ފަލަސްތީނުގެ ޣައްޒާ ސިޓީގެ ދެކުނުގައި އޮންނަ އަލް ޒައިތޫން އަވަށުގައި އެތައް ހާސް ބަޔަކު ހިޔާވަހިކަން ހޯދަމުންދާ އަލްފަލާހް ސްކޫލަށް އަމާޒުކޮށް ނިރުބަވެރި އިސްރާއީލުން ދިން ހަމަލާއެއްގައި ގިނަ އަދަދެއްގެ ބަޔަކު ޝަހީދުވެ، އެތައް ބަޔަކު ޒަހަމްވެއްޖެއެވެ.

އިސްރާއީލުން އޮކްޓޯބަރު ހަތް ވަނަ ދުވަހުން ފެށިގެން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް އަދިވެސް ނުހުއްޓެއެވެ. ޣައްޒާއިން އެކަނި މިހާތަނަށް ޝަހީދުވި މީހުންގެ އަދަދު 10،000 އަށްވުރެ މައްޗަށް އަރަައެވެ.

އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާގޮތުގައި އަލް ޒައިތޫން އަވަށުގައި އެތައް ހާސް ބަޔަކު ހިޔާވަހިކަން ހޯދަމުންދާ އަލްފަލާހް ސްކޫލަށް އަމާޒުކޮށް ނިރުބަވެރި އިސްރާއީލުން ދިން ހަމަލާއެއްގައި ގިނަ އަދަދެއްގެ ބަޔަކު ޝަހީދުވެ، އެތައް ބަޔަކު ވަނީ ޒަހަމްވެފައެވެ.

މަންޒަރު ދުށް މީހުން އަލްޖަޒީރާއަށް ބުނީ، އަލްފަލާހް ސްކޫލަށް ދިން ހަމަލާގައި އެތައް ބަޔަކު ޝަހީދުވެ، އިތުރު 100 މީހުން ޒަހަމްވެފައިވާ ކަމަށެވެ.

އަދި ޝަހީދުވި މީހުންގެ އަދަދުތައްވެސް އަދިވެސް ކަށަވަރު ނުވާ ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ގެދޮރު ގެއްލިފައިވާ އެތައް ހާސް ބަޔަކަށް ހިޔާވަހިކަން ދެމުން ދިޔަ އެ ސްކޫލަށް ރޭ ހަމަލާ ދިން ނަމަވެސް ޣައްޒާގައި ހުންނަ އިންޑޮނޭޝިއާ ހޮސްޕިޓަލުން ބުނީ އެކަން އެނގުނީ މިއަދު ހެނދުނު އެކަނި ކަމަށެވެ.