ނިރުބަވެރި އިސްރާއީލާއި ހަމާސްގެ މުޖާހިދުންނާއި ދެމެދު ކުރަމުން އަންނަ ހަނގުރާމަ ހުއްޓާލާ ވަގުތު ކައިރިވެފައިވަނިކޮށް، ނިރުބަވެރިން ޣައްޒާއަށް ހަމަލާތަކެއް ދީފިއެވެ.

މުޖާހިދުންނާއި ނިރުބަވެރިން ކުރަމުން އަންނަ ހަނގުރާމަ ހަތަރު ދުވަހުގެ މުއްދަތަކަށް މެދުކަނޑާލައި ގައިދީން ބަދަލު ކުރުމުގެ މަސައްކަތް ފެށުމަށް މާދަމަ ފެށުމަށް ވަނީ ނިންމާފައެވެ. ރިޕޯޓްތަކުން. ބުނާ ގޮތުގައި ހަނގުރާމަ މެދުކަނޑާލަނީ މިރޭ ފަތިހު (ހުކުރު ދުވަސް) 4:00 ގައެވެ.

މިގޮތަށް އެއްބަސްވެފައިވަނިކޮށް ނިރުބަވެރިން ޣައްޒާ ސިޓީއަށް ހަމަލާދީފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ. ރިޕޯޓްތަކުން ބުނި ގޮތުގައި ނިރުބަވެރިން ހަމަލާދީފައިވަނީ އަސްކަރީ ޖެޓްތައް ބޭނުން ކޮށްގެންނެެވެ.

ނިރުބަވެރިން މިފަދަ ހަމަލާއެއް ދިން ނަމަވެސް، ހަމަލާގައި މީހަކު ޝަހީދު ނުވަތަ އަނިޔާވި ކަމެއް އަދި އެނގިފައެއް ނުވެއެވެ.

މިދިޔަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން ދެމުން އަންނަ ހަމަލާތައް މާދަމާއިން ފެށިގެން ހަތަރު ދުވަހުގެ މުއްދަތަކަށް މެދުކަނޑާލުމަށްފަހު، ގައިދީން ބަދަލުކޮށް، ޣައްޒާއަށް އެހީވެއްދުމަށް ވަނީ ނިންމާފައެވެ. ނަމަވެސް ހަތަރު ދުވަހަކީ ޣައްޒާއަށް ބޭނުންވާ ވަރަށް އެހީ ވެއްދުމަށް އެކަށީގެންވާ ދުވަހެއް ނޫން ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ހަނގުރާމަ މެދުކެނޑުމަށް އެއްބަސްވެފައިވާއިރު، މިހަނގުރާމައިގެ ތެރޭގައި ފަލަސްތީނުގެ 14،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ވަނީ ބުނެފައެވެ. އަދި 35،000 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ ޒަހަމްތައް ވަނީ ލިބިފައެވެ.