ރައްޓެހިންނާއި އެކީ ޗުއްޓީ އަކަށް ދަމުން ދަތުރު ކުރަމުން ދިޔަ މަތިންދާ ބޯޓު ގޮއްވާލާނެ ކަމަށް ބުނި އިންޑިއާގެ މީހަކަށް ބޮޑު ޖޫރިމަނާ އެއް އައުމުގެ ފުރުސަތު ބޮޑުވެއްޖެއެވެ.

އަދިތްޔަ ވަރްމާ ކިޔާ އިންޑިއާ ދަރިކޮޅަށް ނިސްބަތްވާ އިނގިރޭސިވިލާތުގެ ރައްޔިތެއް 2022 ވަނަ އަހަރު، އިނގިރޭސިވިލާތުގެ ލަންޑަން ގެޓްވިކް އެއަރޕޯޓުން ސްޕެއިންގެ ޖަޒީރާ ރަށެއް ކަމަށްވާ މޮނާކޯ އަށް ފުރަން ދިޔައީ ރައްޓެހިންނާއި އެކީ ޗުއްޓީ އެއް ހޭދަ ކޮށްލުމަށެވެ. ނަމަވެސް 18 އަހަރުގެ އެ ޒުވާނާ ފުރުމުގެ ކުރިން މީސް މީޑިއާގެ އެޕެއް ކަމަށްވާ ސްނެޕް ޗެޓް ގައި ރައްޓެހިންނަށް ކުރި ސްނެޕެއްގައި ބުނެފައިވަނީ އޭނާ އެ ބޯޓު ގޮއްވާލަން އެޅޭ ކަމަށާއި އޭނާ އަކީ ތޯލިބާންގެ މެމްބަރެއް ކަމަށެވެ.

އެ މެސެޖް އިނގިރޭސިވިލާތުގެ ސަލާމަތީ އިދާރާތަކުގެ ސަމާލުކަމަށް އައުމާ އެކީ އެ އިދާރާ ތަކުން ވަނީ ސްޕެއިންގެ ސަލާމަތީ އިދާރާތަކަށް އެކަން އަންގާފައެވެ.

އަދި ސްޕެއިން އިން ވަނީ ވަގުތުން އެ ގައުމުގެ އަސްކަރިއްޔާގެ ވައިގެ ޖެޓްތައް އެ މަތިންދާ ބޯޓާއި ދިމާލަށް ފޮނުވާފައެވެ. ސްޕެއިންގެ އެފް-18 މަރުކާ ގެ ދެ ބޯޓު ވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި އަދިތްޔާ ދަތުރުކުރަމުން ދިޔަ އިނގިރޭސިވިލުގެ އީޒީ ޖެޓް އެއާލައިންގެ ބޯޓު ސްޕެއިންގެ ވައިގެ ބަނދަރަށް ޖައްސަން ދެން އެ ބޯޓާއި އެކީ ދަތުރު ކޮށްފައެވެ.

އަދިތްޔާ ވަރްމާގެ މި މައްސަލައިގެ ޝަރީއަތް މިހާރު ކޯޓުގައި ކުރިއަށް ދާއިރު އޭނާ ބުނެފައިވަނީ އޭނާ އެއްވެސް މީހަކަށް ގެއްލުމެއް ދިނުމަށް ދުވަހަކުވެސް ނުވިސްނާ ކަމަށާއި، އޭނާގެ އެ މެސެޖަކީ އެކުވެރިންތަކަކަށް މަޖަލަކަށް ފޮނުވި މެސެޖެއް ކަމަށެވެ.

ވަރުމާ ވަނީ އޭނާގެ އަމަލުތަކަށް ވަރަށް ބޮޑަށް މާފަށް އެދިފައެވެ. އޭނާ ކޯޓުގައި ބުނެފައިވަނީ ފައިޓާ ޖެޓްތައް ފެނުމުން އޭނާ ހީކުރީ އެއީ އަސްކަރީ ތަމްރީން ތަކެއް ހެދުމަށްޓަކައި ހަރަކާތްތެރިވާ ޖެޓް ތަކެއް ކަމަށެވެ. އެއީ އެ ދުވަސްކޮޅަކީ ރަޝިއާ ޔޫކުރޭނު ހަނގުރާމަ ފެށުނު ދުވަސް ކޮޅު ކަމަށްވާތީއެވެ.

އަދިތްޔާ ވަރްމާ އާއި ދެކޮޅަށް ކުރަނީ އާންމުންގެ ތެރޭގައި ސުލްހަ މަސަލަސްކަން ނަގާލުމުގެ ދައުވާ އެވެ. އޭނާގެ މައްޗަށް އެ ދައުވާ ސާބިތުވެއްޖެ ނަމަ އޭނާ އަށް 120،000 ޑޮލަރުގެ ބޮޑު ޖޫރިމަނާ އެއް އަންނާނެއެވެ. މި ތަނުން 103.000 ޑޮލަރަކީ ސްޕެއިންގެ އަސްކަރީ ޖެޓްތައް އޮޕަރޭޓް ކުރުމަށް ދިޔަ ހަރަދެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މއކ

    މޮނާކޯ އެއީ މިނިވަން މުސްތަހިއްލު ގައުމެއް. ސްޕޭނާ ބެހޭ ތަނެއްވެސް ނޫން. ބޯޑާ އިންނާނީ ފްރާންސާ އިންވެގެން

  2. ލަވް

    މޮނާކޯ އެއީ ޖަޒީރާ ރަށެއްނޫން. ސްޕެއިންނާ ބެހޭތަނެއްވެސް ނޫން.