ލުބުނާނުން އުތުރު އިސްރާއީލަށް މިއަދު ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.

އިސްރާއީލުގެ އުތުރަށް ލުބުނާނުން ހަމަލާދޭން ފެށުމުން މުޅި އެ ސަރަހައްދުގައި ވަނީ ވައިގެ ހަމަލާގެ އިންޒާރުގެ ރަނގަބީލު އަޅާފައެވެ. އެއަށްފަހު އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައި ވަނީ އިސްރާއީލުގެ އުތުރުގައި އޮންނަ މެރޯން ސަރަހައްދަށް ލުބުނާނުން ސާޅީހަކަށް ހަމަލާ ފޮނުވާލާފައިވާ ކަމަށެވެ.

އަދި ހަމަލާތަކުގެ ރައްދުގައި އެ ހަމަލާތައް ދިނުމުގައި ބައިވެރިވި "ނިރުބަވެރި ސެލް" އަކަށް ހަމަލާ ދީފައިވާނެކަމަށް ވެސް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައި ވެއެވެ.

މި ހަމަލާތަކުގައި މީހުންނަށާއި ތަންތަނަށް ވީ ގެއްލުމުގެ މައުލޫމާތެއް އިސްރާއީލުން ހާމަކޮށްފައެއް ނުވެއެވެ.

ލުބުނާނުގެ ވަރުގަދަ ހިޒްބުﷲ ޖަމާއަތުން ބުނެފައިވަނީ އިސްރާއީލުގެ މައި އޮބްޒަވޭޝަން ޕޯސްޓަކަށް އަމާޒުކޮށް އެ ޖަމާއަތުން މިއަދު 62 ރޮކެޓް ހަމަލާ ދީފައިވާ ކަމަށެވެ. އަދި އެ ހަމަލާ ތަކަކީ މިހަފްތާގެ ކުރީކޮޅު އިސްރާއީލުން ހަމާސް ގެ ޑެޕިއުޓީ ލީޑަރު ސާލިހު އަލް އަރޫރީ ޝަހީދުކޮށްލުމުގެ ރައްދުގެ ބައެއްގެ ގޮތުގައި ދިން ހަމަލާތަކެއް ކަމަށްވެސް ހިޒްބުﷲ އިން ވަނީ ބުނެފައެވެ.

މިދިޔަ އަންގާރަދުވަހު ބޭރޫތުގައި ދިން ހަމަލާއެއްގައި ހަމާސްގެ ޑެޕިއުޓީ ލީޑަރު ސާލިހު އަލް އަރޫރީ ޝަހީދު ކޮށްލުމާއި ގުޅިގެން މަސްރަހު ވަނީ އިތުރަށް ގޯސްވެފައެވެ.

އަލް އަރޫރީ ޝަހީދު ކޮށްލުމާއި ވިދިގެން ހިޒްބުﷲ އިން ރައްދެއް ނުދީފިނަމަ އިސްރާއީލުން ލުބުނާނަށް އިތުރު ހަމަލާތަކެއް ދީފާނެ ކަމަށް ހިޒްބުﷲ ގެ ލީޑަރު ހަސަން ނަސްރުﷲ އިއްޔެ ވިދާޅުވެފައި ވެއެވެ.

މިއީ އިސްރާއީލަށް ވަރަށް މުހިއްމު ބޭސްއެކެވެ. އިސްރާއިލުގެ ޔަހޫދީ އަސްކަރިއްޔާ އިން މި މަރުކަޒު ބޭނުން ކުރަނީ އެ ގައުމުގެ އުތުރުގެ ސަރަހައްދުގައި ޖާސޫސީ މައުލޫމާތު އެއްކުރުމަށާއި އަސްކަރިއްޔާ އިން ހިންގާ ޖާސޫސީ ފާރަލުންތައް ބަލަހައްޓާ ސެންޓަރެއްގެ ގޮތުގައެވެ. މީގެ އިތުރުން މި ސަރަހައްދުގެ ވައިގެ ސަރަހައްދު ބަލަހައްޓަނީ ވެސް މި މަރުކަޒުންނެވެ. މިއީ ހިޒްބުﷲ އަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީ އެކެވެ. ސަބަބަކީ މުޅި އިސްރާއީލުގެ އަސްކަރިއްޔާ ގައި ވެސް ހުންނަނީ މި ފަދަ ދެ ބޭސް އެވެ. އެއް ބޭސް ހުންނަނީ އުތުރުގައި މެރޮން ގައެވެ. އަނެއް ބޭސް ހުންނަނީ ދެކުނުގައި މިޓްޒްޕެ ރަމޮން ގައެވެ. މެރޮންގައި ހުރި މި މަރުކަޒަކީ އިސްރާއީލުގެ ސިފައިން ފަލަސްތީނުގެ ބިމުން ހިފާފައިވާ ޖަރްމަގް ފަރުބަދަގައި ހުންނަ މަރުކަޒެކެވެ.

އަލް އަރޫރީ ޝަހީދުކޮށްލުމަކީ އަދަބު ނުދީ ދޫކޮށްލެވޭނެ ކަމެއް ނޫން ކަމުގައި ހިޒްބުﷲ އިން ކުރިންވެސް ވަނީ ބުނެފައެވެ.