ޔަހޫދީ ނިރުބަވެރިން ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލު ކަމަށްވާ އަލް ޝިފާ ހޮސްޕިޓަލު އަދިވެސް ރެއިޑު ކުރަމުންދާއިރު، ހޮސްޕިޓަލުގައި ތިބި 24 ބަލި މީހުން ދުނިޔެ ދޫކޮށްފައިވާ ކަމަށް ހޮސްޕިޓަލުގެ އޮފިޝަލުންނާއި ޣައްޒާގެ ސިއްހަތާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

ޣައްޒާގެ ސިއްހަތާއި ބެހޭ ވުޒާރާއިން އިއްޔެ ބުނެފައިވަނީ ހޮސްޕިޓަލުގައި ކަރަންޓު ނެތުމުގެ ސަބަބުން ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި 24 ބަލިމީހުން މަރުވެފައިވާ ކަމަށެވެ. ތެޔޮ ހުސްވުމުގެ ސަބަބުން މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އަލް ޝިފާ ހޮސްޕިޓަލުގެ ހިދުމަތްތައް އޮތީ ހުއްޓިފައެވެ.

”ކަރަންޓު ނެތުމުގެ ސަބަބުން ޒަރޫރީ ސިއްހީ އާލާތްތައް މަސައްކަތް ކުރުން ހުއްޓިފައިވާތީ، ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި އެކި ޑިޕާޓުމެންޓުތަކުން 24 ބަލިމީހުން ވަނީ ދުނިޔެ ދޫކޮށްފައި.” ސިއްހަތާއި ބެހޭ ވުޒާރާގެ ތަރުޖަމާނު އަޝްރަފް އަލް ޤުދުރާ ވަނީ ވިދާޅުވެފައެވެ.

މަރުވި ބަލިމީހުންގެ ތެރެއިން 22 މީހުން މަރުވީ އެއް ރޭ ތެރޭގައި ކަަމަށް އަލް ޝިފާ ހޮސްޕިޓަލުގެ ޑިރެކްޓަރު މުހައްމަދު އަބޫ ސަލްމިޔާ ބުނެފައި ވެއެވެ.

ހޮސްޕިޓަލުގައި ތިބި ދުވަސްނުފުރާ ވިހާފައި ތިބި ކުދިންގެ ތެރެއިން ކުއްޖަކުވެސް އިއްޔެ ދުނިޔެ ދޫކޮށްފައިވާ ކަމަށް އަލް ޝިފާ ހޮސްޕިޓަލުން ވަނީ ބުނެފައެވެ. މިއީ އިސްރާއީލު ސިފައިން ހޮސްޕިޓަލަށް ވަދެގަތް ފަހުން ނިޔާވި ފުރަތަމަ ކުއްޖާއެވެ. އޭގެ ކުރިން އިސްރާއީލު ސިފައިން ހޮސްޕިޓަލު ހިސޯރު ކޮށްގެން ތިބި ދުވަސްތަކުގައި ތިން ކުދިން ވަނީ ދުނިޔެ ދޫކޮށްފައެވެ.

ސަލްމިޔާ ވިދާޅުވެފައިވަނީ ހޮސްޕިޓަލު ވެފައިވަނީ އެތެރޭގައި ތިބި އެންމެންނަށް “ބޮޑު ޖަލަކަށް” އަދި “ބޮޑު ކަށްވަޅަކަށް” ކަމަށެވެ.

”އަހަރެމެން އަތުގައި އެއްވެސް އެއްޗެއް ނެތް. ކަރަންޓެއް، ފެނެއް، ކާއެއްޗެއް ނެތް. ފާއިތުވަމުންދާ ކޮންމެ މިނަޓަކާއި އެކު މިދަނީ ފުރާނައެއް ގެއްލެމުން. އެއް ރޭ ތެރޭގައި 22 މީހުންގެ ފުރާނަ ގެއްލިއްޖެ. ފާއިތުވި 3 ދުވަހުއްސުރެ ހޮސްޕިޓަލު އޮތީ ހިސޯރު ކޮށްފައި.” ސަލްމިޔާ ބުނެފައިވެއެވެ.

ހަމާސް އިން ހޮސްޕިޓަލުގެ ބިމު އަޑީގައި ކޮމާންޑު ސެންޓަރެއް ހިންގާ ކަމަށާއި، ހަމަލާތައް ދިނުމަށް ހޮސްޕިޓަލުގެ ބިމު އަޑީގައިވާ މަގުތައް ބޭނުން ކުރާ ކަމަށް ބުނެ މިދިޔަ ބުދަ ދުވަހުއްސުރެ ޔަހޫދީ ސިފައިން އަންނަނީ ހޮސްޕިޓަލު ބަލައި ފާސްކުރަމުންނެވެ. ދެ ދުވަސް ވަންދެން ބަލައި ފާސްކުރުމަށްފަހު ނިރުބަވެރިން ބުނެފައިވަނީ ގިނަ އަދަދެއްގެ ހަތިޔާރާއި އެކުގައި އުޅަނދަކާއި، ހަމާސްއިން ބޭނުންކުރާ ބިމުއަޑީގެ މަގުތަކާއި ގުޅޭ ބައެއްވެސް ފެނިފައިވާ ކަމަށެވެ. ހަމާސްއިން ވަނީ ނިރުބަވެރިންގެ ތުހުމަތުތައް ދޮގު ކޮށްފައެވެ،