ކައިވެނި ޕާޓީއެއްގެ ތެރެއިން ފިރިހެނަކު އަންހެނުންތަކަކާ ފޮށުނު މައްސަލައިގެ ނަތީޖާ ވަރަށް ގޯސްވެ، ބޮޑު ލޭ އޮހޮރުމެއް ހިނގައިފިއެވެ.

އިނގިރޭސިވިލާތުގެ ވުލްވަހެމްޕްޓަންގެ ރަމަދާ ޕާކް ހޮޓެލް ގައި މިމަހުގެ 12 ވަނަ ދުވަހު ކުރިއަށް ދިޔަ ކައިވެނީގެ ހަފްލާއެއްގެ ތެރެއިން ހިނގި މި ހާދިސާގައި ތިން މީހަކަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. މި ހާދިސާގެ ވީޑިއޯ ފުޓޭޖުވެސް މިހާރު މީސްމީޑިއާގައި ދައުރުވަމުންދާއިރު، އެތަނުގެ ތެރޭގައި ބޮޑު މާރާމާރީއެއް ހިނގާ މަންޒަރު ފެނިގެންދެއެވެ. ހޮޓަލުގެ ތެރޭގައި ފެށުނު އެ ތަޅާފޮޅުން އެންމެ ފަހުން ހޮޓަލުގެ ބޭރުގައިވެސް ކުރިއަށް ދިޔައިރު، ބޮޑު މާރާމާރީއެއް ވަނީ ހިނގާފައެވެ.

އެ ހާދިސާގައި އަނިޔާވެފައިވަނީ ރަމަދާ ޕާކް ހޮޓަލުގެ މުވައްޒަފެއްގެ އިތުރުން، ކައިވެނީގެ ހަފްލާއަށް ދަޢުވަތު ލިބިގެން ދިޔަ، 2 "މެހެމާނެކެވެ." އެ 3 މީހުންނަށް ލިބުނު އަނިޔާތަކަށް ފަރުވާ ހޯދުމަށް ވަނީ ހޮސްޕިޓަލަށް ގެންދެވިފައެވެ. އެމީހުންނަށް ލިބުނު އަނިޔާތަކުގައި، ގައިގެ އެކި ތަންތަނުން ވަނީ ލޭ އޮހޮރިފައެވެ. އެރޭގެ ޕާޓީގެ ސެކިއުރިޓީ ކަންކަމާ ހަވާލުވެގެން ހުރި ޓައިސަން ލިއޯން ބުނިގޮތުގައި އެ ހަމަނުޖެހުން ހިނގާފައިވަނީ އެ ޕާޓީއަށް ދިޔަ ފިރިހެނަކު، އަންހެނުންތަކަކާ ފޮށުނު މައްސަލައެއްގެ ތެރެއިން ކަމަށެވެ.

"އެންމެންނަށްވެސް ފެންނާނެ އެތަނުގެ ތެރޭގައި ނުތަނަވަސްކަން ބޮޑުވަމުން ދިޔަތަން. އެކަމަކު ސެކިއުރިޓީންނަށް ތިބި ޕްރައިވެޓް ސެކިއުރިޓީ ގާޑުން އެއްވެސް ކަމެއް ނުކުރޭ، އެ މައްސަލަތައް ހައްލުކުރަން. އެންމެ ފަހުން އެކަންތައް ތަޅާފޮޅުމަކަށް ބަދަލުވެ، މީހުން އެކަކު އަނެކަކު ގަޔަށް އަތްލައި، މާރާމާރީ ހިންގައި، ބިއްލޫރި ތައްޓާއި، ފުޅި އުކައި، އެތައް ބަޔަކަށް އަނިޔާވި. ވަރަށް ދެރަވަރު ކަމެއް މިއީ." އެރޭގެ ޕާޓީއަށް ދިޔަ މީހަކު ކިޔާދިނެވެ.

އެ މައްސަލަ ވެސްޓް މިޑްލޭންޑްސް ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. އަންހެނުންނާ ފޮށުމަކީ އިނގިރޭސިވިލާތުގެ އިތުރުން، މުޅި ދުނިޔޭގައިވެސް އާއްމު ކަމެކެވެ. ރާއްޖޭގައިވެސް އެފަދަ ކަންތައްތައް ވަރަށް ގިނަގިނައިން ހިނގައެވެ. ރާއްޖޭގައި ހިނގާ ބައެއް މާރާމާރީތަކުގެ ފެށުމަކީވެސް އަންހެނުންނާ ފޮށުމުގެ ސަބަބުން އުފެދޭ ނުތަނަވަސް ކަމުން ދިމާވާ ނަތީޖާއެއް ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު