އެއް ދުވަހެއްގެތެރޭ ހަމާސްއަށް ގިނަ ހަމަލާތައް އަމާޒު ކުރެވުމުން އިސްރާއީލުގެ ނިރުބަވެރިން ތިބީ އުފަލުން ފޮޅިފައެވެ.

ނިރުބަވެރިން ބުނާގޮތުގައި އެމީހުންގެ ވައިގެ ސިފައިން ވަނީ ޣައްޒާގެ 300 އަށް ވުރެ ގިނަ ހަމާސްގެ އަމާޒުތަކަށް އެއް ދުވަހުގެ ތެރޭގައި ހަމަލާދީފައެވެ.

އެގޮތުން އަސްކަރީ ކޮމާންޑް ސެންޓަރުތަކާއި، ބިމުގެ އަޑީގައި ހުންނަ ޓަނަލްތަކާއި، ހަތިޔާރު ރައްކާކުރާ ތަންތަނާއި، ހަތިޔާރު އުފައްދާ ތަންތަނާއި، އަދި އެންޓި ޓެންކް މިސައިލް ލޯންޗް ޕޯސްޓްތަކަށްވެސް ވަނީ ހަމަލާ އަމާޒުކޮށްފައެވެ.

ވައިގެ މަގުން ޣައްޒާއަށް ހަމަލާދިނުމުގެ އިތުރުން އިސްރާއީލު ސިފައިން ވަނީ ބިމުގައި ވެސް އެމީހުންގެ ހަމަލާތައް ކުރިއަށް ގެންގޮސްފައެވެ.

ފަލަސްތީނުގެ ތަންތަން ހަލާކުކޮށްލުމުން ނިރުބަވެރި ސިފައިންނަށް ލިބެނީ ވަރަށް ބޮޑު އުފަލެކެވެ. މީހުން މަރާ އަދަދު ގިނަވުމަކީވެސް އެމީހުން ވަރަށް ހިތްހަމަޖެހޭ ކަމެކެވެ. އެމީހުން ދެކޭ ގޮތުގައި އެއީ ހަމާސްއަށް ލިބޭ ބަލިކަމެކެެވެ.

މިއަދު ދިން ހަމަލާގައިވެސް މިހާތަނަށް 10 މީހަކު ޝަހީދުވި ކަމަށް ރިޕޯޓް ކޮށްފައިވާއިރު، ކުރިއަށް އޮތް ވަގުތުގައި ޝަހީދުވެފައިވާ އިތުރު މީހުންގެ ހަށިތައް ފެނުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ހަމާސް އާއި އިސްރާއީލުގެ ދެމެދުގައި ހިނގާ ހަނގުރާމަ ހަތަރު ދުވަހަށް މެދުކަނޑާލުމަށް އިސްރާއީލުން މިހާރު ވަނީ އެއްބަސްވެފައެވެ.

މީގެ ކުރިން ވެސް އާންމުން ދިރިއުޅޭ އިމާރާތްތަކަށް ނިރުބަވެރިން ހަމަލާދީފައިވާއިރު، އެހަމަލާތަކުގައި ވެސް ގިނަ ބަޔަކު ވަނީ ޝަހީދުވެފައެވެ.

ނިރުބަވެރިންގެ ހަމަލާތަކުގައި މިހާތަނަށް 14،000 އަށްވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ވަނީ ޝަހީދުވެފައެވެ. ނިރުބަވެރިންވަނީ އަލްޝިފާ ހޮސްޕިޓަލަށް ވެރިވެގަނެ އެތަނުގެ ޑިރެކްޓަރުންނާއި ޑޮކްޓަރުންވެސް ރަހީނުކޮށްފައެވެ.