ފަލަސްތީނުގެ ޣައްޒާގައި ހުންނަ ނުސޭރަތު ރެފިއުޖީ ކޭމްޕަށް ނިރުބަވެރި އިސްރާއީލުން ދިން ހަމަލާއެއްގައި މިހާތަނަށް 17 މީހުން ޝަހީދުވެފައިވާ ކަމަށް އަލްޖަޒީރާ ނޫހުން ބުނެފިއެވެ.

ފަލަސްތީނުގެ ނޫހެއް ކަމަށްވާ ވަފާއިން ބުނެފައިވާގޮތުގައި ރޭ ފަހުން ދިން ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނެއެވެ.

އަލް ގުދުސް ނެޓްވޯކް އިން ބުނެފައިވާގޮތުގައި މި ހާދިސާގައި ޝަހީދުވި މީހުންގެ އަދަދު 20 އަށް ވަނީ އަރާފައެވެ.

ވަފާއިން ބުނީ ޣައްޒާގެ މެދުތެރޭގައި އޮންނަ ކޭމްޕަށް ދިން ހަމަލާގައި ވެސް އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށެވެ.

މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން ޣައްޒާގެ ރެފިއުޖީ ކޭމްޕްތަކަށް ހަމަލާދީ އެތައް ބަޔަކު ޝަހީދުކޮށްލާފައި ވެއެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 13،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައި ވެއެވެ.