ކާރަކުން ޖައްސައި ގިނަ އަދަދެއްގެ "ކެންގަރޫ" ތަކެއް މަރާލި މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
އޮސްޓްރޭލިއާގައި ހިނގައިދިޔަ މި ހާދިސާގައި މުޅިއަކު 20 ކެންގަރޫ ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ޅަ އެއްޗެހި ވެސް ހިމެނެއެވެ.
ފުލުހުން ވިދާޅުވީ، ކާރު ދުއްވަން އިން 19 އަހަރުގެ ފިރހެން މީހާ އިއްޔެގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މިކަން ހިނގާފައިވަނީ ހޯމަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ކަމަށެވެ. އޭނާގެ މައްޗަށް ގަސްތުގައި ޖަނަވާރުތަކެއް މަރާލި ކަމުގެ ކުށުގެ ދައުވާ އުފުލާފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
އޮސްޓްރޭލިއާގެ ގާނޫނު ބުނާގޮތުން ޖަނަވާރަކަށް އަނިޔާއެއް ދީފައިވާނަމަ 5 އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން 15،000 ޑޮލަރުން ޖޫރިމަނާ ކުރެވޭނެއެވެ.
މި މައްސަލާގައި ހައްޔަރު ކޮށްފައިވާ ޒުވާނާ އަންނަ މަހުގައި ކޯޓަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި އޭނާގެ މައްޗަށް ގަސްތުގައި ޖަނަވާރުތަކެއް މަރާލި ކަމުގެ ދައުވާ އުފުލާނެއެވެ.
މަރާލެވިފައިވާ ކެންގަރޫގެ ޖީބުގައި ކުދި 3 ކެންގަރޫ ތިބި ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި ސަމާތްވި، އެ ކެންގަރޫތައް މިހާރު ޖަނަވާރުން ބަހައްޓާ ހާއްސަ ކްލިނިކަކަށް ގެންދެވިފައިވާ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.
އޮސްޓްރޭލިއާގައި 18-2017 އަށް ޖަނަވާރުންނަށް އަނިޔާދީގެން މުޅިއަކު 57،000 މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހެޅިފައިވެއެވެ.