23:43

ފަލަސްތީނުގެ ރައްޔިތުންނަށް މިހާރު ހަމަޖެހިލައިގެން ނިދޭނެ ކަމަށް އަލްޖަޒީރާ ނޫހުގެ ނޫސްވެރިން ބުނެފި.

23:35

ހަނގުރާމަ ވަގުތީ ގޮތުން މެދުކަނޑާލަން ނިންމި ނިންމުމާއި އެކީ ހަނގުރާމަ އެއްކޮށް ހުއްޓާލަން ޖެހޭ ކަމަށް ފްރާންސްގެ ފޮރިން މިނިސްޓްރީން ބުނެފި.

23:32

8 އަހަރުފަހުން ނިރުބަވެރިންގެ ބަންދުގައި ހުރުމަށްފަހު، އާއިލާއާއި ބައްދަލުވި ވަގުތު ކޮޅު

 

22:39

ފަލަސްތީނު އަންހެން އަދި ކުޑަކުދިން ހިމެނޭހެން އިސްރާއީލު ހައްޔަރުގަަ ތިބި 39 މީހުން މިނިވަންކޮށްފި.

22:33

މިނިވަންވެފައިވާ ފަލަސްތީނުގެ ގައިދީން އުފުލާ ބަސްތައް އޮފަރު ޖަލުން ނިކުމެއްޖެ.

22:29

ހަމާސްގެ އަސްކަރީ ގޮފި ކަމުގައިވާ އިއްޒުއްދީން އަލްޤައްސާމް ބްރިގޭޑްސްގެ ޝެޑޯ ޔުނިޓް.

މީ ގައިދީން ހިމާޔަތްކޮށް ރައްކާތެރިކުރުމަށް އުފައްދާފައިވާ ޚާއްސަ ޔުނިޓެއް. (ފޮޓޯ)

22:25

އިސްރާއީލުގެ އަނިޔާވެރިން ނަސްލު ނައްތާލުމަށް ފަލަސްތީނު މީހުންނާ ދެކޮޅަށް ހިންގި 49 ދުވަހުގެ ގަތުލު އާންމަށްފަހު އުތުރު ޣައްޒާއަކީ މިހާރު މީހުން ދިރިއުޅެވޭނެ ތަނެއް ނޫންކަމަށް ރިޕޯޓްކޮށްފި.

އުތުރު ޣައްޒާގެ ގިނަ ތަން ތަން އޮތީ ނިރުބަވެރި ޒަޔަނިސްޓުން ދިން ހަމަލާތަކުގެ އެއްކޮށް ސުންނާފަތިވެފަ

22:23

ހަމާސް ބެލުމުގެ ދަށުގަ ތިބެ ދޫކޮށްލި މީހުންގެ ނަމާ އުމުރު ހިިމެނޭ ލިސްޓެއް އިސްރާއީލު ބޮޑުވަޒީރުގެ އޮފީހުން އާންމުކޮށްފި.

ޑޯރޮން ކެޓްޒް-އޭޝަރ، 34
ރާޒް އާޝެރް، 4
އަވީވް އާޝެރް، 2
ޑެނިއަލް އަލޯނީ، 45
އަމެލިއާ އަލޯނީ، 5
ރޫތު މުންޑާ، 78
ކެރެން މޮންޑަރ، 54
އޮހަދު މޮންޑަރ، 9
އަދީނާ މޫޝޭ، 72
ހަނާ ކަޓްޒީރު، 76
މާގަލިޓް މޮޒެސް، 77
ހަނާ ޕެރީ، 79
ޔާފޭ އަދާރު، 85

21:25

ރެޑްކްރޮސްގެ ވެހިކަލްތަކުގައި އިސްރާއީލުގެ ގައިދީންނާއި ތައިލެންޑުގެ މަސައްކަތްތެރިންތަކެއް ރަފާހް ބޯޑަރު ހުރަސްކޮށް ޣައްޒާއިން ނުކުންނަ މަންޒަރު ފެންނަ ވީޑިއޯ އަލްޖަޒީރާއިން އާންމު ކޮށްފި

21:02

އިސްރާއީލުގެ ޖަލުތަކުން ދޫކޮށްލާނެ ކަމަށް ބެލެވޭ އަންހެނުންނާއި ކުޑަކުދިންނަށް މަރުހަބާ ކިޔުމަށް ހަމާސްއިން ވަނީ ނާބްލުސް އަވަށަށް ޖަމާވުމަށް އެދިފަ.

