ފަލަސްތީނުގެ ޣައްޒާ އަށް ވަދެ، ހަނގުރާމަ ކުރަމުން އަންނަ ނިރުބަވެރި އިސްރާއީލް އަސްކަރިއްޔާގެ ސިފައިންގެ މީހަކު މަރާލައިފިއެވެ.

އިސްރާއީލް އަސްކަރިއްޔާއިން ބުނާ ގޮތުގައި މަރާލާފައިވަނީ އުމުރުން 21 އަހަރުގެ ސާޖެންޓް އެއިޓަން ޑޮވް ރޮސެންޒްވީގް ނަމަކަށް ކިޔާ ސިފައިންގެ މީހެކެވެ. އޭނާ މަރާލާފައިވަނީ ޣައްޒާގެ އުތުރުގައި ހަނގުރާމަ ކުރަމުން ދަނިކޮށް ކަމަށް ވެސް ނިރުބަވެރިން ވަނީ ބުނެފައެވެ.

މިއާއެކު، އިސްރާއީލްގެ ސިފައިން ޣައްޒާ އަށް ވަދެ ކުރަމުންދާ ހަނގުރާމައިގައި މަރާލި ސިފައިންގެ އަދަދު 71 އަށް ވަނީ އަރައިފައެވެ.

މިދިޔަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުގެ މުޖާހިދުން އިސްރާއީލާ ދެކޮޅަށް ކުރާ ހަނގުރާމައިގައި 400 އާ ގާތް ކުރާ އަދަދަކަށް ސިފައިން ވަނީ މަރާލައިފައެވެ. އަދި އެ ހަމަލާތަކުގައި މިހާތަނަށް އައިއިރު، ޖުމްލަ 1،200 އަށް ވުރެ ގިނަ މީހުން ވެސް ވަނީ މަރާލައިފައެވެ.

މިހަނގުރާމަ އަދިވެސް ކުރިއަށްދާއިރު، މިވަގުތު ހަނގުރާމަ ވަގުތީ ގޮތުން ހުއްޓާލާނެ ކަމުގެ ވާހަކަތަކެއް އަންނަނީ ދެކެވެމުންނެވެ.