ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ޖަމާއަތެއް ކަމަށްވާ ފަލަސްތީނިއަން ފްރީޑަމް މޫވްމެންޓްގެ ބާނީ، ޚާލިދް އަބު ހެލާލް ޝަހީދު ކޮށްލައިފިއެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި އޭނާ ޝަހީދު ކޮށްލާފައިވަނީ ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ޝެއިޚް ރަޑްވަންގައި އޭނާ ދިރިއުޅެމުން ދިޔަ ގެއަށް އަމާޒުކޮށް ދިން ވައިގެ ހަމަލާތަކެއްގައެވެ.

ފަލަސްތީނިއަން ފްރީޑަމް މޫވްމެންޓަކީ ފަލަސްތީން މިނިވަން ކުރުމަށް 2007 ވަނަ އަހަރު އުފައްދާފައިވާ ޖަމާއަތެކެވެ. މި ޖަމާއަތުގެ އަސްކަރީ ގޮތްޕެއްގެ ގޮތުގައި ހަރަކާތްތެރިވަނީ އަލް-އަންސަރު ބްރިގޭޑްސްއެވެ.

ނިރުބަވެރިން މިހާރު ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގެ ސަބަބުން ގިނަ ރައްޔިތުން ވަނީ ޝަހީދުވެފައެވެ. ކުށެއް ނެތް އެތަކެއް ރައްޔިތުން ޝަހީދު ކުރަމުން އައި ނަމަވެސް، އިސްރާއީލުން ބުނެފައިވަނީ ހަމަލާތައް ދެމުން އަންނަނީ ހަމާސް ޖަމާއަތުގެ މުޖާހިދުންނާއި ދެކޮޅަށް ކަމަށެވެ.

މުޖާހިދުންނާއި ދެކޮޅަށް ކަމަށް ބުނެ ނިރުބަވެރިން މިހާރު ވަނީ ޣައްޒާގެ ހޮސްޕިޓަލްތަކަށް ވެސް ހަމަލާތައް ދޭން ފަށާފައެވެ. މިއާއި އެކީ އެތަކެއް ބަޔަކަށް ވަނީ ގޮތް ހުސްވެފައެވެ.

މިދިޔަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން ކުރަމުން އަންނަ މި ހަނގުރާމައިގެ ތެރެއިން މިހާތަނަށް ޣައްޒާގެ 11،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.