ހަމާސްއިން ބުނެފައިވާ ގޮތުގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ " ފުރަތަމަ މަރުހަލާ "ގައި މިއަދު މަދުވެގެން ފަލަސްތީނުގެ 39 މީހަކު މިނިވަންވާނެ.

20:59

އަލް ގައްސާމް ބްރިގޭޑްސް ބެލުމުގެ ދަށުގަ ތިބި އިސްރާއީލު އާންމުން ރެޑްކްރޮސް އާ ހަވާލުކުރެވި އެމީހުންގެ ގާފިލާ ޚާން ޔޫނިސް އިން ރަފަޙް ހުރަހަށް ބަދަލުކުރި ވަގުތު (ވީޑިއޯ)

އެހިސާބަށް އެއްވެ ތިބި އާންމުން ދިޔައީ ގައްސާމް މުޖާހިދުންނަށް ތައުރީފުކޮށް ސަނާ ކިޔަމުން.

20:38

އިސްރާއީލުގެ ބްރޯޑްކާސްޓިން އޮތޯރިޓީން ބުނާ ގޮތުގައި ދޫކޮށްލި އިސްރާއީލުގެ އާންމުން މިހާރު ދަނީ ރަފަޙް ހުރަސް މިސްރު ފަޅީގައި އިސްރާއީލުގެ ޝިން ބެޓް ޑޮމެސްޓިކް އިންޓެލިޖެންސް އެޖެންސީގެ މަންދޫބުންނާ ބައްދަލުކުރަމުން.

20:27

އިސްރާއީލުގެ ހައްޔަރުގަ ތިބި ފަލަސްތީނު ގައިދީން މިނިވަންކުރަނީ ފަލަސްތީނު ގަޑިން 8 ޖަހާއިރު ( ރާއްޖެ ގަޑިން 11 )

20:25

ހިސޯރުކޮށްފައިވާ ގުދުސްގައި ތިބި އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ އަންހެން ގައިދީ، އަމާނީ ހާޝޭމް ގޭގެ ބޭރުގައި ތިބި ނޫސްވެރިންނަށް ހަމަލާދީ ފައްސާލައިފި.

އަމާނީ ހާޝޭމް މިނިވަން ކުރުމަށް ހަމަޖެހިފައި އޮތީ މިރޭގެ ވަގުތެއްގަ.

20:19

ފަލަސްތީނުގައި ހައްޔަރު ކޮށްފައިވާ ނިރުބަވެރިންގެ 13 މީހަކު އިންޓަނޭޝަނަލް ކޮމިޓީ އޮފް ރެޑް ކްރޮސްގެ ބެލުމުގެ ދަށުގައި ތިބި ކަމަށާއި އެމީހުން ދޫކުރަނީ ނިރުބަވެރިން ހައްޔަރު ކުރި 39 މީހަކު ދޫކުރުމުން ކަމަށް ރިޕޯޓްތަކުން ބުނެފި.

19:22

ދޫކޮށްލާނެ ކަމަށް ބެލެވޭ ރަހީނުންގެ އާއިލާތައް ހޮސްޕިޓަލްތަކަށް ޖަމާވާން ފަށައިފި.

19:18

ޣައްޒާގައި ބަންދުކޮށްފައި ތިބި ތައިލެންޑްގެ 12 މަސައްކަތްތެރިން ހަމާސްއިން ދޫކޮށްލާފައިވާ ކަމުގެ ޔަގީންކަން ސަރުކާރަށް ލިބިފައިވާ ކަމަށް ތައިލެންޑްގެ ބޮޑުވަޒީރު ސްރެތާ ތަވިސިން ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވެއްޖެ.

19:18

މިއަދު 200 ރިލީފް ޓްރަކް އާއި 7 ފިއުލް ޓްރަކް ޣައްޒާއަށް ވަނީ ވަދެފަ.

18:31

ހަނގުރާމަ ވަގުތީ ގޮތުން ހުއްޓާލައި، ޣައްޒާއަށް އެހީވެއްދުމަކީ އުފާވެރި ކަމެއް ކަމަށާއި ނަމަވެސް މިހާރު ވެއްދޭ އެހީއަކީ ޣައްޒާއަށް ބޭނުންވެފައިވާ އެހީއަށްވުރެ މަދު އެހީއެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޗީފް، ޓެޑްރޮސް ވިދާޅުވެއްޖެ.

18:13

ޣައްޒާއާއި އެކީ ތިބިކަން ދައްކުވައިދީ ޙަލީލް ސަހަރުގައި އެއްވުމެއް ބާއްވަނީ-- ފޮޓޯ: ރޮއެޓާސް

17:53

ފަލަސްތީނާއި އެކީ ތިބިކަން ދައްކައި ގަތަރުގެ ދޯހާގައި އެއްވުމެއް ބާއްވައިފި.

 

16:39

ފަލަސްތީނުގެ ޣައްޒާގައި ވަންނާނެ ގެދޮރެއް ނެތި، ބޯހިޔާވަހިކަން ހޯދަން ދިޔަ ބަޔަކަށް ނިރުބަވެރިން ހަމަލާދީފި

 

15:25

ފަލަސްތީނުގެ ރައްޔިތުން ޣައްޒާގެ އުތުރުގެ ސަރަހައްދަށް އެނބުރި ދާން މަސައްކަތް ކުރަނީ - ފޮޓޯ: އޭޕީ

13:58

ރޮއިޓާސް: ޣައްޒާއަށް ތާއީދުކޮށް ކުރިއަށް ގެންދާ ބޮއިކޮޓް ކެމްޕޭންތަކުގެ ސަބަބުން މިސްރު މެކްޑޮނަލްޑްސްގެ ވިޔަފާރި ވަނީ %70 ދަށްވެފައި.

13:57

ޣައްްޒާގެ އުތުރަށް ދަތުރު ކުރަމުންދާ މީހުންނަށް އަމާޒުކޮށް އިސްރާއީލު ސިފައިން ދެމުންގެންދާ ހަމަލާތަކުގައި ހަތް މީހަކަށް އަނިޔާވެއްޖެ.

13:34

ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ ރައްޔިތުން ޣައްޒާގެ އުތުރަށް ނުދިއުމަށް ނިރުބަވެރި އިސްރާއީލުން އިންޒާރުދީ އެ ސަރަހައްދަށް ލީފްލެޓްތައް ވައްޓާލައިފި

13:29

ޣައްޒާގެ އުތުރަށް އެނބުރި ދާން އުޅުނު 3 މީހެއްގެ ގަޔަށް ނިރުބަވެރި ސިފައިން ބަޑިޖަހައި ޒަހަމްކޮށްލައިފި.

13:21

ހަނގުރާމަ ހުއްޓާލުމުގެ ކުރިން އިސްރާއީލު ސިފައިން ޣައްޒާގެ އިމާރާތްތަކަށް ބޮން އެޅުމުގެ އުފާ ފާޅުކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވެއްޖެ.

13:17

މިއަދު ދޫކޮށްލާނެ ކަމަށް ބެލެވޭ ފަލަސްތީނުގެ 39 މީހެއްގެ ނަން ހިމެނޭ ލިސްޓެއް ފަލަސްތީނު އޮތޯރިޓީއަށް ލިބިފައިވާ ކަަމަށް އަލްޖަޒީރާއިން ބުނެފި.

13:16

ހަނގުރާމަ ހުއްޓާލާފައި ވަގުތުތަކުގައި އިސްރާއީލު ސިފައިން ޣައްޒާގެ ސަލާހުއްދީން އެކްސިސް އާއި ބީޗް ސްޓްރީޓްގައި މަޑުކުރާނެ ކަމަށް ބުނެފި.

13:13

އެ ފުރަތަމަ ބެޗްގެ ގައިދީންގެ އާއިލާގައި ހިމެނޭ އެ 13 އަންހެނުންނާއި ކުޑަކުދިން މިއަދު ފަހުން ދޫކޮށްލާނެ ކަމަށް ބެލެވޭ މީހުންގެ އާއިލާގެ ފަރާތުން އަދި އެއްވެސް މައުލޫމާތެއް ނޭނގޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި.

