ދިގު މުއްދަތެއްގެ ޖަލުހުކުމަކުން ސަލާމަތްވުމަށް، ބޮލީވުޑްގެ މަޝްހޫރު ތަރި، ސަލްމާން ޚާނަށް އެންމެ ފަހުގެ ފުރުސަތު ދީފިއެވެ.
ހިމާޔަތް ކޮށްފައިވާ ފުއްލާއެއް މަރާލި މައްސަލައާ ގުޅިގެން ޖަލަށްލާން ހުކުމްކޮށްފައި ވަނިކޮށް ކަފާލާތުގެ ދަށުން މިނިވަން ވެފައިވާ ސަލްމާން އަލުން އަނބުރާ ޖަލަށް ދާން ޖެހިދާނެ ކަމުގެ ބިރު ބޮޑުވެފައި ވަނީ، އޭނާ ކަފާލާތުގެ ދަށުން މިނިވަންވި އިރު ކޮށްފައިވާ ޝަރުތުތަކާއި އެއްގޮތަށް ކަންކަން ކުރަމުން ނުދާތީ ކަމަށް އިންޑިއާގެ ނޫސްތަކުގައި ބުނެފައި ވެއެވެ.
އެގޮތުން ސަލްމާނަށް ޙުކުމް ކުރި ޖަދްޕޫރު ކޯޓަށް ހާޒިރުވާން ޖެހޭ ދުވަސްތަކުގައި ކޯޓަށް ހާޒިރު ވަމުން ނުދާއިރު، އޭނާ ދެން ކޯޓަށް ދާން ޖެހޭ ދުވަހު ކޯޓަށް ނުގޮސްފިނަމަ އަލުން ޖަލަށް ލާނެކަމުގެ އިންޒާރުވެސް ކޯޓުން ވަނީ ދީފައެވެ.
ޙިމާޔަތްކޮށްފައިވާ ފުއްލާއެއް މަރާލި މައްސަލައިގައި ޖަދްޕޫރު ކޯޓުން ޙުކުމް ކޮށްފައިވަނީ ސަލްމާން ފަސް އަހަރަށް ޖަލަށްލައި ދިހަ ހާސް ރުޕީސްއިން ޖޫރިމަނާ ކުރުމަށެވެ. ކަފާލާތުގެ ދަށުން މިނިވަން ވުމަށްޓަކައި ސަލްމާންގެ ފަރާތުން 50،000 އިންޑިއާ ރުޕީސްގެ ޖަދްޕޫރު ކޯޓަށް ދައްކާފައި ވެއެވެ.
މި މައްސަލައިގައި ބޮލީވުޑްގެ އިތުރު ބައެއް ތަރިން ކަމަށްވާ ސައިފް އަލީ ޚާން އާއި ސޮނާލީ ބެންޑަރީ އަދި ނީލަމްގެ މައްޗަށްވެސް ދަޢުވާކޮށްފައި ވެއެވެ. ނަމަވެސް އެމީހުން ވަނީ ދަޢުވާ އިން ސަލާމަތްވެފައެވެ.