23:50

ޣައްޒާގެ ޚާން ޔޫނިސް، ޖަބަލިއާ ކޭމްޕް އަދި ޝެޖައިޔާ ކޭމްޕުގެ ދިފާއީ ބާރުތައް މުގުރާލާފައިވާ ކަމަށް ނިރުބަވެރި އިސްރާއީލް އަސްކަރިއްޔާގެ ސްޕޯކްސްޕާސަން، ޑެނިއަލް ހަގަރީ ބުނެފި.

އޭނާ މިހެން ބުނެފައިވަނީ ނިރުބަވެރިން ޚާން ޔޫނިސްގެ މެދަށް ވަދެ ހަނގުރާމަ ކުރަމުން އަންނަކަން އިއުލާނުކުރިތާ މާ ގިނައިރުތަކެއް ނުވަނީސް.

23:45

އިސްރާއީލުގެ ނިރުބަވެރި ސިފައިން އަންނަނީ ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުގެ ލީޑަރު، ޔަހްޔާ ސިންވާގެ ގެ ވަށާލަމުން ކަމަށް އިސްރާއީލުގެ ބޮޑު ވަޒީރު، ބެންޖަމިން ނަތަންޔާހޫ ބުނެފި

 

23:44

ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލުމަށް ގްރޫޕް އޮފް ސެވެން (ޖީ7) އިން ގޮވާލައިފި.

މީގެ އިތުރުން ވެސް އެ ގްރޫޕުން ވަނީ އީރާނުން ހަމާސް، ހިޒުބުﷲ އަދި ޔަމަނުގެ ހޫތީންނަށް އެހީތެރިކަން ފޯރުކޮށް ދިނުން ވެސް ހުއްޓާލުމަށް ގޮވާލާފަ.

23:42

އަލްޖަޒީރާގެ ނޫސްވެރިޔާގެ 22 މީހަކު ޝަހީދުކުރި ކުރުން އަލްޖަޒީރާ ނޫހުން ކުށްވެރިކޮށްފި.

އަލްޖަޒީރާ ނޫހުން ވަނީ މި ޖަރީމާގެ ޒިންމާ އުފުލަން ޖެހޭ އެންމެން ޖަވާބުދާރީ ކުރުވުމަށް ގާނޫނީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމުގެ ޔަގީންކަން ދީފަ.

23:40

ނިރުބަވެރިން ދެމުން އަންނަ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ އިތުރު ހޮސްޕިޓަލެއް އޮތީ ބަންދު ކުރުމުގެ މަގުމަތީގައި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފި.

ސިއްހަތު ޖަމިއްޔާއިން ބުނި ގޮތުގައި ބަންދު ކުރުމުގެ މަގުމަތީގައި ވަނީ ޣައްޒާގެ އުތުރުގައި ހުންނަ ކަމާލް އުދުވާން ހޮސްޕިޓަލް. މި ހޮސްޕިޓަލުން މިހާރު ވެސް އަންނަނީ 20 ބަލި މީހުންނަށް ފަރުވާ ދެމުން. އަދި ގިނަ ބަޔަކު އަންނަނީ ހޮސްޕިޓަލުގައި ބޯހިޔާވަހިކަން ހޯދަމުން.

23:25

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ގެއަކަށް ހަމަލާދީ 18 މީހަކު ޝަހީދު ކޮށްލައިފި

 

23:13

ރަފާހްގެ މެދު ތެރޭގައި އޮންނަ ޝަބޫރާ ކޭމްޕަށް ނިރުބަރިން ޖެހި ރޭޑުގައި ގިނަ ބަޔަކު ޝަހީދުކޮށް، އެތައް ބަޔަކު ޒަހަމްކޮށްލައިފި-- ފޮޓޯ: ގުދުސް ނިއުސް ނެޓްވޯކް

23:11

ނިރުބަވެރި އިސްރާއީލުގެ އަނިޔާވެރިކަން ފޮޓޯތަކުން-- ފޮޓޯ: ގުދުސް ނިއުސް ނެޓްވޯކް

22:07

ހަމާސް ބަލިކުރަން އިސްރާއީލުން ބޭނުން ވަނީ އެމެރިކާގެ ފަރާތުން ހަތިޔާރު ކަމަށް އިސްރާއީލުގެ ބޮޑު ވަޒީރު، ބެންޖަމިން ނަތަންޔާހޫ ބުނެފި.

