ޔަހޫދީ ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކަށް ހުއްޓުމެއް ނާދެއެވެ. ކޮންމެ ދުވަހަކު ޣައްޒާއަށް އިރު އަރަނީ ބިރުވެރި ކަމެއްގެ ތެރޭގައެވެ. ފުރާނަ ގެއްލިގެން ދާނީ ކޮން އިރަކު ކޮން ވަގުތެއްގައި ކަމެއް ނޭގި އެތައް ބަޔަކު ދިރިއުޅެމުންދާއިރު، ޔަހޫދީންގެ ތިން ހަމަލާއަކުން ސަލާމަތްވި ފަލަސްތީނުގެ ތިން އަހަރުގެ ކުއްޖާގެ ވާހަކަވެސް ދައްކާލަން އެބަ ޖެހެއެވެ.

މިގޮތުން އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަނގުރާމަ ފެށި ފަހުން، ތަފާތު ތިން ހަމަލާއަކުން ފަލަސްތީނުގެ ތިން އަހަރުގެ ކުޑަ ކުއްޖަކު ކަމަށްވާ އަހްމަދު ޝަބާތު ވަނީ ސަލާމަތްވެފައެވެ.

ނަމަވެސް ފުރަތަމަ ދުވަހު ދިން ފުރަތަމަ ހަމަލާގައި އޭނާގެ މައިންބަފައިންނާއި އެއްބަނޑު އެއްބަފާ ހަތަރު ކުދިން ވަނީ ޝަހީދުވެފައެވެ.

އިސްރާއީލު އަސްކަރިއްޔާގެ ތިން ހަމަލާއަކުން ސަލާމަތްވި ފަލަސްތީނުގެ ތިން އަހަރުގެ ކުއްޖާ - ފޮޓޯ: އަނަޑޯލް

އޭގެ ފަހުން އޭނާގެ ބަލަހައްޓަމުން ގެންދިޔައީ ޣައްޒާގެ ޝެއިޚް ރަދުވާން ޑިސްޓްރިކްޓްގައި ދިރިއުޅެމުންދިޔަ އޭނާގެ ބައްޕަގެ ގާތް ތިމާގެ ބައެކެވެ. ނަމަވެސް ނިރުބަވެރި އިސްރާއީލުގެ ހަމަލާތަކުގައި އެ އާއިލާވެސް ވަނީ ޝަހީދުވެފައެވެ.

އެ އާއިލާ ކައިރީގައި އުޅެމުންދިޔައިރު ދިން އެ ހަމަލާގައިވެސް ޝަބާތު ސަލާމަތްވިއެވެ.

އެއަށްފަހު ޝަބަތު ގެންދިޔައީ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޮރ ފަލަސްތީން ރެފިއުޖީސް އިން ދަ ނިއަރ އީސްޓް (ޔޫއެންއާރްޑަބްލިއުއޭ) ސްކޫލުން ނުސީރަތު ރެފިއުޖީ ކޭމްޕްގައި ދިރިއުޅެމުންދިޔަ ޝަބާތުގެ ބޮޑު ބޭބެ ކައިރިއަށެވެ. އެތަނުގައި ދިން ހަމަލާއެއްގައި އޭނާގެ ބޮޑު ބޭބެ ޝަހީދުވިއިރު ޝަބަތުގެ ފަޔަށް ޒަހަމްތަކެއް ލިބިފައި ވެއެވެ.

ޝަބަތު މިހާރު ބަލަހައްޓަމުން ގެންދަނީ ދީރުލް ބާލާގައި ހުންނަ އަލް އަގްސާ ހޮސްޕިޓަލުގައެވެ.