އިންޑިއާގެ ކަލިޔާން ސިންގް ސުޕަ ސްޕެޝަލިޓީ ކެންސަރު އިންސްޓިޓިއުޓް އެންޑް ހޮސްޕިޓަލް (ކޭއެސްއެސްއެސްސީއައިއެޗް) ގެ އޮޕަރޭޝަން ތިއޭޓަރު (އޯޓީ) އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ފަޔާ އޮފިޝަލުން ބުނިގޮތުގައި މިއަދު މި އަލިފާނުގެ ހާދިސާ ހިނގި ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ

ފަޔަރ އޮފިޝަލުން ބުނެފައިވާގޮތުގައި އޯޓީގައި އަލިފާން ރޯވުމުން އަލިފާން ނިއްވުމަށް އެކި ފަޔަރ ސްޓޭޝަންތަކުން ސްމޯކް އެގްޒޯސްޓަރާއި އަލިފާން ނިއްވާ ހަތް ވެހިކަލް އެ ސަަރަހައްދަށް ގޮސް ގާތްގަނޑަކަށް ދެ ގަޑިއިރު ތެރޭގައި އަލިފާން ނިއްވާލާފައި ވެއެވެ.

ކެންސަރަށް ފަރުވާ މަޝްހޫރު މި ހޮސްޕިޓަލް ހުންނަނީ ސްޓޭޓްގެ ވެރިރަށް ސުލްތާންޕޫރު މަގުގައި ހުންނަ އަހްމާއު ކްރޮސިން ކައިރީގައެވެ.

"އެއްވެސް މީހަކަށް އަނިޔާއެއް ނުވޭ. ހޮސްޕިޓަލުގެ އޯޓީ ބްލޮކްގެ ދެ ވަނަ ފަންގިފިލާގައި ހުރި ބެޓެރީ ރޫމްގައި އަލިފާން ރޯވީ، މިއާއެކު މުވައްޒަފުންނާއި އެޓެންޑެންޓުން އުޅުނީ ބިރުން،" ޗީފް ފަޔާ އޮފިސަރު (ސީއެފްއޯ) މަންގޭޝް ކުމާރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި އަލިފާން ގަނޑު ނިއްވާލެވުނީ ދެ ގަޑިއިރު ވަންދެން ކުރި މަސައްކަތުންނެވެ.

"އަލިފާނުގެ ހާދިސާ ހިނގި އިރު ބައިވަރު ބަލި މީހުންނާއި އެޓެންޑެންޓުން ތިބީ ތާށިވެފައި... އަލިފާން ރޯވާން ފެށީ ބެޓެރީ ރޫމްގައި، އެތަނުގެ ތެރޭގައި އަލިފާން ރޯވާ ޒާތުގެ ތަކެތި ހުރި،". ސީއެފްއޯ ވިދާޅުވިއެވެ.

ސީއެފްއޯ ވިދާޅުވީ، އިމާރާތުގައި ތިބި އެންމެން ސަލާމަތުން ނެރެފައިވާ ކަމަށެވެ.

އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ޝޯޓް ސާކިޓެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށް ހޮސްޕިޓަލުގެ އޮފިޝަލުން ބުނެއެވެ.

"އަލިފާން ރޯވީ ޔޫޕީއެސް ރޫމްގައި ހުރި ޝޯޓް ސާކިޓެއްގެ ސަބަބުން ކަމަށް ވެދާނެ. އަލިފާނުގެ ހާދިސާއާ ގުޅިގެން ބޭސްފަރުވާގެ ހިދުމަތަށް އެއްވެސް ވަރަށް ބުރޫ އަރާފައެއް ނުވޭ. އަލިފާން ރޯވި ސަބަބު ދެނެގަތުމަށް ތަހުގީގީ ޓީމެއް މިހާރު ވަނީ އެކުލަވާލާފައި،" އެ އިންސްޓިޓިއުޓްގެ ޑިރެކްޓަރު ޑރ އާރްކޭ ދީމާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު