ކުއްލިއަކަށް ޖަހާލި ވިދުވަރުން މުޅި ސަރަހައްދު ދިއްލާލީ ފޫހި ގޮތަކަށެވެ.

ވަޔަށް ނަށަމުންދާ ފަތްތަކުން މަޑުމަޑު ނާނާއެއް ފަޒާގައި ހިފާފައިވާ ކަހަލައެވެ. އުޑުމަތިން ތަރިއެއްގެ ހިލަމެއް ނުވިނަމަވެސް ހަނދުގެ ބެބުޅުން އާދަޔާ ޚިލާފަށް ފުރިހަމައެވެ. ދޭތެރެ ދޭތެރެއަކުން ގުގުރާލައެވެ. ވިލާތަށް ބަރާކޮށްގެން އެ ތިބީ ހަމަ ދެންމެ ދެންމެ އޮއްސާލަފާނެ ޒާތަކަށެވެ. މަގުމަތިން މީހެއްގެ ހިލަމެއް ނުވަނީ އެހެންވެ ކަންނޭނގެއެވެ.

ރަށުގެ ބޮޑު މަގުން ކަންނެތް ޒާތަކަށް ހިނގަމުން އެ ދާ އަންހެން ކުއްޖާގެ ހިތުގައި ތެމިދާނެކަމުގެ ބިރެއް ނެތެވެ. އަތުގައި ކުޑައެއް ނެތްތާނގައި ހިނގުމުގައި ވަނީ މޮޅިވެރިކަމެވެ. ފުން ނޭވާއެއް ބޭރުކޮށްލީ ޤުދުރަތުން ވެސް މަލާމާތްކުރަނީ ހެއްޔޭ އަހާކަހަލަ ގޮތަކަށެވެ. ބަލާލަން ރީތި މޫނެކެވެ. ތުނިތުނި ތުންފަތް ތުރުތުރު އަޅަމުންދިޔައީ ކޮން ޖަޒުބާތަކުން ކަމެއް ބުނެދޭކަށް ނޭނގެއެވެ. ހިތުގައި އުފެދުނު ސުވާލުގެ ޖަވާބު ލިބިދާނެ ކަމުގެ އުއްމީދުގައި މިސްރާބު ޖަހާލީ ނޭފަތުން މައްޗަށެވެ. ނަމަވެސް އޭނާގެ ކަޅުކަން ގަދަ އިސްތަށިގަނޑުގެ ހިމާޔަތުގައި ލޯ ވަނީ ފޮރުވިފައެވެ.

ކަޅިވެސް ޖަހާނުލާ ބަލަހައްޓައިގެން ހުއްޓާ ފަހަތުން ފެންނަނީ ފިރިހެނެކެވެ.

ބައިމަތިފުޅާ، ނިކަން ވަރުގަދަ ފަހުލަވާނެކެވެ. ހިނގުމުގައި ހުރި ރުޅވެރިކަން އިހުސާސުކުރެވޭ ކަހަލައެވެ. އިރު އިރުކޮޅާ އަތްމުއްކަރުވާލައެވެ. ދެ ބުމަ ގޮށްޖެހިފައި ހުރިއިރު ހީވަނީ ދެންމެ ދެންމެ ހަމަލާއެއް ދީފާނެހެންނެވެ. މިސްރާބު ހުރީ އެއްކަލަ އަންހެން ކުއްޖާއާ ދިމާލަށެވެ. ނިޔަތް ރަނގަޅުހެން ހިޔެއްނުވެއެވެ. ޖެހެމުންދިޔަ ވައިގެ ދުވެލި ގަދަވިނަމަވެސް ލައިގެންހުރި ގަންޖިފަރާސް ތެމިފޯވަނީއެވެ. ލޮލުން ސިފަ ވަނީ އަނގުރު އަލިފާނެވެ.

އެންމެ ފަހުން އެއްކަލަ އަންހެން ކުއްޖާއާއި އަރާ ހަމަކޮށްފިއެވެ.

އަތުގައި ނެތް ބާރެއް ލާފައި އަންހެން ކުއްޖާގެ އުޅަނބޮށީގައި ހިފާ މަގުމައްޗާ ދިމާލަށް ހޫރާލީ މާބޮޑު އުނދަގުލަކާ ނުލައެވެ. ފިޔަވަޅު ހަލުވިވެފައި އަތްފައި އަވަހެވެ. ބިމުގައި ނުޖެހެނީސް އަނެއްކާ އެ ނެގީ ކަރުގައި ހިފާފައެވެ. އަދިވެސް އަންހެން ކުއްޖާގެ އަނގައިން އަޑެއް ނުނިކުމެއެވެ. ކުރިން ކަޝްވެފައިވި ލޯ މިހާރު އެ ހުރީ ތަންމިނަށް ހުޅުވިފައެވެ. މުށި ކުލައިގެ އެ ބޮޑު ލޮލަށް އަރާ ފައިބަމުންދަނީ ފުން ޖަޒުބާތުތަކެކެވެ.

އުޑުމައްޗަށް ޖަމާވަމުން ދިޔަ ވިލާތައް ފަރުބަދައެއް ފަދައިން އެއްތަންވެއްޖެއެވެ. ބޮޑު ތޫފާނެއްގެ ވަޢުދާއެކު ވާރޭ ބޯކޮށްލީ ކަޅިވެސް ޖަހާލާނެ ފުރުސަތެއް ނުދީއެވެ. މަގު މެދަށް ޖެހިފައި އޮތް އަންހެން ކުއްޖާ އަދިވެސް އޮތީ އޮތް ތާނގައެވެ. ކައިރީގައި އެއްކަލަ ރުންކުރު ފިރިހެނާ ހުރެ ހަމަ ނެއްތަނަށް ހަޅޭލަވަނީއެވެ. ވެހެމުންދިޔަ ވާރޭގެ އަޑާއެކު މަސްވުނިވަމުން ދިޔަ ޖުމްލަތަށް ދޭހަކުރަން ދަތިނަމަވެސް މަސައްކަތް ކުރީމެވެ. ދޫކޮށްލެވޭ ވަރަށްވުރެ ޝައުގުވެރި މަންޒަރެކެވެ.

އަޑު އިވުނު ވާހަކަތަކުން މައްސަލަ ވަރަށް ސާފެވެ. "ރުންކުރު ފިރިހެނާ" އަކީ ބިންމަތީގައި އޮތް އަންހެން ކުއްޖާގެ ތިން މަސް ދުވަހުގެ ފިރިމީހާއެވެ. މި ދެމީހުންގެ ކައިވެންޏަކީ ލޯބީގެ ބިންގަލެއް ނެތް ކައިވެންޏެއް ކަމާމެދު މިހާރު ޝައްކެތްނެތެވެ. ހިލޭ އަންހެނެއްގެ ދާންމަތީ މި ފިރިހެނާ އޮއްވާ ފެނުނުތާ އަދި ގަޑި އިރެއްހާ އިރުވެސް ނުވާނެއެވެ. އަންހެން ކުއްޖާގެ މޮޅިވެރިކަމުގެ ސިއްރަކީ މިއީތާއެވެ. އެންމެ ފަހުން ފިރިހެންމީހާ ދޫކޮށްލުމަށް އަޒުމްކަނޑައަޅާ ގެއިން އެ ނިކުތީ ދެން އިތުރު ވޭނެއް ތަހައްމަލް ކުރެވެން ނެތީމައެވެ.

ނަމަވެސް މި ގޮތްކުޑަ ފިރިހެނާއަށް އެކަން ހަޖަމެއް ނުވިއެވެ. ކައިވެނި ކުރީ އަންހެން ކުއްޖާގެ މުއްސަނދިކަމާއެވެ. އެހާ އަވަހަށް އެފަދަ ދުންޏަވީ އުފަލެއް ބީވެދާ މަންޒަރު ބަލާކަށް މީނާގެ ޖާހިލު ހިތަށް ކެތެއް ނުވިއެވެ. ގަދަ ބާރުން ނަމަވެސް އަންހެން ކުއްޖާ ހުއްޓުވަން މީނާ ބޭނުންވަނީ އެހެންވެއެވެ. ކުރިން ހަރު އަޑުން މުޚާތަބު ކުރިއަސް، އަނިޔާވެރި ގޮތަކަށް އަތް އިސްކުރާ މިއީ ފުރަތަމަ ފަހަރެވެ. ނަމަވެސް މިހާރު އަންހެން ކުއްޖާއޮތް ހާލަތަށް ބަލާ މާ ގިނަ އިރަކު ފުރާނަ ހުންނާނެހެންނެއް ހިޔެއްނުވެއެވެ.

ބާރުގަދަ ގުގުރިއަކާއެކު ފިރިހެން މީހާއަށްވެސް މިކަން ރޭކާލި ކަހަލައެވެ. އަންހެން ކުއްޖާ މިހާރު އެ އޮތީ ބިންމަތީ ހަނެވެ. ނޭވާ ލާ ކަމުގެ އެއްވެސް އިޝާރާތެއް ފެންނާކަށް ނެތެވެ. މޫނުމަތިން ސިފަވަނީ އާދަޔާޚިލާފް ހިމޭންކަމެކެވެ. ބޮލުގެ ދެތިން ތަނަކުން ލޭ ފައިބަފައިބާ ހުއްޓެވެ. ވާރެއާ އެކުވަމުން، ރަތްކުލައިގެ ކުޑަ ކޯރެއް އަންހެން ކުއްޖާ ވަނީ ވަށާލާފައެވެ.

ހިތް ހަރަސް އަހަރެންނަށް ވަރަށް އަސަރުކޮށްފިއެވެ.

މަންޒަރު ބަލަން ހުރިއިރު އަހަރެންގެ ދެބުމަ ވެސް ހުރީ ގޮށް ޖެހިފައެވެ. ހިތަށް އަރަމުންދެއެވެ. ކުޑަނަމަވެސް ފުރުސަތެއް ލިބިބަލާށެވެ. ދުވަސް ދުއްވާލާނަމެވެ. މިއީ ވަކި އަހަރެން ދަންނަ ބައެއްވެސް ނޫނެވެ. އެހެނަސް ބަދަލު ހިފުމަކީ އަހަރެން ވަރަށް ގަޔާވާ ކަމެކެވެ. އިންސާފު ލިބެންވާނީ ދިރިތިބި މީހުންނަށް އެކަންޏެއް ނޫންތާއެވެ. ރަހުމްކުޑަ ގޮތަކަށް ނެތި އެ ކޮށްލީ މައުސޫމު ފުރާނައެކެވެ. ކުށެއްނެތް އިންސާނެކެވެ. ނުވަގުތެއްގައި މިފަދަ މަންޒަރެއް އަހަރެންނަށް ފެނުމުގެ ފަހަތުގައި ކޮންމެވެސް ހިކުމަތެއް ވާންޖެހޭނެއެވެ.

ނަމަވެސް ދެ އިންސާނުންގެ ދެމެދުގައި ހިނގި ކަމެއްގެ ތެރެއަށް އަހަރެން ކަހަލަ މަޚްލޫޤަކަށް ވަދެވޭނީ އެފަދަ ދޮރެއް ހުޅުވިގެންނެވެ.

އިރުގަނޑެއް ވަންދެން ގަބުވެފައި ހުރި ފިރިހެނާ ހާސްވެ ތެޅިގަނެއްޖެއެވެ. ބިންމައްޗަށް ވެއްޓި އިނދެ ދެތިން ފަހަރު އަންހެން ކުއްޖާ ތަޅުވާލިއެވެ. ވިންދު ހުރިތޯ ބަލަން މޭ މައްޗަށް ތިރިވެ މިނިޓެއްހާއިރު އޮތުމަށްފަހު ބޯ ހިއްލައިލައިފިއެވެ. މާޔުސްކަމާއެކު އަންހެން ކުއްޖާއާ ދިމާލަށް ބަލަން އިނުމަށްފަހު ތެދުވެއްޖެއެވެ. ދެކޮޅު ދެކޮޅަށް ހިނގަންފެށީ އަހަރެންގެ ބޮލަށް ތަދުވާ ކަހަލަ ގޮތަކަށެވެ. އެންމެ ފަހުން މީނާ ނިންމީ އަންހެން ކުއްޖާ ކޮންމެވެސް ގޮތަކަށް ވަޅުލުމަށްފަހު ފައިސާކޮޅު ހިފައިގެން ރަށުން ފިލާށެވެ.