12:16

އަލްނަޞްރާއި ބައިތު ހަނޫން އަވަށްތަކުގައި ތިބި މީހުން އެނބުރި ގެއަށް ދިޔަ ނުދޭން ނިރުބަވެރިން ދަނީ އެ ހިސާބުގަނޑަށް ކަރުނަގޭސް ޖަހަމުން.

12:13

އިސްރާއީލު ނިރުބަވެރިން ފަލަސްތީނު އާންމުންނާ ދެކޮޅަށް ހިންގަމުން އަންނަ ގަތުލު އާންމު 4 ދުވަހަށް މެދުކަނޑާލުމުން، ޙާން ޔޫނިސްގެ ރައްޔިތުން އެނބުރި ގެތަކަށް އަންނަނީ: (ފޮޓޯ)

11:47

ނިރުބަވެރި އިސްރާއީލު ސިފައިން ޣައްޒާގެ ރައްޔިތުން އުތުރަށް ނުދިއުމަށް އިންޒާރު ދީފި.

11:41

ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލު އާއްމު ވަގުތީ ގޮތުން ހުއްޓާލުމާއިއެކު އެހީގެ ފުރަތަމަ ތިން ޓްރަކް ޣައްޒާއަށް ވަދެއްޖެ

11:30

ފަލަސްޠީނުގެ ޢާއިލާތައް ޣައްޒާގެ ދެކުނުގެ ސަރަޙައްދުތަކުގައި ތިބި އެމީހުންގެ ގެތަކަށް އެނބުރި ދާން ފަށައިފި

11:02

ނާބްލުސްގެ މުސްކުޅި އަވަށަށް މިއަދު ހެނދުނު އިސްރާއީލު ސިފައިން ރެއިޑް ޖެހުމުގެ ކުރިން ފަތިހު އެމީހުންގެ ސްޕެޝަލް ފޯސަސް ޔުނިޓް ސަޔެރެޓް މަޓްކަލް ދެ ކާރުގަ ފަލަސްތީނު އަންމުންނަށް ވެގެން އާދައިގެ ހެދުން އަޅައިގެން އައި ވަގުތުގެ ސީސީޓީވީ ފުޓޭޖް (ވީޑިއޯ)

10:49

ނިރުބަވެރިން ފޭބުމާ ގުޅިގެން ފަލަސްތީނު މީހުން އެނބުރި ބެއިތު ހަނޫނުގެ އެމީހުންގެ ގެތަކަށް އަންނަން ފަށައިފި.

10:46

ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ އާއިލާތައް އަދިވެސް ތިބީ ޚަބަރެއްގެ އިންތިޒާރުގައި ކަމަށް އަލްޖަޒީރާއިން ބުނެފި

10:44

ހަނގުރާމަ ހުއްޓާލުމުގެ މި ހަތަރު ދުވަހުގެ ތެރޭގައި ޣައްޒާއަށް ގިނަ ޢަދަދެއްގެ އެހީގެ ޓްރަކްތައް ވަންނަތަން ފެންނާނެކަމަށް ބެލެވޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި

މިގޮތުން އުންމީދު ކުރަނީ މިއަދު އެކަނިވެސް 200 ޓްރަކްގެ އެހީ ވަންނާނެ ކަމަށް- 140،000 ލީޓަރުގެ ތެލާއި މަދުވެގެން ހަތަރު ޓްރަކް ގޭސް ހިމެނޭ.

10:44

ތެޔޮ ހިފައިގެން އައި ބަރު އުޅަނދުތައް ރަފަޙް ހުރަހުން ޢައްޒާއަށް ވަންނަން ފަށައިފި.

10:23

މިއަދު ކުރިއަތް އޮތްތަނުގަ ހިނގާނެ ބައެއް ކަންތައް:

  • ހަމާސް ބެލުމުގެ ދަށުގައި ތިބި އިސްރާއީލުގެ ފުރަތަމަ ގްރޫޕްގަ ހިމެނޭ 13 އަންހެނުންނާއި ކުޑަކުދިން ދޫކޮށްލަން ހަމަޖެހިފައިވާ ގަޑި އަކީ ފަލަސްތީނު ގަޑިން 4 ޖަހާއިރު ( ރާއްޖެ ގަޑިން 7 ).
  • ރެޑްކްރޮސް އިން އެމީހުން ރަފަޙް ބޯޑަރު ހުރަސްކުރުމަށް ގެންގޮސް އިސްރާއީލުގެ އަސްކަރިއްޔާއާ ހަވާލުކުރާނެ.
  • އެމީހުން ޓެލްއަވީވްގެ ހޮސްޕިޓަލްތަކަށް ގެންގޮސް ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ލިބިފައިވޭތޯ ޓެސްޓުތައް ހަދާނެ.
  • ފަލަސްތީނުގެ 39 ގައިދީން އިސްރާއީލުން މިއަދު ދޫކޮށްލުމަށް ވެސް ވަނީ ނިންމާފަ.
  • އެމީހުން ގެންނަނީ ހައިފާގެ އިރުދެކުނުގައި އޮންނަ ޑޭމޮން އާއި މެގިޑޯ ޖަލުން.
  • އެއަށްފަހު އެމީހުން ހުޅަނގު އައްސޭރީގެ ރަމަاللهގެ ދެކުނުގައި އޮންނަ އޮފަރު ޖަލަށް ގެންނާނެ ކަމަށާއި އެތަނުން އެތާ ކައިރިން އާއިލާތަކާ ހަވާލުކުރާނެ ކަމަށް.
  • މިސްރުން ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީތައް އަންނާނެ ކަމަށް ބެލެވޭ.

 

 

10:11

ވައެލް އަލްދަޙްދޫ:

މިހާރު އަޅުގަނޑުމެންނަށް އިސްރާއީލު މަތިންދާބޯޓުތަކުގެ އަޑު އަދި ގޮވުމެއްގެ އަޑު ނީވޭ.

10:09

ޒަޔަނިސްޓުންގެ ގަތުލު އާންމު މެދުކަނޑާލުމުގެ އެންމެ ފަހު ގަޑިތަކުގައިވެސް ޖަބަލިއާ އާއި ޢައްޒާ މެދުތެރެއަށް އެތައް ސަތޭކަ އާޓިލަރީ ޝެލްތަކުން ހަމަލާދީފައިވާކަމަށް ރިޕޯޓްކޮށްފި.

10:08

އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން މިހާތަނަށް ޣައްޒާގައި 14،800 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައި.. އިސްރާއީލުގައި ހަމާސްގެ ހަމަލާތަކުގައި މަރުވި މީހުންގެ ރަސްމީ އަދަދު އުޅެނީ ގާތްގަނޑަކަށް 1،200 ގައި

ހަނގުރާމަހުއްޓާލުމުގެ ކުރިން އިސްރާއީލުން ހަމަލާތައް ވަރުގަދަކުރިއިރު، އޭގެ ތެރޭގައި އދ.ގެ ސްކޫލަކަށް ދިން ވައިގެ ހަމަލާއެއްގައި 27 މީހުން ވަނީ ޝަހީދުވެފައި.

 

10:08

އިސްރާއީލުގެ އިސްތިއުމާރީ މަތިންދާބޯޓުތަކުން ގަތުލު އާންމު މެދުކަނޑާ ވަގުތު ވަރަށް ކައިރިވެފަ އޮއްވާ ޣައްޒާގެ އެކި ސަރަހައްދުތަކަށް ލީފްލެޓްތައް އަޅައިފި.

އޭގައި އޮންނަ ގޮތުން ދެކުނުންއުތުރަށް ނުދިއުމަށް އިންޒާރު ދީފައިވޭ.

10:07

ފަލަސްތީނުގެ ބިންތަކާއި އިސްރާއީލުގައި ހިނގަމުންދާ ހަނގުރާމަތައް 4 ދުވަހަށް މެދުކަނޑާލުން ފެށުނީ މިއަދު ހެނދުނު ރާއްޖެ ގަޑިން 10:00 ޖެހިއިރު.

10:00

ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލު އާއްމު ވަގުތީ ގޮތުން ހުއްޓާލައިފި.

