މޭގަން މާކެލް ޕްރިންސް ހެރީ އާއި ކައިވެނި ކުރުމުގެ ކުރިން ވެސް އިންސާނީ ޙައްޤުތަކާއި، ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީވުމުގައި ނަމޫނާ ދައްކައިފިއެވެ. އެހެންކަމުން މޭގަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ބައްދަލު ކުރުމަކީ އެހެން މީހުންގެ ޙައްޤުތަކަށް ވަކާލާތު ކުރާ މީހުން ބޭނުންވާ ކަމެއް ނޫނެވެ.

ޓްރަމްޕް އިނގިރޭސިވިލާތައް ދަތުރެއް ކުރަން ތައްޔާރުވަމުން ދާއިރު މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މޭގަން މިހާރު ވަނީ ރަނގަޅު އުޒުރެއް ދެއްކުމަށް ފަހު ޓްރަމްޕް އާއި ބައްދަލު ނުކުރަން ނިންމާފައެވެ.

މޭގަން، ޓްރަމްޕް އާއި ބައްދަލު ނުކުރަނީ ބަލިވެ އިނދެ، ވިހަން ކައިރިވެފައި އިނުމުން އެފަދަ މުހިއްމު ބައްދަލުވުމެއްގައި ބައިވެރިވާން ސިއްހީ ހާލަތު ތަން ނުދޭ ކަމަށް ބުނެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޓްރަމްޕް އާއި މެލާނިއާ އިނގިރޭސިވިލާތައް ކުރާ ތިން ދުވަހުގެ ދަތުރުގައި ބަކިންހަމްޕެލަސް އަށް ގޮސް، ރާނީ އެލިޒަބަތުގެ އިތުރުން ޝާހީ އާއިލާގެ މެންބަރުންނާއި ބައްދަލު ކުރާނެއެވެ. ނަމަވެސް އެބައްދަލުވުމުގައި ބައިވެރި ނުވާން މޭގަން ނިންމާފައިވާ ކަމަށް މީޑިއާތަކުން ބުނެއެވެ. ރަސްމީ ފަރާތަކުން އެކަން ކަށަވަރު ކޮށެއް ނުދެއެވެ.

މޭގަން ވަނީ 2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކެމްޕޭންގައި ޓްރަމްޕް އާއި ދެކޮޅަށް ކެމްޕޭން ވެސް ކޮށްފައެވެ. މޭގަން ރިޔާސީ އިންތިޚާބުގައި ތާއިދު ކުރީ ހިލަރީ ކްލިންޓަނަށެވެ.

މޭގަން ކުރިއަށް އޮތް ހަފްތާ ތެރޭގައި ނުވަތަ އަންނަ މަހު ކުރީކޮޅު ވިހާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.