މީނާގެ ފުރާނަ ދުއްވާ ނުލާ އަހަރެންނަށް ލޮލުފިޔައެއްވެސް ނުޖެހޭނެ ތޯޗެވެ.

ގަޑިއެއްހާއިރު ތެރޭ އަންހެން ކުއްޖާ ވަޅުލައި ނިންމާލައިފިއެވެ. "ރުންކުރު ފިރިހެނާ"ގެ ފިޔަވަޅުމަތިން އަހަރެން ހިނގަމުންދިޔައީ ކުރަން އެ އުޅެނީ ކޮންކަމެއްތޯ ބެލުމުގެ ނިޔަތުގައެވެ. ވިއްސާރައިގެ އަސަރު މަޑުމަޑުން އުދަރެހުން ކެނޑެމުން ދިޔަޔަސް އުޑުމަތިން ވިލާ މަދުވާކަށް ނޫޅެއެވެ. ވައިގައި ހުރި ތެތްކަމުން ތުރުތުރު އަޅަމުން އެއްކަލަ ފިރިހެނާ ގޮސް އެ ވަނީ އަންހެން ކުއްޖާގެ ގެއަށެވެ.

ބޮޑު ގޯއްޗެކެވެ. އެކި ޒާތްޒާތުގެ ގަސްތައް ހައްދާފައި ވާއިރު މުޅި ސަރަހައްދައް ވެރިވެފައިވަނީ ނާމާންކަމެކެވެ. މީނާއަށް ފިލާވަޅެއް ދަސްކޮށްދޭން މިއީ އެންމެ އެކަށޭނަ ދަނޑިވަޅޭ ހިތަށް އަރަމުންދިޔައެވެ. މާބޮޑު ކަމެއް ނުކުރެވުނަސް ބިރުދައްކާލެވިދާނެއެވެ. ނަސީބު ހުރިއްޔާ ދުނިޔެއިން މޮޔަކޮށްލުމަކީވެސް ފަސޭހައިން ކޮށްލެވޭނެ ކަމެކެވެ. ހަމަ ގައިމުވެސް މި ޖައްބާރު ފިރިހެނާ އަށް އަރާމަކު ނޫޅެވޭނެއެވެ. މިއީ އަހަރެންގެ އަމިއްލަ ނަފްސަށް ވެވޭ ވަޢުދެކެވެ.

ކޮންމެއަކަސް މީނާ ފަހަތުން ގޮސް އަނދިރި ކޮޓަރިއަކަށް އަހަރެންވެސް ވަދެފީމެވެ. އަހަރެން ގޮސް ހުއްޓުނީ މި ފިރިހެނާގެ ކުރިމަތީގައެވެ. ނޭވާލާ އަޑު އިވޭހާ ކައިރީގައެވެ. ތިޖޫރީ އަކަށްފަހު ތިޖޫރީއެއް ހުޅުވަމުން ދިޔައީ ތުރުތުރު އަޅާ ހާލުގައެވެ. ހޯދަމުން އެ ދާ އެއްޗެއް އަދިވެސް ނުފެންނަ ކަހަލައެވެ. ހަރަކާތްތައް ލަސްވެފައި ގަންފައިވާ ބިރު ބޮޑެވެ. ފުރުސަތުގެ ބޭނުން ހިފާ އަހަރެން އިތުރަށް ގާތްވެލީމެވެ. މިހާ ހިސާބުން އިތުރު މީހަކު އެ ކޮޓަރީގައި އުޅޭކަމުގެ އިހުސާސު އެއްކަލަ ފިރިހެނާއަށް ކުރެވިއްޖެއެވެ.

ބާރު ހިނގުމެއްގައި ގޮސް އެންމެ ކައިރީގައި ހުރި ފުޅި ބައްތި ރޯކޮށްލައިފިއެވެ. ކޮޓަރިތެރެއަށް ބައްތީގެ ފަނޑު އަލި ފެތުރިގެން ދިޔުމުން އޭނާގެ ހިތަށް ތަސައްލީއެއް ލިބުނު ކަހަލައެވެ. ބޭރުކޮށްލި ފުން ނޭވާއިން ވެސް އެކަން ދޭހަވެގެން ދިޔައެވެ. އަހަރެން ގާތަށް އައި ރުޅީގައި ފުޅި ބައްތި ހޫރާލައިފީމެވެ. އެއްކަލަ ޖާނުން ވަރުގަދަ އިންސާނާ ފެށީ އަޑުގެ ނެތްތަނަށް ހަޅޭލަވާށެވެ. ދެންމެ ދެންމެ މީހެއްގެ ފުރާނަ ދުއްވާލާފައި އައިސް ހުރި މީހެކޭ ވެސް ބުނާކަށް ނޭނގެއެވެ. އަހަރެންނަށް މި މަންޒަރު ނުފެނުނު ނަމަ ގަބޫލުކުރަން ދަތިވީހެވެ. ފިނޑިކަން އިންތިހާއެވެ.

އަމިއްލަ އަށް ކޮންމެވެސް ފަތިވަރުތަކެއް ދަމަމުން އަނެއްކާވެސް ތިޖޫރީ އާ ދިމާލަށް ހިނގައިގަނެއްޖެއެވެ. މިފަހަރު އަހަރެންގެ ބަރު އަޑުން އޭނާއަށް ގޮވާލައިފީމެވެ. އިސާހިތަކު އޭނާގެ ހަރަކާތްތަކަށް ހުއްޓުމެއް އައިއްސިއެވެ. އަނދިރީގައި ތަނެއް ދޮރެއް ނުފެންނާނެކަން އަހަރެންނަށް އެނގެއެވެ. އަހަރެންގެ ތޫނު ކަންފަތަށް މީނާގެ އަވަސް ވިންދުގެ އަޑު ޖެހުމުން ހިތަށް ފިނިކަމެއް ލިބުނު ކަހަލައެވެ. އެހެންކަމުން، ހީވި ހީވުމެއް ކަމަށް ނުނިންމަނީސް އަހަރެން ވިސްނީ އިތުރަށް ބިރުގަންނަވާލާށެވެ. އަނެއްކާވެސް ގޮވާލައިފީމެވެ. މިފަހަރު ވައި އަޑުންނެވެ. އޭނާގެ ކަންފަތް ބުޑުގައެވެ.

ދުއްމާރިއެއްހެން ހަޅޭލަވަމުން ދުވެފައި އެ ނިކުތީ ތަނެއް ރޯވެގެން އުޅޭ ހެންނެވެ.

ގޭގެ އޮޅިބުޑުން ނުނެއްޓެނީސް ގަލެއްގައި އަޅައިގަނެ ފެންޑާއަށް ވެއްޓިއްޖެއެވެ. އަހަރެން ގަސްތުކުރީ އޭނާއަށް އަހަރެންގެ އަސްލު ސިފަ ދައްކާލާށެވެ. މިރޭ މީނާ އަށް ދެދުނިޔެ ފެންނަވަރު ކުރަން އެބަޖެހެއެވެ. ދެން ދުވަހަކުވެސް އަރާމު ނިންޖަކުން ނުނިދޭވަރު ކުރަން މަޖުބޫރެވެ. މިކަން މިހާ ޒާތީ ކަމަކަށް ވީ ކޮންއިރަކު ކަމެއް ނޭނގެއެވެ. ނަމަވެސް މި ފަދަ އިންސާނުން ދެކެ އަހަރެން އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ.

ޖަހާލި ވިދުވަރާއެކު އޭނާގެ ކުރިމައްޗަށް އަހަރެން އެރީ އަހަރެންގެ އަސްލު ސިފައިގައެވެ. އޭނާގެ މޫނު ހުދު ގަނޑުކޮޅަކަށް ވެގެން ދިޔަ މަންޒަރު އަހަރެން ބަލައިގަތީ ނުހަނު ހިތްހަމަޖެހުމާއެކުއެވެ. ދުލަށް އައިހައި ހެޔޮ އެއްޗެއް ކިޔަން ފަށައިފިއެވެ. އަހަރެންގެ ދިގު، ތޫނު ދަތްޕިލަ ފެންނަ ވަރަށް ނުބައި ހިނިގަނޑެއް ޖަހާލީ އޭނާގެ ފަރާތުން ފެނިގެންދާނޭ ހަރަކާތަކަށް ހުށިޔާރުވެ ހުރެއެވެ. ހީކުރި ގޮތަށް މީނާ ފުއްމައިގެން ތެދުވެއްޖެއެވެ. ބަލާކަށް ނުހުރެ ދުއްވައި އެގަތީ އަނދިރި ގަސްތަކު ތެރެއަށެވެ. އަހަރެން އޭރުވެސް ހުރީ އޮޅިގަނޑު ކައިރީ ހަނެވެ.

މިހެން ހުއްޓާ އިވިގެންދިޔައީ ނުބައި ހަޅޭކެއްގެ އަޑެވެ. އެއްކަލަ ފިރިހެން މީހާގެ އަޑެވެ. އަވަސް އަވަހަށް އަހަރެން ގޮސް ގަސްތަކުން ނެއްޓުނު އިރު ފެންނަން އޮތީ ބަލާލަން އުނދަގޫ މަންޒަރެކެވެ. ބަނބުކެޔޮ ގަހެއްގެ މަގަތުގައި ހުރި ފޭރާއެއްގެ މައްޗަށް ވެއްޓި އެއްކަލަ ފިރިހެނާ އެ އޮތީ މަރުވެފައެވެ. އަހަރެންނަށް ހުރެވުނީ އާޝޯހުވެފައި މި މަންޒަރު ބަލާށެވެ. ޤުދުރަތުގެ ކުޅިގަނޑުވެސް ކިހާ ހެއްވާހެއްޔެވެ. މީހަކު މަރާލާފައި ފިލަންދިޔަ މީހެއްގެ ނިމުން އެ އައީ އެއަށްވުރެ ހިތިކޮށެވެ.

ވާރޭ ތުނިކޮށްލައިފިއެވެ. އިރު އުދަރެހަށް ފާއްދާލީ އާ ދުވަހަކަށް މަރުހަބާ ކިޔަމުންނެވެ. މާ ލަސްތަކެއް ނުވެ އެއްކަލަ ކުޑަ ރަށު ތެރެއަށް ފެތުރިގެން ދިޔައީ އާދަޔާ ޚިލާފް ދެ މަރުގެ ވާހަކައެވެ. ދެމަފިރިންނޯލައެވެ. އިހަކަށް ދުވަހަކު އިނދެގެން، ނުލާހިކު ލޯބިން އުޅުނު ދެމީހުންނޭވެސް އެބަ ކިޔައެވެ. ބަޔެއްގެ ހަސަދައިގައި ޖެހި ނުބައިގޮތަކަށް މަރާލާފަޔޭވެސް ކިޔާ އަޑު އިވެއެވެ.

އިންސާނުންނަކީ ހާދަ ފާޑެއްގެ ބަޔެކެވެ.

މިރަށަށް އަހަރެން އެރީ ވަކި މަގުސަދެއް ނެތިއެވެ. އިންސާނުންގެ މައްޗަށް އަހަރެންގެ ހިތުގައި އޮންނަ ޝައުގެއްގެ ބޮޑުކަމުންނެވެ. ނަމަވެސް އެންމެ ރެއެއްގައި ހިނގާ އެ ދިޔައީ އަހަރެން ދުވަހަކުވެސް ހަނދާނުން ފުހެވިގެން ނުދާނެ ހާދިޡާއެކެވެ.