ނިރުބަވެރި އިސްރާއީލުން ޣައްޒާގައި ހުންނަ އަލް ޝިފާ ހޮސްޕިޓަލުގެ ޑިރެކްޓަރ، މުހައްމަދު އަބޫ ސަލްމިޔާ ހައްޔަރު ކޮށްފިއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ އަބޫ ސަލްމިޔާ ހައްޔަރު ކުރުމަށްފަހު، މިހާރު އިސްރާއީލުގެ ސެކިއުރިޓީ އޮތޯރިޓީ (އައިއެސްއޭ) އަށް ގެންދެވިފައިވާ ކަމަށެވެ.

ނިރުބަވެރިން ބުނި ގޮތުގައި އޭނާ ހައްޔަރު ކޮށްފައިވަނީ އޭނާގެ ބެލުމުގެ ދަށުން ހިންގަމުން އަންނަ ހޮސްޕިޓަލެއްގައި ހަމާސް ޖަމާއަތުން ކޮންޓްރޯލް ސެންޓަރެއް ގާއިމުކޮށް އެތަނުގައި މަސައްކަތްކޮށްފައިވާ ކަމަށް ލިބުނު ހެކިތަކާއި ގުޅިގެން ސުވާލު ކުރުމަށެވެ.

"މިދިޔަ މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމައަތުން ހިންގި ހަމަނުޖެހުންތަކާއި އެކީ ހަމާސްގެ ނިރުބަވެރިން ހޮސްޕިޓަލުގައި ހިމާޔަތް ހޯދައިގެން ތިބި. ނިރުބަވެރިކަމުގެ ހަރަކާތްތެއްގައި އޭނާގެ ބައިވެރިވުމެއް އޮތް ކަމުގައިވާނަމަ ސުވާލު ކުރާނެ" ނިރުބަވެރިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އޭނަ ހައްޔަރު ކުރުމާއި ގުޅިގެން ހަމާސް ޖަމާއަތުން ވަނީ އެކަން ކުށްވެރިކޮށްފައެވެ. އަދި ހޮސްޕިޓަލުގެ ސިއްހީ އޮފިސަރުން އޭނާ ވަގުތުން ދޫކޮށްލުމަށް މަސައްކަތް ކުރުމަށް ބައިނަލްއަގުވާމީ ޖަމިއްޔާތަކަށް ގޮވާލާފައެވެ.

ޝިފާ ހޮސްޕިޓަލުގައި މުޖާހިދުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ނިރުބަވެރިން ވަނީ މީގެ ކުރިން ތަކުރާރުކޮށް ބުނެފައެވެ. އަދި މުޖާހިދުން ހަނގުރާންމަތީ ގެންގުޅޭ ބައެއް ތަކެތި އެތަނުން ފެނިފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ. އެހެން ނަމަވެސް މުޖާހިދުން ވަނީ އެކަން ދޮގުކޮށްފައެވެ.