ނިރުބަވެރިން ދެމުން އަންނަ ހަމަލާތަކުގެ ސަބަބުން މިހާރު ޣައްޒާގައި ފަރުވާ ދެވެމުން އަންނަނީ 13 ހޮސްޕިޓަލެއްގައި ކަަމަށް ރިޕޯޓްތަކުން ބުނެފިއެވެ.

އދ.ގެ ރިޕޯޓްތަކާއި ހަވާލާދީ މީޑިއާތަކުން ބުނީ ޣައްޒާގެ 36 ހޮސްޕިޓަލެއް ހުރިއިރު، މިވަގުތު ފަރުވާ ދެވެމުން އަންނަނީ 13 ހޮސްޕިޓަލެއްގައި ކަމަށެވެ. އެ ހޮސްޕިޓަލްތަކުން ފަރުވާ ދެވުނު ނަމަވެސް، ފަރުވާ ދެވެމުން އަންނަނީ ވަރަށް ކުޑަކޮށް ކަމަށް ވެސް ވަނީ ބުނެފައެވެ.

ރިޕޯޓްތަކުން ބުނި ގޮތުގައި އެ ހޮސްޕިޓަލްތަކުގައި ސިއްހީ މާހިރުންނާއި ސްޓާފުންގެ އިތުރުން ބޭހުގެ ބާވަތްތައް މިހާރު ވަނީ މަދުވެފައެވެ.

މީގެ އިތުރުން ވެސް ބައެއް ތަންތަނަށް ތެލުގެ އިތުރުން ކާބޯޗަކެއްޗާއި ފެންވެސް ބޭނުންވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ހަމަލާތަކުގެ ސަބަބުން ބަދަލު ހިފުމުގެ ގޮތުން ކަމަށް ބުނެ ނިރުބަވެރިން އަންނަނީ ޣައްޒާއަށް އެކި ގޮތްގޮތަށް ހަމަލާދެމުންނެވެ. ވައިގެ މަގުންނާއި ކަނޑުމަގުގެ އިތުރުން އެއްގަމު މަގުން މިހާރު ހަމަލާތައް ދެމުން އަންނައިރު، އެ ހަމަލާތަކުގެ ތެރެއިން ބައެއް ހަމަލާތަކަކީ ސްކޫލްތައް، ހޮސްޕިޓަލްތަކަށް ދީފައިވާ ހަމަލާތައްކަން ފާހަގަ ކޮށްލެވެއެވެ.