09:59

އިސްރާއީލުން ހިންގަމުން އަންނަ ގަތުލު އާންމު މެދުކަނޑާލާ ވަގުތު ކައިރިވެފަ އޮއްވާވެސް އެކި ސަރަހައްދުތަކުން މީހުން ހައްޔަރުކޮށްފައިވޭ.

09:35

އިސްރާއީލުން ޣައްޒާގެ އިންޑޮނޭޝިއާ ހޮސްޕިޓަލަށް ދިން ހަމަލާގެ ސަބަބުން "ފުރަތަމަ ފަންގިފިލާގެ ހުރިހާ ތަނެއް" ހަލާކުވެއްޖެ: ޗެރިޓީ

ޣައްޒާގައި ހުންނަ އިންޑޮނޭޝިއާ ހޮސްޕިޓަލް އެޅުމަށް ފަންޑުކުރި އިންޑޮނޭޝިއާގެ ޗެރިޓީ މެޑިކަލް އިމަޖެންސީ ރެސްކިއު ކޮމިޓީ (އެމްއީއާރް-ސީ)ގެ ވެރިޔާ ޑރ ސަރްބީނީ އަބްދުލް މުރާދު ވިދާޅުވީ ރޭގަނޑު މެޑިކަލް ފެސިލިޓީއަށް ދިން ހަމަލާއެއްގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް.

"ރޭ އިސްރާއީލު ސިފައިން ވަނީ ހޮސްޕިޓަލަށް ޓޭންކުން ހަމަލާދީ ފުރަތަމަ ފަންގިފިލާގެ ހުރިހާ ތަނެއް ހަލާކުކޮށްލާފައި. ލިބުނު ގެއްލުން ވަރަށް ގޯސް،" އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާއިން އަލްޖަޒީރާއާ ވާހަކަ ދައްކަވަމުން މުރާދު ވިދާޅުވި.

09:34

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ދިރިއުޅޭ ޣައްޒާއިން އިތުރު މަސައްކަތްތެރިން ތަކެއް ހައްޔަރުކޮށްފި.

ފަލަސްތީނުގެ ޕްލެޓްފޯމަކުން ޝާއިއުކޮށްފައިވާ އަދި އަލްޖަޒީރާގެ ސަނާދު ނިއުސް އެޖެންސީން ވެރިފައިކޮށްފައިވާ ވީޑިއޯ ފުޓޭޖަކުން ފެންނަ ގޮތުގައި އިސްރާއީލު ސިފައިން ހިފާފައިވާ ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުގައި ހިންގި އޮޕަރޭޝަންތަކުގެ ތެރެއިން އެއް އޮޕަރޭޝަނެއްގައި އެތައް ބަޔަކު ހައްޔަރުކުރި މަންޒަރެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެ މަސައްކަތްތެރިންނަކީ އަސްލު ޣައްޒާއަށް ނިސްބަތްވާ މީހުން. އެ މީހުން ދިރިއުޅެމުން ދިޔައީ ހިފާފައިވާ ހުޅަނގު އައްސޭރީގެ ހެބްރޮންގެ ހުޅަނގުގައި އޮންނަ ޓާކުމިއާ އަވަށުަގައި.

09:19

އިސްރާއީލާއި ޣައްޒާއާ ދެމެދު ކުރެވެމުންދާ ހަނގުރާމަ ވަގުތީ ގޮތުން ހުއްޓާލުމުގެ ވަގުތު ކައިރިވަނީ، ހަނގުރާމަ ހުއްޓާލާނެ ކަމަށް ބުނެފައިވާ ވަގުތަކީ ރާއްޖެ ގަޑިން 10:00 ޖަހާއިރު.

09:06

ނޫސެއިރާތު ރެފިއުޖީ ކޭމްޕްގައި ހުންނަ މީހުން ދިރިއުޅޭ އިމާރާތަކަށް އިސްރާއީލުން އަނެއްކާވެސް ވަރުގަދަ ވައިގެ ހަމަލާއެއް ދިންކަމަށް ރިޕޯޓްކޮށްފި.

09:04

އަލްޖަޒީރާ އަރަބިކް އަށް މައުލޫމާތު ދެއްވަމުން ޣައްޒާގެ ހެލްތު މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ޑރ މުނީރު އަލް ބުރުޝް ވިދާޅުވީ ޣައްޒާގެ އުތުރުގައި ހުންނަ އިންޑޮނޭޝިއާ ހޮސްޕިޓަލަށް އިސްރާއީލު ސިފައިން ބާރުގެބޭނުންކޮށް ވަދެގަތުމުން އެއް އަންހެނަކު ޝަހީދުވެފައިވާ އިރު 3 މީހަކު ޒަޚަމްވެފައިވާ ކަމަށް.

ތެޔޮ ނެތުމާއި ސިއްހީ ސާމާނު މަދުވުމުގެ ސަބަބުން އޮޕަރޭޝަންތައް ހުއްޓާލަން މަޖުބޫރުވެފައިވާ އެ ހޮސްޕިޓަލުން ވެސް އިސްރާއީލު ޒަޔަނިސްޓު ސިފައިން ވަނީ ތިން މީހަކު ހައްޔަރުކޮށްފަ.

08:38

ކަފްރު ޤަލީލްގެ ގިނަ އަދަދެއްގެ ގެތަކަށް ޒަޔަނިސްޓުން ރެއިޑް ޖަހައި ބަލާފާސްކުރަމުން އެބަދާކަމަށް ރިޕޯޓްކޮށްފި.

08:30

ހިފާފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލުގެ އަސްކަރިއްޔާއިން އިތުރު ހަމަލާތަކެއް ދީފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި.

 

08:28

ޣައްޒާއިން ފުރުވާލި ރަޝިޔާގެ 100 އަށްވުރެ ގިނަ މީހުން މޮސްކޯއަށް ހާއްސަ ފްލައިޓެއްގައި ގެއަށް ގޮސްފައިވާ ކަމަށް ރަޝިޔާގެ އިމަޖެންސީ މިނިސްޓްރީން ބުނެފި.

ޓެލެގްރާމްގައި ރަޝިއާގެ ކަމާބެހޭ ފަރާތްތަކުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ރަޝިއާގެ 103 މީހުން އެނބުރި ގައުމަށް ދިޔައީ ޗާޓަރުކޮށްފައިވާ އިލިއުޝިން-76 މަރުކާގެ މަތިންދާބޯޓެއްގައި ކަމަށް

08:27

ޔަހޫދީންނާއި މުސްލިމުންނަށް އަމާޒުކޮށްގެން ހިންގާ ނަފްރަތުގެ ކުށްތައް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ދެގުނައަށް އިތުރުވެފައިވާ ކަމަށް ޓޮރޮންޓޯ ޕޮލިސް ސަރވިސްގެ ޗީފް މައިރޮން ޑެމްކިއު ބުރާސްފަތި ދުވަހު ވިދާޅުވެއްޖެ

08:26

ޣައްޒާގެ ހަނގުރާމައިގެ އެއްބަސްވުމުގެ ދަށުން އިސްރާއީލުގައި ބަންދުކޮށްފައި ތިބި ފަލަސްތީނުގެ ގާތްގަނޑަކަށް 150 އަންހެނުންނާއި ކުޑަކުދިން ދޫކޮށްލާނެ ކަމަށް ބެލެވޭ

08:26

ހަވާނާގައި ހުންނަ އެމެރިކާގެ އެމްބަސީ ކައިރިން ކިއުބާއިން ފަލަސްތީނަށް ތާއީދުކުރާ ހިނގާލުމެއް ބާއްވައިފި

ފޮޓޯ: ރޮއިޓާސް
ފޮޓޯ: ރޮއިޓާސް
ފޮޓޯ: ރޮއިޓާސް

 

08:21

ހުޅަނގު އައްސޭރީގެ އުތުރުގައި އޮންނަ ޖެނިންގެ ރުމާނާހުގައި އިސްރާއީލުގެ ސިފައިން އޮޕަރޭޝަނެއް ހިންގައިފި.

ޓެލެގްރާމްގައި އާންމުކޮށްފައިވާ އަދި އަލްޖަޒީރާގެ ސަނާދު ޔުނިޓުން ވެރިފައިކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އިސްރާއީލުގެ ބުލްޑޯޒަރަކުން އެ ހިސާބުގެ ގެއެއް ތަޅާލާ މަންޒަރު ފެނޭ.