20:37

އިސްރާއީލުން ދިން ބޮމުގެ ހަމަލާތައް ވަރުގަދަވުމުގެ ސަބަބުން ގެދޮރު ގެއްލިފައިވާ ޣައްޒާގެ އެތައް ހާސް ބަޔަކު ރަފާއަށް ބަދަލުވެއްޖެ. ރަފާހު އަށް ވެސް ވަނީ އެތައް ވައިގެ ހަމަލާތަކެއް ދީފައި.

20:11

އަލްޖަޒީރާ އަރަބިގެ ނޫސްވެރިއެއް ކަމަށްވާ މޮމިން އަލްޝްރަފީގެ އާއިލާއިން ހިޔާވަހިކަން ހޯދަމުންދިޔަ ދެމުން ދިޔަ ގެއަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި އެ އާއިލާގެ ގިނަބަޔަކު ޝަހީދުވެއްޖެ

19:39

ފާއިތުވި ތިން ދުވަހުގެ ތެރޭގައި ގިނަ ކަންތައްތަކެއްގެ ސަބަބުން އެހީ ގެނައުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް އދއިން ބުނެފި

މިގޮތުން ޣައްޒާގެ ތެރޭގައި ޓްރަކްތައް މަދުވެ، ބައެއް ތަކެތި ވަނީ މެދުތެރޭ ސަރަހައްދުގައި ތާށިވެފައި، އޭގެ އިތުރުން ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހު ޓެލެކޮމިއުނިކޭޝަން ބްލެކްއައުޓްގެ ސަބަބުންނާއި، ބޮމުގެ ހަމަލާގެ ސަބަބުން ރަފާ ކްރޮސިންއަށް ނުދެވި ތިބި ޓްރެކްތަކުގެ އަދަދު އިތުރުވުން ފާހަގަކޮށްފައިވޭ.

 

19:30

ޣައްޒާ ސިޓީގެ އަލްސަބްރާ އަވަށުގެ "ހައްމާދު" އާއިލާއަށް އިސްރާއީލުން ދިން ހަމަލާއެއްގައި ފަލަސްތީނުގެ 11 މީހަކު ޝަހީދުވެއްޖެ.

19:19

ރެފިއުޖީ ކޭމްޕަކަށް އިސްރާއީލު ސިފައިން ދިން ހަމަލާއެއްގައި ބޮލަށް ބަޑިޖަހައި ޒަހަމްކޮށްލި އަބްދުލްނާސަރު އަލް ރިޔާހީ ރަފީދިއާ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ޝަހީދުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި.

އޭނާގެ ބޮލަށް ބަޑި ޖަހާފައިވަނީ ހުޅަނގު އައްސޭރީގެ ނަބްލޫސް ސިޓީގެ އިރުމަތީގައި އޮންނަ ބަލަޓާ ރެފިއުޖީ ކޭމްޕަށް އިސްރާއީލުގެ އަސްކަރިއްޔާއިން ވަދެ ބަލައި ފާސްކުރުމުގެ ތެރެއިން.

އެ ހަމަލާގައި ފަލަސްތީނުގެ އިތުރު ތިން މީހަކު ވަނީ ޒަހަމްވެފައި.

19:17

ޣައްޒާގެ މެދުތެރޭގެ ދީރް އަލް ބަލާހްގެ ގެތަކަށް އިސްރާއީލުން ދިން ބޮމުގެ ހަމަލާއެއްގައި ޝަހީދުވި މީހުންނާއި ގެއްލުނު މީހުންގެ ހަށިތައް ހޯދުމުގެ މަސައްކަތް ރެސްކިއު ކްރޫންނާއި މަދަނީ ދިފާއީ އަދި ރައްޔިތުން ކުރަނީ

19:15

ޣައްޒާގެ އުތުރުގައި އޮންނަ ބެއިޓް ލަހިއާގައި އެތައް ހާސް ބަޔަކު ދިރިއުޅެމުންދާ "އަވަނީ އަލް ހަރްތާނީ" ސްކޫލާ ޖެހިގެން ހުރި ގެތަކަށް އަމާޒުކޮށް އިސްރާއީލުން ބަޑީގެ ހަމަލާތައް ދެމުން އަންނަ ކަމަށް ގުދުސް ނެޓްވޯކްއިން ބުނެފި.

