ނިރުބަވެރި އިސްރާއީލުން ޣައްޒާގެ މީހުން ދިރިއުޅޭ އިމާރާތަކަށް ހަމަލާދީ 10 މީހަކު ޝަހީދު ކޮށްލައިފިއެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި އެމީހުން ޝަހީދުވެފައިވަނީ ޣައްޒާގެ ޝެއިޚް ރަދްވަން ސަރަހައްދުގައި ހުރި ގެއަކަށް ނިރުބަވެރިން ދިން ބޮމުގެ ހަމަލާއެއްގައެވެ. މި ހަމަލާގައި 10 މީހަކު ޝަހީދުވެފައިވާއިރު، ގިނަ ބަޔަކަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

މީގެ ކުޑައިރުކޮޅެއް ކުރިން ދިން މި ހަމަލާގައި މިހާތަނަށް 10 މީހަކު ޝަހީދުވި ކަމަށް ރިޕޯޓް ކޮށްފައިވާއިރު، ކުރިއަށް އޮތް ވަގުތުގައި ޝަހީދުވެފައިވާ އިތުރު މީހުންގެ ހަށިތައް ފެނުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އެއީ މިފަދަ އިމާރާތަކަށް ބޮން އަޅާ ކޮންމެ ފަހަރަކު ގިނަ އަދަދެއްގެ ބަޔަކު ޝަހީދުވާ ކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާތީއެވެ.

ނިރުބަވެރިން ދެމުން އަންނަ ހަމަލާތައް ހަތަރު ވަރަކަށް ދުވަހަށް މެދު ކަނޑާލުމަށް ނިންމާފައިވާއިރު، އަދިވެސް ނިރުބަވެރިން އަންނަނީ ޣައްޒާގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ހަމަލާދެމުންނެވެ. މީގެ ކުރިން ވެސް އާންމުން ދިރިއުޅޭ އިމާރާތްތަކަށް ނިރުބަވެރިން ހަމަލާދީފައިވާއިރު، އެހަމަލާތަކުގައި ވެސް ގިނަ ބަޔަކު ވަނީ ޝަހީދުވެފައެވެ.

ނިރުބަވެރިންގެ ހަމަލާތަކުގައި މިހާތަނަށް 14،000 އަށްވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ވަނީ ޝަހީދުވެފައެވެ.