ ސަބަބުން ފަލަސްތީނުގެ ކުށެއް ނެތް އެތަކެއް ރައްޔިތުންނެއް ވަނީ ޝަހީދުވެފައެވެ.

ފަލަސްތީނުގެ ރައްޔިތުން މަގުމަތިން ފެނުނަށް ހައްޔަރުކޮށް، ޖަލަށް ގެންގޮސް އަނިޔާ ކުރުމަކީ ނިރުބަވެރިން އަބަދު ވެސް ކުރަމުން އަންނަ ކަމެކެވެ. ނަމަވެސް މިކަން ހުއްޓުވޭނެ ގޮތެއް ނުވެގެން، ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން ވަނީ މިދިޔަ މަހުގެ 7 ވަނަ ދުވަހު ނިރުބަވެރިންނާއި ދެކޮޅަށް ހަނގުރާމައެއް ފަށާފައެވެ.