އެމެރިކާގެ ރައީސް ޖޯ ބައިޑަން އަށް މިއަދު 81 އަހަރު ފުރޭ އިރު، ބައިޑަންގެ އުމުރުފުޅާއި މެދު އެމެރިކާ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ ބައިޑަން އަކީ އެމެރިކާގެ ތާރީހުގައިވެސް އެގައުމުގައި ވެރިކަން ކުރި އެންމެ އުމުރުން ދޮށީ ރައީސް އެވެ. 2024 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ވެސް ކުރިމަތި ލައްވާފައިވާ ބައިޑަން، ދެވަނަ ދައުރަކަށް ހޮވިއްޖެ ނަމަ، އެ ދައުރު ނިމޭ އިރު ބައިޑަން އަށް ހުންނަވާނީ 86 އަހަރު ފުރިފައެވެ.

ބައިޑަން ބައެއްފަހަރު އެމަނިކުފާނުގެ އުމުރުފުޅާއި ގުޅޭ ގޮތުން ސަމާސާ ކުރައްވައި ހައްދަވައެވެ. އަދި އެމަނިކުފާނަށްވުރެ މާ ޒުވާން ބޭފުޅުންވެސް ވަރުބަލިވެލައްވާނެ ފަދަ ޝެޑިއުލްގައި މަސައްކަތް ކުރައްވާ ހައްދަވައެވެ. ނަމަވެސް ރައްޔިތުންގެ ހިޔާލު ހޯދުމަށް ނެގޭ ކޮންމެ ވޯޓެއްގައިވެސް، އެމެރިކާގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވަނީ ބައިޑަންގެ އުމުރުފުޅެވެ.

ބައިޑަންގެ އުމުރުފުޅާއި ގުޅިގެން އެމެރިކާ ރައްޔިތުންގެ ކަންބޮޑުވުން އިތުރުވާ ފަދަ ކަންކަން ބައިޑަންގެ ފަރާތްޕުޅުން ފެންނަމުންވެސް ދެއެވެ. އޭގެ ތެރޭގައި ރައީސް ދަތުރުކުރައްވާ މަތިންދާބޯޓު، އެއާފޯސްް ވަންގެ ސިޑިމަތިން އެތައް ފަހަރަކު ކައްސާލައްވައިގެން ވެއްޓި ވަޑައިގަތުމާއި، ނޫސްވެރިންގެ ބައްދަލުވުންތަކުގައި ބައެއްފަހަރު ހަމަނުޖެހޭ ޖަވާބުތައް ދެއްވުން ހިމެނެއެވެ.

އަންނަ އަހަރު ރިޔާސީ އިންތިހާބުގައި ބައިޑަން އާއި ވާދަކުރައްވާނެ ކަމަށް ބެލެވޭ، އަދި އާންމުންގެ ކުރިމަތީގައި ލަދުގަންނަ ފަދަ ކަންކަން ކުރައްވާފައިވާ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އުމުރުންވެސް 77 އަހަރު ވެފައިވާއިރު، ބައިޑަންގެ އުމުރުފުޅާއި ގުޅިގެން އާންމުން ފާޅުކުރާ ކަންބޮޑުވުން ޓްރަމްޕާއި މެދު ފާޅެއް ނުކުރެއެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ބައިޑަންގެ އުމުރުފުޅާއި ގުޅިގެން އާންމުންވެސް ވިސްނުން ބަދަލު ކުރުމަށް އެމަނިކުފާނު ދަނީ ވަރަށް މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ބައިޑަންގެ އުމުރުފުޅާއި ގުޅޭގޮތުން ދެއްކޭ ވާހަކަތަކާއި ގުޅިގެން ސަމާސާ ވާހަކަތައް ބައިޑަން ދައްކަވާތަން ވަރަށް ގިނައިން މިހާރު ފެނެއެވެ.

“އަހަންނަށް އެނގޭ ފެންނަ ފެނުމަށް އަހަރެން ޖަހަނީ 30 އަހަރުގެ މީހެއް ވައްތަރުކަން، އެކަމަކު އަހަރެން ދިރިއުޅޭތާ ވަރަށް ގިނަ ދުވަސްވެއްޖެ.” އިލިނޮއިސްގެ ޔޫނިއަން މަސައްކަތްތެރިންނަށް ކުރެއްވި ޒިޔާރަތެއްގައި ބައިޑަން ވިދާޅުވެފައި ވެއެވެ. އަދި އޭގެ އިތުރުން މީޑިއާ ސަރަހައްދުގައި ރިޕޯޓަރެއް ކައްސާލުމުން “ މީޑިއާތަކަށް އެންގެން އަހަރެން ބޭނުމީ އެއީ އަހަރެން ނޫންކަން” ކަމުގައި ވިދާޅުވެ ސަމާސާ ކުރެއްވިއެވެ.

އަދި އޭގެ އިތުރުން އެހެން ބައެއް މުނާސަބާތަކުގައި، ބައިޑަންގެ ސިޔާސީ ގާބިލުކަން ހާމަކޮށްދިނުމަށްވެސް އެމަނިކުފާނުގެ ދޮށީ އުމުރުފުޅު ބޭނުން ކުރައްވައެވެ.

ދާދި ފަހުން އޭބީސީ/ވޮޝިންގްޓަން ޕޯސްޓުން ނެގި ވޯޓެއްގައި ދެވަނަ ދައުރަކަށް ޓްރަމްޕު މާ މުސްކުޅި ކަމަށް 50 އިންސައްތަ މީހުން ބުނެފައިވާ އިރު، ބައިޑަން މާ މުސްކުޅި ކަމަށް 74 އިންސައްތަ މީހުން ބުނެފައި ވެއެވެ.