ސްކޫލުގެ ކިޔެވުން ކުރިއަށް ދިޔަ ދުވަސްވަރުގެ ތެރޭގައި ދަރިފުޅު ގޮވައިގެން ޗުއްޓީއަށް ދިޔަ ދެމަފިރިއަކަށް ބޮޑު އަދަބެއް ލިބިއްޖެއެވެ. ސްކޫލުގެ މެނޭޖްމަންޓަށް އެންގުމެއް ނެތި، ދަރިފުޅު ގޮވައިގެން ޗުއްޓީ ދަތުރު ދިޔުމުން، މި ދެ މަފިރިން ޖަލު ޙުކުމެއް އައިސްދާނެކަމަށް ބެލެވެން ފަށައިފިއެވެ.

ބައިނަލްއަޤުވާމީ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފައިވާ ގޮތުގައި މިކަން ހިނގާފައިވަނީ އިނގިރޭސިވިލާތުގައެވެ. އެޤައުމުގައި ހުންނަ ސްކޫލެއްގައި ކިޔަވަމުންދާ ހަތް އަހަރުގެ މި ކުއްޖާ ގޮވައިގެން ކުއްޖާގެ މައިންބަފައިން ގޮސްފައިވަނީ 3000 ޕައުންޑުގެ އަގުބޮޑު ޗުއްޓީ އަކަށެވެ.

ޖެނިން ސްކޮޓް އަދި ޝޭން ސްކޮޓް، މިކަމާ ގުޅިގެން ބުނެފައިވަނީ މިއީ ކުށެއްކަމަށް އެމީހުން ނުދެކޭކަމަށެވެ. އަދި، މައްސަލައާ ގުޅިގެން އެމީހުންނަށް ވަކާލާތު ކޮށްދިނުމަށް ވަކީލަކު ހޯދަމުންދާކަމަށްވެސް ބުނެފައިވެއެވެ. އެމީހުން ބުނެފައިވާ ގޮތުގައި ކޯޓުން އެމީހުންގެ މައްޗަށް ޖަލު ޙުކުމެއް އިއްވާނެކަމަށް ބެލެވުނުކަމުގައިވިޔަސް، އެކަމަށް އެތައް ހެއްކެއް ބޭނުންވާނެއެވެ.

ދެމަފިރިން އިތުރަށް ބުނެފައިވާ ގޮތުގައި، އެމީހުންގެ މި ޗުއްޓީ އަކީ ސްކޫލަށް ޤަބޫލު ކުރެވޭ، ސްކޫލުން ހުއްދަ ދޭން ޖެހޭ ޗުއްޓީއެއްކަމުގައި އެމީހުން ޤަބޫލު ކުރެއެވެ. ސަބަބަކީ، ޗުއްޓީގެ ތެރެއިންވެސް އެމީހުންގެ ދަރިފުޅަށް އެތައް ކަމެއް ދަސްވެގެން ދިއުމުންނެވެ. އެގޮތުން، އެމެރިކާ އަށް ކުރި މި ދަތުރުގައި އެމެރިކާގެ ތާރީޚީ ބައެއް ކަންކަން ދަސްވެގެން ގޮސްފައިވާނޭކަމަށް ބުނެފައިވެއެވެ. އެގޮތުން، ސެޕްޓެމްބަރު 11 ގެ ޙަމަލާއާއި ގުޅޭގޮތުންނާއި އެމެރިކާގެ ދާރުލްއާސާރަށް ގޮސްގެންނާއި ވޯލް ސްޓްރީޓަށް ގޮސްގެން އެތައް ކަމެއް ދަސްވެފައިވާނޭކަމަށް ބުނެފައިވެއެވެ.

މިފަދަ މައްސަލައެއްގައި ކުށްވެރިވެގެން އެޤައުމުގައި ޖަލަށް ލެވޭނީ އެންމެ ގިނަވެގެން ތިން މަސް ދުވަހަށެވެ. އެހެންނޫންކަމުގައިވާނަމަ، ޖޫރިމަނާ ކުރެވިދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު