ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލު އާއްމު ވަގުތީ ގޮތުން ހުއްޓާލައިފިއެވެ.

އިސްރާއީލުން ހަމަލާތައް ހުއްޓާލަން އެއްބަސްވެފައިވަނީ ހަމާސް އިން ރަހީނު ކޮށްފައިވާ މީހުންގެ ތެރެއިން އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން 50 މީހުން މިނިވަންކުރުމުގެ ބަދަލުގައި ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ. އަދި މިނިވަން ކުރެވޭ އިތުރު ކޮންމެ 10 މީހަކަށް، ހަމަލާތައް ހުއްޓާލާ މުއްދަތަށް އެއްދުވަސް އިތުރު ކުރެވޭނެ ކަމަށްވެސް ބުނެފައި ވެއެވެ.

މި އެއްބަސްވުމަށް އައުމުގެ ކުރިން ނަތަންޔާހޫގެ ސަރުކާރުގެ ވަޒީރުންގެ މެދުގައި ހޫނު ބަހުސްތަކެއް ކުރެވިފައިވާ ކަމަށް އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވެއެވެ. ނަމަވެސް މި އެއްބަސްވުމާއި ދެކޮޅު ހަދާފައިވަނީ ނަތަންޔާހޫގެ ކެބިނެޓްގެ 38 މެމްބަރުންގެ ތެރެއިން 3 މެމްބަރުންނެވެ. އޭގެ ތެރޭގައި ހައްދުފަހަނައެޅި، މުސްލިމުން މަރަން ފާޅުގައި ގޮވާލާ އިސްރާއީލުގެ ގައުމީ ސަލާމަތާއި ބެހޭ ވަޒީރު އިތަމާރް ބެން ގްވީރް ހިމެނެއެވެ.

މި ގަތުލު އާއްމު ހުއްޓާލާފައި ވަނީ ހަތަރު ދުވަހުގެ މުއްދަތަކަށެވެ.

މިއަދު ހިނގާނެ ކަމަށް ބެލެވޭ ކަންކަން:

  • ހަމާސް އިން ބަންދުކޮށްފައި ތިބި އިސްރާއީލު މީހުންގެ ފުރަތަމަ ގުރޫޕް ކަމަށްވާ 13 އަންހެނުންނާއި ކުޑަކުދިން ދޫކޮށްލާނީ ރާއްޖެ ގަޑިން މިރޭ 7:00 ހާއިރު
    ރެޑްކްރޮސް އިން އެމީހުން ރަފާ ބޯޑަރު ކްރޮސިންއަށް ގެންގޮސް އިޒްރޭލުގެ އަސްކަރިއްޔާއާ ހަވާލުކޮށް އެމީހުން ދެނެގަތުމުގެ މަސައްކަތް ފަށާނެ
  • އެ މީހުން ތެލްއަވީވްގެ ހޮސްޕިޓަލްތަކަށް ގެންގޮސް ޖިސްމާނީ އަދި ނަފްސާނީ ޓެސްޓުތައް ހެދުމަށް ވަނީ ހަމަޖެހިފައި
  • ފުރަތަމަ ދުވަހު ފަލަސްތީނުގެ 39 ގައިދީއަކު ވެސް އިސްރާއީލުން ދޫކޮށްލަން ވަނީ ނިންމައިފައި
  • އެ މީހުންނަކ އިސްރާއީލުގެ ދެ ޖަލެއް ކަމަށްވާ ކަމަށްވާ ހައިފާގެ އިރުދެކުނުން އޮންނަ ޑޭމަން އާއި މެގިޑޯ އިން ގެންދާ މީހުން
  • އެއަށްފަހު ހިފާފައިވާ ހުޅަނގު އައްސޭރީގެ ރާމަﷲގެ ދެކުނުގައި އޮންނަ އޮފަރ ޖަލަށް އަދި އެތަނުން ކައިރީގައި އޮންނަ ކްރޮސިންއަކަށް ގެންގޮސް އެމީހުންގެ ޢާއިލާތަކާއި ހަވާލު ކުރާނެ
  • އަދި ކުރިއަށް އޮތް ގަޑިތަކުގައި މިސްރުން ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ އެހީތެރިކަން ވެސް ފޯރާނެ ކަމަށް ބެލެވޭ.
  • ހަމާސް އިން ބުނީ ދުވާލެއްގެ މައްޗަށް 200 އެހީދޭ ޓްރަކާއި އިތުރު ތެޔޮ ޓްރަކް ޣައްޒާއަށް ވަންނާނެ ކަމަށް.

މި އެއްބަސްވުމާއި ގުޅިގެން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމުގެ ކުރިން ނަތަންޔާހޫ ބުނެފައިވަނީ އިސްރާއީލުގެ މަގުސަދު ބަދަލު ނުވާ ކަމަށާއި، އިސްރާއީލުގެ މަގުސަދު ތަކަކީ ހަމާސް ނައްތާލުމާއި، ހުރިހާ ރަހީނުން މިނިވަން ކުރުމާއި، ޣައްޒާއަކީ އިސްރާއީލަށް ނުރައްކާ ނުކުރާނެ ތަނެއް ކަމުގައި ހެދުން ކަމަށާއި، އިސްރާއީލުގެ މަގުސަދުތައް ހާސިލު ވަންދެން ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށެވެ.

އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށި މި ގަތުލުއާއްނމުގައި މިހާތަނަށް ޣައްޒާގައި 14،800 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އިސްރާއީލުގައި ހަމާސްގެ ހަމަލާތަކުގައި މަރުވި މީހުންގެ ރަސްމީ އަދަދު އުޅެނީ ގާތްގަނޑަކަށް 1،200 ގައެވެ.

ހަނގުރާމަހުއްޓާލުމުގެ ކުރިން އިސްރާއީލުން ހަމަލާތައް ވަރުގަދަކުރިއިރު، އޭގެ ތެރޭގައި އދ.ގެ ސްކޫލަކަށް ދިން ވައިގެ ހަމަލާއެއްގައި 27 މީހުން ވަނީ ޝަހީދުވެފައެވެ.