18:49

އިސްރާއީލުން ޣައްޒާއަށް ހަމަލާދޭން ފެށި ފަހުން އެމެރިކާގެ އަސްކަރީ އެހީތެރިކަމާއެކު 200 ނަންބަރު މަތިންދާބޯޓު ގެނެސްފައިވ އިޒްރޭލުގެ ހަނގުރާމަވެރި ވުޒާރާއިން އިއުލާނުކޮށްފި.

17:40

ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝިދާ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ފޯނުން ގުޅުއްވައިފި.

އެ މަޝްވަރާއަށް ފަހު ޖަޕާނުގެ ހާރިޖީ ވުޒާރާއިން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ އާންމުން މަރުވާ މީހުންގެ އަދަދު އިތުރުވަމުން ދިއުމުން ދުރުހެލިވާން ޖެހޭ ކަމަށާއި، ހާލަތު ހަލުވިކަމާއެކު ހަމައަކަށް އެޅުމާއި، އާންމުންނަށް ލިބޭ ގެއްލުންތައް މަދުކޮށް، ބައިނަލްއަގުވާމީ އިންސާނީ ގާނޫނު ހިމެނޭ ގޮތަށް ބައިނަލްއަގްވާމީ ގާނޫނުތައް ތަންފީޒުކުރުން މުހިންމު ކަމަށެް.

17:38

ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި ސައުދީ އަރަބިއްޔާއަށް ކުރައްވާ ނާދިރު ދަތުރުފުޅު ފައްޓަވައިފި،

އަލްޖަޒީރާއިން ބުނީ ޕުޓިން އާއި އޭނާ ބައްދަލު ކުރައްވާ ގަލްފުގެ ލީޑަރުން ވެސް ހަނގުރާމައާ މެދު ގެންގުޅެނީ އެފަދަ ސްޓޭންޑެއް ކަމަށާއި ބޭނުންވަނީ ދާއިމީ ކޮށް ހަނގުރާމަ ހުއްޓާލަން ކަމަށް.

17:37

އިސްރާއީލުގެ އެއިލަތުގައި ސައިރަންގެ އަޑު ގަދަވެ، ރަތް ކަނޑުމަތިން މިސައިލް ހުއްޓުވައިފި

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ ރަތް ކަނޑުގެ މަތިން ސަރފޭސް ޓު ސަރފޭސް މިސައިލެއް ހުއްޓުވާފައިވާ ކަމަށް.

އަދި މިސައިލް އިސްރާއީލުގެ ސަރަހައްދަށް ވަދެފައި ނުވާ ކަމަށާއި އެއީ އާންމުންނަށް ނުރައްކަލެއް އޮތް މިސައިލެއް ނޫން ކަމަށް ވެސް އަސްކަރިއްޔާއން ބުނެފައި

އުރުދުންގެ ބޯޑަރު ކައިރީގައި އިސްރާއީލުގެ އިރުދެކުނު ފަރާތުގައި އޮންނަ ސިޓީއެއް ކަމަށްވާ އެއިލަތުގެ އެކި ސަރަހައްދުތަކުގައި ވައިގެ ހަމަލާތަކުގެ ސައިރަންތައް އިވެމުން ދިޔަ ނަމަވެސް އިސްރާއީލު ސިފައިން ބުނެފައި ވަނީ އެއީ ސްޓޭންޑަޑް ޕްރޮސީޖާއެއް ކަމަށް.

16:28

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސް އަދި ޣައްޒާގައި ފަލަސްތީނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ހަރުކަށި އަމަލުތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ ނުފޫޒު އަވަސް ކުރުމަށް ފަލަސްތީނު އޮތޯރިޓީގެ ރައީސްގެ ތަރުޖަމާނު ނަބީލް އަބޫ ރުދައިނާ ގޮވާލައްވައިފި.

