ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ ރައްޔިތުން ޣައްޒާގެ އުތުރަށް ނުދިއުމަށް ނިރުބަވެރި އިސްރާއީލުން އިންޒާރުދީ އެ ސަރަހައްދަށް ލީފްލެޓްތައް ވައްޓާލައިފިއެވެ.

ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލު އާއްމު ވަގުތީ ގޮތުން ހުއްޓާލާލީ ރާއްޖެ ގަޑިން މިއަދު ހެނދުނު 10:00 ޖެހިއިރުއެވެ.

އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާގޮތުގައި އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާގެ ރައްޔިތުން އުތުރަށް މިސްރާބު ޖެހުމާއި ދެކޮޅަށް ވަނީ
އިންޒާރު ދީފައެވެ.

ހަނގުރާމަ ހުއްޓާލާފައި ވަގުތުތަކުގައި އިސްރާއީލު ސިފައިން ޣައްޒާގެ ސަލާހުއްދީން އެކްސިސް އާއި ބީޗް ސްޓްރީޓްގައި މަޑުކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އަދި ޣައްޒާގެ އުތުރަށް އެނބުރި ދާން އުޅުނު ތިން މީހެއްގެ ނިރުބަވެރި ސިފައިން ބަޑިޖަހައި ވަނީ ޒަހަމްކޮށްލައިފައެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން މިފިޔަވަޅު އަޅާފައި މިވަނީ ޣައްޒާގެ ރައްޔިތުން އުތުރުގައި އޮންނަ އެމީހުންގެ ގެތަކަށް އެނބުރި ނުދެވޭ ކަމަށް އިސްރާއީލުގެ އޮފިޝަލުން ފާއިތުވި ދުވަސްތަކުގައި ބުނަމުން ދަނިކޮށެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ، ހަނގުރާމަ ފެށުމުގެ ކުޑަ އިރުކޮޅެއް ކުރިން ޣައްޒާގެ އެންމެ ބޮޑު މެޑިކަލް ފެސިލިޓީ ކަމަށްވާ އަލް ޝިފާ ހޮސްޕިޓަލްގެ ސަރަހައްދުގައި ހުރި ޓަނަލްތަކާއި ގިނަ ޓަނަލް ޝާފްޓްތަކެއް ހަލާކުކޮށްލާފައިވާ ކަމަށެވެ.