ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި ޝަހީދުކޮށްފައިވާ މީހުންގެ ހަށިތައް އަދިވެސް މަގުތައްމަތީ ތިބި ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.

ނިރުބަވެރިންނާއި ދެކޮޅަށް ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުގެ މުޖާހިދުން މިދިޔަ މަހުގެ 7 ވަނަ ދުވަހު ދިން ހަމަލާއާއި ގުޅިގެން ބަދަލު ހިފުމުގެ ގޮތުން ނިރުބަވެރިން އަންނަނީ ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އެގޮތުން އާންމުން ދިރިއުޅޭ އެތަކެއް އިމާރާތްތައް ބިމާހަމަކޮށް، ބޯހިޔާވަހިކަން ހޯދަމުން އަންނަ ކޭމްޕްތަކަށް ހަމަލާދިނުމާއި ހޮސްޕިޓަލްތަކަށް ހަމަލާދިނުން ހިމެނެއެވެ.

ހަނގުރާމައިގެ ފުރަތަމަ ދުވަސްކޮޅު ޝަހީދުވާ މީހުންގެ އަދަދު އެގައުމުގެ ހެލްތް މިނިސްޓްރީއަށް އެނގުނު ނަމަވެސް މިހާރު އަދަދުތައް ބޮއްސުންލައިގެން ގޮސް ނުބެލެހެއްޓޭ ހިސާބަށް ވަނީ ގޮސްފައެވެ.

ހޮސްޕިޓަލްތަކުން ނުކުންނަ މީހުންއިން ފެށިގެން އެތަނަށް ދާ މީހުންނަށް ހަމަލާދެމުން އަންނައިރު، މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ މީހުންނަށް ވެސް ޝަހީދުވާ މީހުންގެ ހަށިތަކާއި ހަމައަށް ނުދެވެއެވެ. އަދި މިހާރު ހޮސްޕިޓަލްތަކުގެ މަގުމަތި ހިމެނޭހެން ޣައްޒާގެ އެކި ސަރަހައްދުތަކުގައި ޝަހީދުވެފައިވާ މީހުންގެ ހަށިތައް ތިބި ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

އެފަދަ ފަރާތްތަކުން ހޯދުމުގެ މަސައްކަތް ކުރި ނަމަވެސް، މީހުންގެ ހަށިތައް ގިނަ ކަމުން، ކުށްތާތައް ވެސް އަންނަނީ އެހަށިތަކަށް ހަމަލާދެމުންނެވެ. އެހެން ކަމުން އެ ހަށިތަކާއި ހަމައަށް ދިއުމަށް ގިނަ ބަޔަކަށް ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ.

މިފަދަ މަންޒަރު ދައްކުވައިދޭ ވީޑިއޯތަކެއް ވެސް މިހާރު މީސްމީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

މިފަދަ ވީޑިއޯތަކެއް ދައުރުވި ނަމަވެސް، ބައިނަލްއަގުވާމީ އެއްވެސް ފަރާތަކުން އެކަމާއި މެދު ފިޔަވަޅެއް ނާޅާތީ ޣައްޒާގެ އެތަކެއް ރައްޔިތުން ވަނީ ގޮތް ހުސްވެފައެވެ.