16:18

ޣައްޒާގެ އުތުރުގެ ސަރަހައްދަކުން ގިނަ އަދަދެއްގެ ހަތިޔާރު ފެނިފައިވާ ކަމަށާއި އޭގެ ތެރޭގައި ދުރު ރާސްތާގެ މިސައިލާއި ޕޯޓަބަލް އާރްޕީޖީ ވައްތަރުގެ މިސައިލްތަކުގެ ބައެއް މޮޑެލްތަކުގެ އިތުރުން އެންޓިޓޭންކް މިސައިލާއި އެކްސްޕްލޯސިވް ޑިވައިސްތަކާއި ހޭންޑް ގްރެނޭޑާއި ޑްރޯން ހިމެނޭ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފި.

15:44

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ދެކުނުގައި އޮންނަ އަލްޚަދަރު އަވަށުގައި ފަލަސްތީން މީހެއްގެ ގެއެއް އިސްރާއީލު ސިފައިން ތަޅާލައިފި

15:42

އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނުގެ ނުވަ މީހެއްގެ މައްޗަށް ކަށުނަމާދު ކުރަނީ

މި ކަށުނަމާދު ކުރަނީ ޣައްޒާގެ މެދުތެރޭގައި އޮންނަ ދީރް އަލް ބަލާހްގައި ހުންނަ އަލް އަޤްޞާ ހޮސްޕިޓަލުގެ ޔާޑުގައި

 

15:41

ޣައްޒާގެ ދެކުނުގައި އޮންނަ ރަފާހުގައި އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި ހަލާކުވެފައިވާ އެމީހުންގެ ގޭގައި ދިރިއުޅެމުންދާ އާއިލާއެއް

15:40

ޣައްޒާގެ ދެކުނުގައި އޮންނަ ރަފާގައި ހުންނަ މަދަނީ ދިފާއީ ޓީމުތަކުން ދަނީ އިސްރާއީލުގެ ވައިގެ ހަމަލާތަކުގައި ބިމާހަމަވެފައިވ ގެތަކުގެ ދަށުގައި ތިބި މީހުން ނެރުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުން

15:19

ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް މިހާރު ދެމުންގެންދާ ހަމަލާތަކުގައި މީހުން ދިރިއުޅޭ އަވަށަކަށް ވައިގެ ހަމަލާތަކެއް ދީ ބޮޑު ގަތުލު އާންމެއް ހިންގައިފި.

15:11

އެއް ދުވަސް ތެރޭގައި ޣައްޒާގެ 250 އަމާޒަކަށް ހަމަލާދީފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފި.

އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވާގޮތުން އިސްރާއީލުގެ އަސްކަރިއްޔާގެ ސިފައިންނާ ހަވާލުކޮށްފައިވަނީ ހަތިޔާރާއި ބިމުގެ އަޑީގައި ހުރި ޝާފްޓްތަކާއި އެކްސްޕްލޯސިވް ޗާޖްތައް ހޯދުމާއި ނައްތާލުމަށް ކަމަށް.

15:09

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ނަބްލޫސްގެ ބަލަޓާ ރެފިއުޖީ ކޭމްޕަށް އިސްރާއީލު ސިފައިން ވަދެ ހަމަލާ ދެނީ

ނަބްލުސްގައި ހުންނަ ރެޑް ކްރެސެންޓް އެމްބިއުލާންސް އެންޑް އިމަޖެންސީ ސެންޓަރުގެ ޑިރެކްޓަރު އަހުމަދު ޖިބްރީލް ވިދާޅުވީ ބޮލަށް ބަޑިޖެހުމުގެ ސަބަބުން އެކަކުގެ ހާލު ސީރިއަސް ކަމަށް.

އަނެއް ތިން ފިރިހެނުންގެ ހަށިގަނޑުގެ އެކި ތަންތަނަށް ބަޑި ޖަހާފައިވީ ނަމަވެސް އެ މީހުންގެ ހާލު ސްޓޭބަލް ކަމަށް އޭނާ ވިދާޅުވީ.

15:08

ޣައްޒާގެ ހާލަތު "ކޮންމެ މިނެޓަކުން ވެސް ގޯސްވަމުން" އަންނަ ކަމުގެ އިންޒާރު ފަލަސްތީނު ރެފިއުޖީންނާ ބެހޭ އދގެ އެޖެންސީން ދީފި

ޔޫއެންއާރުޑަބްލިއުއޭ އިން ބުނީ އިސްރާއީލުގެ ހަމަލާތަކުން ފިލައިގެން ދާ މީހުންނަށް އެނބުރި ދިއުމުގެ ރައްކާތެރި ތަނެއް ނެތް ކަމަށާއި ހުރިހާ ހިޔާތަކެއް މިހާރުވެސް ކެޕޭސިޓީއަށް ވުރެ ބޮޑު ކަމަށް.

15:06

އިސްރާއީލުގެ އަސްކަރިއްޔާއިން ޚާން ޔޫނުސްގައި އެތައް ދުވަހެއް ވަންދެން ވަރުގަދަ ހަނގުރާމައަކަށް ތައްޔާރުވަމުން އަންނަ އިރު، މިއީ ހަމާސްގެ މައި ހަރުގެއެއްގެ ގޮތުގައި އިސްރާއީލުން ދެކޭ ކަމަށް އަލްޖަޒީރާއިން ރިޕޯޓްކޮށްފި.

އެހެންނަމަވެސް އިސްރާއީލުގެ އަސްކަރިއްޔާއިން އެތަނަށް ފަރުވާތެރިކަމާއެކު ހިނގަންޖެހޭނީ އެތަނުގައި ގިނަ އަދަދެއްގެ ގައިދީން ވެސް ތިބޭނެ ކަމަށް ގަބޫލުކުރާތީ ކަމަށް އޭނާ ބުނެފައިވޭ.

15:05

އިސްރާއީލުން ހަމަލާތައް ވަރުގަދަ ކުރަމުން ދަނިކޮށް، ޣައްޒާގެ ދެކުނުގައި އޮންނަ ރަފާހުގައި ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ހާލަތު ދައްކުވައިދޭ ވީޑިއޯއެއް ފޮޓޯގްރާފަރު މަހްމޫދު ބައްސާމް ހިއްސާކޮށްފި

13:29

ޣައްޒާގެ އިތުރު ސަރަހައްދުތަކެއް ހުސް ކުރުމަށް ނިރުބަވެރިން އަންގައިފި.

ނިރުބަވެރިން ވަނީ ޣައްޒާގެ ބަނި ސުހައިލް ސަރަހައްދާއި އިތުރު ބައެއް ސަރަހައްދުތަކުގައި ތިބި ގިނަ ބަޔަކު އެތަންތަން ވަގުތުން ހުސް ކުރުމަށް އަންގާފަ.

13:26

ޚާން ޔޫނިސްއަށް ދިން ހަމަލާގައި ލިބިފައިވާ ގެއްލުން-- ފޮޓޯ: ރޮއެޓާސް

12:30

ޣައްޒާގެ ހޮސްޕިޓަލެއްގައި ޝަހީދުވި 50 މީހެއްގެ ޖަނާޒާ ޣައްޒާގައި ބާއްވައިފި.

 

12:08

އޮޅުމަކުން ލުބުނާނުގެ އަސްކަރިއްޔާއަށް ހަމަލާދެވުނު މައްސަލަ ބަލަމުން އަންނަ ކަމަށް ނިރުބަވެރި އިސްރާއީލުން ބުނެފި.

11:25

ޣައްޒާގައި ހުންނަ އަލް- އަޤްސާ ހޮސްޕިޓަލުގައި ބޭނުން ކުރާ އެކިއެކި ސާމާނުތައް ހުސްވަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ބުނެފި.

މިހާރު ވެސް 700 އަށްވުރެ ގިނަ ބަލި މީހުން އެނދުމަތި ކޮށްގެން ފަރުވާ ދެމުން އަންނަ އެ ހޮސްޕިޓަލުން ބުނި ގޮތުގައި ބައެއް މެޑިކަލް ސާމާނުތަކުގެ އިތުރުން، ތެޔޮ ވެސް ވަނީ ހުސްވާން ކައިރިވެފަ.

11:24

ނިރުބަވެރިން ޣައްޒާގައި އަލަށް އުފަންވި ތުއްތު ކުއްޖަކަށް ހަމަލާދޭން މަސައްކަތް ކޮށްފި. ރިޕޯޓްތަކުން ބުނާ ގޮތުގައި ހަމަލާއިން އެކުއްޖާ ވަނީ ސަލާމަތްވެފައި.

 

10:04

ޑިސެމްބަރު 5، 2023: ޖެނިން އަށް ނިރުބަވެރިން ޖެހި ރޭޑެއްގައި އެމްބިއުލާންސް އެއް ހުއްޓުވާފައި.

09:52

އިންސްޓަގްރާމްގައި އާންމުކޮށްފައިވާ ވީޑިއޯއެއްގައި ފަލަސްތީނުގެ ފޮޓޯގްރާފަރު އަބްދުއްރަހްމާން އަލް ކަހުލޫތު ވަނީ ޣައްޒާގެ ދެކުނުގެ ޚާން ޔޫނިސްއަށް އެއް ރެއެއްގެ ތެރޭގައި އިސްރާއީލުން ދިން ހަމަލާތަކާ ގުޅިގެން އެކި އާއިލާތަކަށާއި އެމީހުންގެ ކުޑަކުދިންނަށް ކުރިމަތިވި ތަކުލީފު ދައްކާލާފަ. (ވީޑިއޯ)

09:48

އަނެއްކާ ވެސް ޣައްޒާގެ އުތުރުގައި އޮންނަ ޖަބަލިއާ ކޭމްޕްގައި ހުރި ގެއަކަށް އަމާޒުކޮށް ނިރުބަވެރިން ބޮން އަޅައިފި.

09:47

މުޖާހިދުންނާ ނިރުބަވެރިން ބަޑީގެ ހަމަލާ ބަދަލުކުރަމުން ދާ މި ދަނޑިވަޅުގަ ނިރުބަވެރިންގެ މަތިންދާބޯޓުތަކުން ވަނީ ޚާން ޔޫނިސްގެ އަބާސާން، ބަނީ ސުހައިލާ، އަދި އަލް ގަރާރާ އަވަށް ތަކަށް ބޮން އަޅަމުން.

09:46

ޣައްޒާގެ އަލްޝުޖާޢިއްޔާ، އަލްޒައިތޫން، އަދި އަލްދަރާޖްގެ އަވަށްތަކަށް މެދުނުކެނޑި އާޓިލަރީ އިން ހަމަލާ އަމާޒުކުރާކަމަށް ރިޕޯޓްކޮށްފި.

09:45

ޣައްޒާގެ ހުޅަނގުން އައްސޭރިފަށުގައި އާޓިލަރީ ހަމަލާ އެބަ އަމާޒުކުރާކަމަށް ރިޕޯޓްކޮށްފި.

09:45

އިސްރާއީލުގެ އިތުރު ދެ ސިފައިން މަރުވިކަން އިއުލާން ކޮށްފި.

އެމީހުންނަކީ:

  • 7 ވަނަ އާމަރޑް ބްރިގޭޑްގެ 82 ވަނަ ބެޓޭލިއަންގެ ސާޖަންޓް ފަސްޓް ކްލާސް ޔެހޮނަޓަން މަލްކާ، 23
  • 98 ވަނަ ޑިވިޝަންގެ ޔުނިޓެއްގެ ކޮމާންޑަރެއް ކަމަށްވާ ލެފްޓިނެންޓް ކާނަލް ޔޮޗައި ގުރް ހެރްޝްބަރގް، 52

09:27

އިއްޔެ ނިރުބަވެރިން ޣައްޒާގެ ޚާން ޔޫނިސްއަށް ދިން ހަމަލާއެއްގައި ޑޮކްޓަރަކާއ އޭނާގެ ކުޑަ ދަރިފުޅު ޝަހީދު ކޮށްލައިފި.

ނިރުބަވެރިން ޝަހީދުކޮށްލި ޑޮކްޓަރ

08:37

ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ދެ ޒުވާނަކު ޝަހީދުކޮށްލައިފި

 

08:23

ޣައްޒާގެ ހެލްތް މިނިސްޓްރީން އާންމު ކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް:

  • ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް މަރުވި މީހުންގެ އަދަދު 16،248 އަށް

އޭގެ ތެރޭގައި:

  • 7112 ކުޑަކުދިން
  • 4885 އަންހެނުން
  • 1،550 މީހުން ގަދަކަމުން މަރާލި
  • 7،600 މީހަކު ވީނުވީއެއް ނޭނގި ގެއްލިފަ، އިމާރާތްތައް ދަށުވެފަ

ނިރުބަވެރި އިސްރާއީލް ސިފައިންނާއި ހަމާސް ޖަމާއަތުގެ މުޖާހިދުންގެ މެދުގައި ވެވުނު ގައިދީން ބަދަލު ކުރުމުގެ އެއްބަސްވުން ނިމުމަކަށް އައި ހިސާބުން ނިރުބަވެރިން ވަނީ ޣައްޒާއަށް ދެމުންދާ ހަމަލާތައް އަލުން ފަށާފައެވެ. މިދިޔަ ހުކުރު ދުވަހު މި ހަމަލާތައް ފެށިއިރު، ފަށާފައިވަނީ ކުރިއަށްވުރެ ވަރުގަދަކޮށެވެ. ކުރިއަށްވުރެ ގިނަ ތަންތަނަށެވެ.

ރަހުމުކުޑަ އަމަލުތައް ހިންގަމުން އަންނައިރު، މިދިޔަ ހުކުރު ދުވަހުން ފެށިގެން އާދިއްތަ ދުވަހާއި ހަމައަށް ޣައްޒާގެ 700 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ޣައްޒާގެ ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ. މިއީ ދެ ދުވަހެއް ނުވަތަ އެއް ދުވަސް ތެރޭ އެންމެ ގިނަ މީހުން ޝަހީދު ކޮށްލި ފުރަތަމަ ފަހަރެވެ.

ނިރުބަވެރިން އަންނަނީ އެދުވަސް ފަހުން ޣައްޒާގައި ރައްކާތެރި ކަމަށް ބުނެފައިވަނީ ޣައްޒާގެ ދެކުނު ހުސްކުރަން އަންގައި، އެސަރަހައްދު ހިމެނޭހެން ޣައްޒާގެ ގިނަ ސަރަހައްދުތަކަށް ހަމަލާދެމުންނެވެ. ބައެއް އިމާރާތްތައް ހުސްކުރަން އެތަނުގައި ދިރިއުޅޭ ރައްޔިތުން އަންގާފައިވާއިރު، ބައެއް ތަންތަން އިންޒާރެއް ނެތި، ގޮއްވާލުން، ރޯކޮށްލުން ފަދަ އަމަލުތައް ވެސް އަންނަނީ ކުރަމުންނެވެ. އަދި ހޮސްޕިޓަލްތަކުގައި ޒަހަމްވާ މީހުންނަށް ފަރުވާ ނުދެވޭނެހެން، ހޮސްޕިޓަލްތައް ހިސޯރުކޮށް، އެތަނުގައި ތިބޭ ސިއްހީ އޮފިޝަލުން ރަހީނުކޮށް، ބިރު ދެއްކުމަކީ ވެސް މިއަދާއި ހަމައަށް ނިރުބަވެރިން ކުރަމުން އަންނަ ކަމެކެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ފެށުނު މި ހަނގުރާމައާއި ގުޅިގެން މިހާތަނަށް ޣައްޒާގެ 15،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.

މި ލައިވް ބްލޮގްގައި އަޅުގަނޑުމެން ގެނެސްދޭނީ އިސްރާއީލާއި ޣައްޒާއާއި ދެމެދު ހިނގަމުން އަންނަ ހަނގުރާމައިގެ އެންމެ ފަހުގެ މައުލޫމާތެވެ.

ކިޔުންތެރިންގެ ހިޔާލު