08:19

ދުވާލެއްގެ މައްޗަށް 130،000 ލީޓަރުގެ ޑީސަލާއި ހަތަރު ޓްރަކް ގޭސް ޣައްޒާއަށް ޑެލިވަރީ ކުރާނެ ކަމަށް މިސްރު ސަރުކާރުން ބުނެފި.

08:17

އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫއަށް އާންމުންގެ ޕްރެޝަރު ބޮޑުވެއްޖެ

07:43

ރޭގެ ބައެއް ޙަބަރުތަކުގެ ޙުލާސާ:

  • ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގެ މާއާން ސަރަހައްދުގެ ގެއަކަށް އިސްރާއީލުން ދިން ބޮމުގެ ހަމަލާއެއްގައި އަންހެނަކު ހިމެނޭ ގޮތަށް 3 މީހަކު ޝަހީދުވުން.
  • ޣައްޒާގެ ދެކުނުން ރަފަޙްގެ އިރުމަތީގައި އޮންނަ ގެއަކަށް އަމާޒުކޮށް އިސްރާއީލުން ދިން ބޮމުގެ ހަމަލާއެއްގައި މީހަކު ޝަހީދުވުން.
  • އިސްރާއީލުގެ ސިފައިން ޢައްޒާ ގެއަކަށް ބޮން އަޅާ ޒުވާން ނޫސްވެރިއެއް ކަމުގައިވާ އަމަލް ޒޯހުދު ޝަހީދުކޮށްލައިފި.
  • އަލްޝިފާ، އަލްޝާތީ ކޭމްޕް، އަދި އަލްނަޞްރު ވަށައިގެންވާ ސަރަހައްދުތަކަށް ޒަޔަނިސްޓު މަތިންދާބޯޓުތަކުން ވަނީ ވަރަށް ވަރުގަދަ ވައިގެ ހަމަލާތަކެއް އަމާޒުކޮށްފަ.
  • ހުޅަނގު އައްސޭރި ޖެނިންގެ ސަރަހައްދަކަށް ނިރުބަވެރިންގެ ފައުޖެއް ބަލާ ފާސްކުރުމުގެ އޮޕަރޭޝަން އެއް ހިންގުން.

***********

 

ޣައްޒާގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުން އިންތިޒާރު ކުރަމުން ދަނީ އިސްރާއީލާއި ހަމާސްއާ ދެމެދު ހަތަރު ދުވަހުގެ ހަނގުރާމަ ހުއްޓާލާނެ ވަގުތަކަށެވެ. ރާއްޖެ ގަޑިން މިއަދު ހެނދުނު 10:00 ޖަހާއިރުން ފެށިގެން ހަނގުރާމަ 4 ދުވަހަށް ހުއްޓާލާނެެވެ. އެއީ ފަލަސްތީން ގަޑިން މިއަދު ހެނދުނު 7:00 އެވެ.

ގަތަރުގެ ޚާރިޖީ ވުޒާރާއިން ބުނީ، ފުރަތަމަ 13 މަދަނީ ގައިދީން ދޫކޮށްލާނީ ހުކުރު ދުވަހު ރާއްޖެ ގަޑިން ރޭގަނޑު 7:00 ހާއިރު ކަމަށެވެ. އިސްްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ފުރަތަމަ ގްރޫޕް ވެސް މިނިވަން ކުރަން ނިންމާފައި ވެއެވެ.

މި ހަނގުރާމަ ފެށުނީ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުއެވެ. މި ހަނގުރާމައިގައި މިހާތަނަށް 14،800 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުވެފައި ވެއެވެ. އަދި އިސްރާއީލުން މަރުވި މީހުންގެ އަދަދު އުޅެނީ 1،200 ގައެވެ.

ހަނގުރާމަ ހުއްޓާލުމުގެ ކުރިން އިންޑޮނޭޝިއާގެ ހޮސްޕިޓަލާއި އެ ނޫންވެސް ތަންތަނަށް ވަރުގަދަ ބޮމުގެ ހަމަލާތަކެއް ދީފައިވާއިރު، އިސްރާއީލުން އދ.ގެ ސްކޫލަކަށް ދިން ހަމަލާގައި 27 މީހުން މަރުވެފައިވާ ކަމަށް ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެއެވެ.