މި އަހަރުގެ ނޮވެންބަރު ހަތްވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައި އޮތް ފިލްމު "ތަގްސް އޮފް ހިންދުސްތާން" ރިލީޒް ކުރުން ނޮވެންބަރު އަށްވަނަ ދުވަހަށް ލަސްކުރި ސަބަބު ހާމަވެއްޖެއެވެ.
އެކްޓަރު އާމީތާބު ބައްޗަނާއި އެކްޓްރެސް ކެޓްރީނާ ކައިފްއާއި ފާތިމާ ސަނާ ޝެއިޚްގެ އިތުރުން އާމިރް ޚާންވެސް މުހިންމު ރޯލުތަކުން ފެނިގެންދާ މި ފިލްމުގެ ރިލީޒިން ތާރީޚް ޑިލޭ ކޮށްފައިވަނީ އާމިރްގެ ލަފާގެ މަތިންނެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި، އާމިރްގެ ލަފާގެ މަތިން ފިލްމު ރިލީޒް ކުރުން ލަސްކުރީ ދިވާލީ އަށްފަހު ފިލްމު ރިލީޒް ކުރުމުން މާ ބޮޑު ތަރުހީބު ލިބޭނެ ކަމަށް ލަފާ ކުރެވޭތީއެވެ.
"އާމިރް އަކީ އަބަދުވެސް ވިޔާފާރީގެ ޕޮއިންޓުންވެސް ވިސްނާ މީހެއް. އޭނާ ޚިޔާލު ދިނީ ދިވާލީ ނިމި އޭގެ އެއް ދުވަސް ފަހުން ފިލްމު ރިލީޒް ކުރުމަށް. އެއީ ދިވާލީގެ ކަންކަމުގައި މީހުން އަވަދިނެތި އުޅުމުން އެ ދުވަހު ސިނަމާތަކަށް އޮންނަ ޑިމާންޑް ކުޑަ ވާނެތީ. އެހެންވެ އެންމެން އާމިރްގެ ޚިޔާލަށް ތާއީދުކޮށް ފިލްމު ރިލީޒް ކުރުން އެއް ދުވަހަށް ލަސްކުރީ" މީޑިއާތަކަށް މައުލޫމާތު ދެމުން ޕްރޮޑަކްޝަން ޓީމްގެ މީހަކު ބުނެފައިވެއެވެ.
"ތަގްސް އޮފް ހިންދުސްތާން"ގެ ފުރަތަމަ ޓީޒާ މިހާރު އާންމުވެފައިވާއިރު، ފިލްމުގެ ޓްރެއިލާއަށް ސަޕޯޓަރުންގެ މެދުގައި އޮތް ޝައުގުވެރިކަން ވަނީ އިތުރުވެފައެވެ.
މިއީ އަމީތާބާއި އާމިރް އެކުގައި ފިލްމަކުން ފެނިގެންދާނެ ފުރަތަމަ ފަހަރުވެސް މެއެވެ.
"ތަގްސް އޮފް ހިންދުސްތާން" އަކީ 1839 ވަނަ އަހަރު ނިކުތް ނޮވެލް މެއޮޑީވްސް ލިޔެފައިވާ "ނޮވެލް ކޮންފެޝަން އޮފް އަ ތަގް" މި ވާހަކައިގެ މައްޗަށް ބިނާކޮށް ގެނެސްދޭ ފިލްމެކެވެ. އެ ވާހަކަ ބިނާވެފައި އޮންނަނީ އިންޑިއާގައި އިނގެރޭސިން ވެރިކަންކުރިއިރު، އިނގެރޭސިންނަށް އެ ގައުމުގައި ހަމަޖެހިގެން އުޅުނަ ނުދިނުމަށްޓަކައި މަސައްކަތްކުރި "ތަގެއް" ނުވަތަ ގޭންގު ސްޓާރެއްގެ މައްޗަށެވެ.
މިއީ ރަޝް ރާޖް ފިލްމު ޕްރޮޑަކްޝަންގެ ދަށުން ވިޖޭ ކްރިޝްނާ އަޗަރިޔާ ޑައިރެކްޓް ކޮށް ކުޅަދާނަ ޕްރޮޑިޔުސަރ އަދިއްތިޔާ ޗޯޕްރާ ޕްރޮޑިޔުސްކުރާ ފިލްމެކެވެ. މި ފިލްމުގެ ބައެއް މަންޒަރުތައް ޝޫޓް ކޮށްފައިވަނީ ތާރީޚީ ބުރިޖެއްގައެވެ.